މާލެއަށް ހަމަލާ ދޭން ރޭވުމުގެ ތުހުމަތުގައި ތިން ފިރިހެނަކަށް ޓެރަރިޒަމްގެ ދައުވާ

ކުއްލި އޮޕަރޭޝަންގައި ގެއެއް ބަލައި ފާސްކޮށް، މީހަކު ހައްޔަރުކުރުން --- ސަން ފޮޓޯ/ އަހުމަދު ސާއިލު އަލީ

ގައުމީ ސަލާމަތާ ގުޅުންހުރި ކަމެއްގައި, ސިފައިންނާއި ފުލުހުން ގުޅިގެން މާލެ ސަރަހައްދުގައި މިދިޔަ ރޯދަ މަހު ކުރިއަށް ގެންދިޔަ ކުއްލި އޮޕަރޭޝަނުގައި ހައްޔަރު ކުރި ތިން ފިރިހެނެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

ފުލުހުން ކުރިން ބުނެފައިވަނީ އެ އޮޕަރޭޝަނަކީ، އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސިފައިންނާ ގުޅިގެން ހިންގި ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ، އަބްދުﷲ ހުވައިރިސް ބިން މުހައްމަދު، މ. އެޗީވް، ސައުސަން ރަޝީދު، ހިތަށްފިނިވާގެ/ ގދ. ނަޑެއްލާ އަދި އިބްރާހީމް ވިސާމް، ފިނިފެންމާގެ/ ސ. މަރަދޫ އެވެ.

https://sun.mv/203538

އެ މައްސަލައިގައި ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަކީ، މާލެ އާއި މާލެ ކައިރި ރަށަކަށް ޓެރަރިޒަމްގެ ހަމަލާއެއް ދޭން ރޭވި ކަމުގެ މައުލޫމާތު ކަމަށް ޕީޖީ އޮފީހުންވަނީ ބުނެފައެވެ.

ހައްޔަރު ކުރި ތިން މީހުންނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ތާއީދުކުރާ ބަޔެއް ކަމަށް އެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވެއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ތިން މީހުންގެ ތެރެއިން ހުވައިސްގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވެއެވެ.

އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިއުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އާއި ހަނގުރާމައަށް މީހަކު ފޮނުވުމަށް މަސައްކަތްކުރުމުގެ ކުށުގެ ދައުވާއެވެ.

https://sun.mv/203563

ސައުސަންގެ މައްޗަށް އުފުލީ ދެ ދައުވާއެކެވެ. އެއީ ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިއުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

ވިސާމްގެ މައްޗަށް ކުރަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިއުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

comment ކޮމެންޓް