ޝަހީމް ހެއްދެވީ އިތުރުފުޅެއް، ބަންގީގެ އަޑު މަޑެއް ނުކުރަން: އާޒިމް

މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް: މިނިސްޓަރު ހެއްދެވީ އިތުރުފުޅެއް ކަމަށާއި ބަންގީގެ އަޑު މަޑެއް ނުކުރާ ކަމަށް ވިދާޅުވި -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން މިސްކިތްތަކުން ބަންގީގެ އަޑު މަޑުކުރަން އަންގާފައިނުވާނެ ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިގޮތަށް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވި ޖަވާބަކަށް ރައްދުދެއްވައެވެ.

ހުޅުމާލޭގައި ބަންގީގެ އަޑު މަޑު ކަމަށް ވިދާޅުވެ ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޝަހީމް ވިދާޅުވީ، މާލެ ސިޓީގެ މިސްކިތްތަކުގެ ސައުންޑް ސިސްޓަމް އޮންނަނީ ސިޓީ ކައުންސިލުގެ ދަށުގައި ކަމަށެވެ. އެ ސައުންޑް ސިސްޓަމްތަކާ ނުކުޅުމަށް ކައުންސިލަށް ތަކުރާރުކޮށް އަންގަމުން އަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ބަންގީގެ އަޑު ވީހާވެސް ދުރަށް އިއްވުމަށް އަޅުގަނޑުމެން މި އޮންނަނީ އަންގައިފައި، އޮންނައިރު ސިޓީ ކައުންސިލުގައި އެތިބޭ ބަޔަކު ގޮސްގެން އަޑު މަޑުކުރާ ގޮތް ހެދުމަކީ މިނިސްޓްރީއާ ބެހޭ ކަމެއް ނޫން،" ޝަހީމް ވިދާޅުވިއެވެ.

"މަނިކުފާނާ [ޝަމްހީދު] އެތާ ހުންނަވާ ބޭފުޅާ [އާޒިމް]އާ ވަރަށް ގާތްހެން އަޅުގަނޑަށް ހީވަނީ. ފަހަރެއްގައި ވާދަވެރިން ދެ ބޭފުޅުން ކަމަށްވެސް ވެދާނެ އެކަމަކު ބަންގީގެ މައްސަލައިގައި ވާދަވެރިކަން އޮވެގެން ނުވާނެ."

ރައްދުގައި އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލުން ބަންގީގެ އަޑު މަޑުކޮށްފައިނުވާނެ ކަމަށާއި ޝަހީމް ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އަދި ބަންގީގެ އަޑު މަޑުކޮށްފައި ގަދަ ކުރާނީ ވެސް އިސްލާމިކް މިނިސްޓްރީން ވަޒީފާ ދީފައިވާ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/212987

މިއަދުގެ ޖަލްސާގައި މާލެ ސިޓީ ކައުންސިލާމެދު މިފަދައިން ތުހުމަތުކުރުމުގެ އިތުރަށް ޝަހީމް ވަނީ ކުރީ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީން އަމަލުކުރިގޮތާމެދު ވެސް ތުހުމަތުކުރައްވާފައެވެ.

ޝަހީމް ވިދާޅުވީ ކުރީ ސަރުކާރުގައި ދެ ޝެއިޚެއް ލިޔުއްވި ދެ ހުތުބާއެއް މިނިސްޓްރީން ފޮރުވާފައި ބެހެެއްޓި ކަމަށެވެ. އެހެންނަމަވެސް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ އެއީ ދޮގު ތުހުމަތެއް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް