ރާއްޖެ ބަލިކޮށް، މުބާރާތް ބާއްވާ ބަންގްލަދޭޝަށް ރަނގަޅު ފެށުމެއް

ރާއްޖެއާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ބަންގްލަދޭޝް ވޮލީބޯލް ފެޑެރޭޝަން

ބަންގްލަދޭޝްގައި ފެށިގެން ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ)ގެ މެންސް ކަޕު 2025 ގައި ރާއްޖޭގެ ސީނިއާ ގައުމީ ވޮލީބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ބަންގްލަދޭޝް އަތުން ބަލިވެެއްޖެއެވެ.

ޑާކާ ސިޓީގެ ޝަހީދު ސުހްރާވަރްދީ އިންޑޯ ސްޓޭޑިއަމްގައި ބަންގްލަދޭޝް ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. ބަންގްލަދޭޝްއަކީ މި މުބާރާތުގެ އެއް ފެވަރިޓެވެ.

ސީދާ ތިން ސެޓުން ބަންގްލަދޭޝް މި މެޗު ކާމިޔާބުކުރި ނަމަވެސް ދިވެހި ޓީމުން ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. އެގޮތުން ކުޅުނު ތިން ސެޓުގެ ތެރެއިން ދެ ސެޓުން ބަންގްލަދޭޝް މޮޅުވީ ހަނި ތަފާތަކުންނެވެ.

ރައުންޑް ރޮބިން އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ބަންގްލަދޭޝް މެޗުގެ ސެޓުތައް އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 25-21، 25-13 އަދި 25-21 އެވެ.

މި މަހުގެ 28 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއާއެކު ޖުމުލަ ހަ ގައުމެއް ވާދަކުރެއެވެ. އެއީ މުބާރާތް ބާއްވާ ބަންގްލަދޭޝް، ނޭޕާލް، ސްރީ ލަންކާ، ތުރުކުމެނިސްތާން އަދި އަފްގާނިސްތާނެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މިއަދު ރާއްޖެގަޑިން 13:30 ގައި ބައްދަލުކުރާނީ އަފްގާނިސްތާނާއެވެ. އަފްގާނިސްތާނު ވަނީ ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ސްރީ ލަންކާ އަތުން ބަލިވެފައެވެ. އެ ޓީމު ބަލިވެފައިވަނީ ފަސް ސެޓު ކުޅެގެން ވަރުގަދަ ކުރިމަތިލުމަކަށް ފަހުއެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ހުރިހާ މެޗުތައް އެސްއެސްޓީވީން ވަގުތުން ގެނެސްދޭއިރު، އެހެން ގައުމުތައް ކުޅޭ މެޗުތަކާއެކު މުބާރާތުގެ ހުރިހާ މެޗެއް ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ.

އެހެންކަމުން މިއަދު 13:30 ގައި ރާއްޖެއާއި ސްރީ ލަންކާ ކުޅޭ މެޗު އެސްއެސްޓީވީން ވަގުތުން ގެނެސްދޭނެއެވެ. އަދި, މިއަދު ކުޅެން ހަމަޖެހިފައިވާ އެހެން މެޗުތައް ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް ގެނެސްދޭނެއެވެ.

comment ކޮމެންޓް