އެމްޑީޕީގެ މިދިޔަ ވެރިކަމުގައި އެއްވެސް ބޭފުޅަކު ލިޔުއްވި ޙުތުބާއެއް އިސްލާމިކް މިނިސްޓްރީން ފޮރުވާފައި ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މިދިޔަ ސަރުކާރުގައި ދެ ޚުތުބާއިން ފޮރުވި ކަމަށް ތުހުމަތުކުރައްވާފައެވެ.
އެ ތުހުމަތާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ޒާހިރު ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރުންނަށް ޖަވާބުދެއްވުމަށް ވަޑައިގެން މިހާރުގެ އިސްލާމިކް މިިނިސްޓަރު ޝަހީމް ހެއްދެވީ އިތުރުފުޅެއް ކަމަށެވެ.
ޒާހިރު ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީން އެއްވެސް ބޭފުޅަކު ލިޔުއްވި އެެއްވެސް ޙުތުބާއެއް ފޮރުވާފައި ނުވާނެ ކަމަށެވެ. އަދި، މިނިސްޓަރު ޝަހީމްގެ ވާހަކަ އޭނާ ދޮގުކުރެއްވިއެވެ.
"އެއީ ރަނގަޅު ވާހަކައެއް ނޫން. ވަކި މައުޟޫއުއެއް ވަކި މީހަކު ލިޔުނު އެއްޗަކަށް ވީތީއެއް ނޯންނާނެ ނުކިޔާ. އަދި އެއްވެސް ބޭފުޅަކު ލިޔުއްވި ޙުތުބާއެއް ފޮރުވާފައި ނުހުންނާނެ،" ޒާހިރު ވިދާޅުވެފައިވެއެވެ.
ޒާހިރު ވަނީ ކުރީ ސަރުކާރުގައި ޙުތުބާ ކިޔުމަށް ބަދަލެއް ގެނެސްފައިވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުގެ މަތިން އައު ޙުތުބާތައް ކުރީ ސަރުކާރުގައި ކިޔާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުގައި މުޖުތަމައުއަށް ބޭނުންތެރި ރަނގަޅު މައުޟޫއުތައް ހުކުރު ދުވަހުގެ ޙުތުބާތަކުގައި ގެނެސްދީފައިވެއެވެ.
ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޝަހީމް ވަނީ މިދިޔަ ސަރުކާރުގައި ދެ ޚުތުބާއެއް ލިޔެ، ޝެޑިއުލްކުރުމަށް ފަހު ނުކިޔާ ބޭއްވި ކަމަށް ތުހުމަތުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޚުތުބާތައް ނުކިޔައެވެ.
އެކަމަކު، ނުކިޔާ ބާއްވާފައި އޮތީ ކީއްވެ ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
ޝަހީމް ވިދާޅުވީ، ނުކިޔާ ބާއްވާފައި އޮތް އެއް ޚުތުބާއަކީ ރިބާއާ ގުޅޭ ޚުތުބާއެއް ކަމަށެވެ. އަދި، އަނެއް ޚުތުބާއަކީ ވެރިމީހާގެ މަސްއޫލިއްޔަތާ ބެހޭ ޚުތުބާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، މި ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި ދެ ޚުތުބާ ވެސް ކިޔާފައިވާ ކަމަށެވެ.