އޭޝިއަން ޔޫތު ގޭމްސް 2025: އިންޑޮނޭޝިއާ އަތުން ބަލިވުމާއެކު ރާއްޖެއަށް އިތުރު އިންތިޒާރެއް

ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގެ އަންހެން ބީޗް ވޮލީ އިވެންޓްގައި ރާއްޖޭގެ އައިޝަތު ދީމާ ނަދީމާއި އަޒްކާ ބިންތު މުހައްމަދު ސިގުދީ ކުޅުނު ތިންވަނަ މެޗުގައި އިންޑޮނޭޝިއާ އަތުން އެއްވަރުވުމާއެކު ކުއާޓާގެ ޖާގަ ހޯދަން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

މި މެޗު ކާމިޔާބުކޮށްގެން ރާއްޖެއަށް ކުއާޓާގެ ޖާގައެއް ޔަގީންވާން އޮތެވެ. ބަހްރެއިންގެ ސަމާ ބޭ ބީޗްވޮލީ އެރީނާގައި ރޭ ދީމާއާއި އަޒްކާ ވާދަކުރީ އިންޑޮނޭޝިއާގެ އަޔުންޑާ އަދޭރިޔާއާއި ޗައިސޭލިއާ އެންޑިންޑާއާ ދެކޮޅަށެވެ. އެ ޕެއާއަކީ އަންހެން ބީޗް ވޮލީގެ އެއް ފެވަރިޓުންނެވެ. މެޗު އިންޑޮނޭޝިއާ ޕެއާއިން ގެންދިޔައީ ސީދާ ދެ ސެޓުންނެވެ.

އިންޑޮނޭޝިއާއާ ދެކޮޅަށް ރާއްޖޭގެ ޕެއާއިން ނުކުތީ ގޭމްސްގެ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ ދެމެޗުންވެސް މޮޅުވެފައި އޮވެގެންނެވެ. އެއީ ބަހްރެއިނާއި މޮންގޯލިއާ ކައިރިންނެވެ. އެ ދެމެޗުން މޮޅުވެ، ރާއްޖޭގެ ޕެއާ ކުއާޓާއާ ގާތަގައި އޮތް އިރު، ކުރިއަށްހުރި މެޗުތަކަށް އުންމީދު ބޮޑެވެ.

އިންޑޮނޭޝިއާ ޕެއާއިން މެޗުގެ ސެޓުތައް ގެންދިޔައީ 21-8 އަދި 21-12 އިންނެވެ. ދެ ސެޓުގައިވެސް ދީމާއާއި އަޒްކާގެ ޕެއާއިން ރަނގަޅަށް ކުޅެފައިވެއެވެ. ޚާއްސަކޮށް، ސެޓުތަކުގެ ކުރީކޮޅުގައި ރަނގަޅު ވާދައެއް ކޮށްފައިވެއެވެ.

ބީޗް ވޮލީ އަންހެން ޕެއާއަށް ދެން އޮންނާނީ ޖޯޑަންއާއި ތައިލެންޑާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. ޖޯޑަންއާ ދެކޮޅަށް ކުޅޭ މެޗު މާދަމާ އޮންނައިރު، ތައިލެންޑާ ދެކޮޅަށް ނުކުންނާނީ ހުކުރު ދުވަހެވެ.

comment ކޮމެންޓް