މި ސަރަހައްދުގައި ދިރިއުޅުމުގެ ޚަރަދު އެންމެ ބޮޑީ ރާއްޖޭގައި

މާލޭ މަގުމަތި: ދިރިއުޅުމުގެ ޚަރަދު އެންމެ ބޮޑީ މި ސަރަހައްދުގައި ވެސް ރާއްޖޭގައި -- ސަން ފޮޓޯ/ މޫސާ ނަދީން

މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ދިރިއުޅުމުގެ ޚަރަދު އެންމެ ބޮޑީ ރާއްޖޭގައިކަން ހާމަވެއްޖެއެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ 'ފިންޓެކް ނިއުސް'ގައި ވަނީ މި ސަރަހައްދުގެ ގައުމުތަކުގައި މަހަކަށް މީހަކު އެވަރެޖުކޮށް ޚަރަދުކުރާނެ ކަމަށް އަންދާޒާކުރެވޭ ހިސާބުތަކެއް އާންމުކޮށްފައެވެ.

އެގޮތުން، އެވަރެޖުކޮށް ރާއްޖޭގައި މީހަކު މަހަކަށް 840.4 ޑޮލަރު ޚަރަދުކުރެއެވެ. އެއީ، ބޭންކު ރޭޓުން ބަލައިފިނަމަ، 12،958.9 ރުފިޔާއެވެ. އެހެންވެ، މި ސަރަހައްދުގައި އެންމެ ޚަރަދު ބޮޑީ ރާއްޖޭގައި ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

ލިސްޓުގެ ދެވަނައިގައި އޮތް ސްރީލަންކާގައި މީހަކު މަހަކަށް 507.6 ޑޮލަރު ޚަރަދުކުރެއެވެ. އޭގެ އިތުރުން، ބޫޓާންގައި މީހެއްގެ އަތުން މަހަކަށް ޚަރަދުވަނީ، 387.2 ޑޮލަރެވެ. އެހެންވެ، ދެން ހުރި ގައުމުތަކަށް ވުރެ ރާއްޖޭގެ ޚަރަދު މާ ބޮޑަށް ވެސް ބޮޑެވެ.

ބާޒާރުމަތި ސަރަހައްދު: މި ސަރަހައްދުގައި ދިރިއުޅުމުގެ ޚަރަދު އެންމެ ބޮޑީ ރާއްޖޭގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިތުރު ގައުމުތަކުގައި މަހަކަށް ދިރިއުޅުމުގެ ޚަރަދަށް ބަލާއިރު:

  • އަފްގާނިސްތާނުގައި މީހަކު އެވަރެޖުކޮށް މަހަކަށް ޚަރަދުކުރަނީ 381.8 ޑޮލަރު
  • ބަންގްލަދޭޝްގައި 348.9 ޑޮލަރު
  • ޕާކިސްތާންގައި 340.4 ޑޮލަރު
  • ނޭޕާލްގައި މަހަކަށް ކުރަނީ 335.6 ޑޮލަރު
  • އިންޑިއާގައި 313.4 ޑޮލަރު

މި ސަރަހައްދުގައި ދިރިއުޅުމުގެ ޚަރަދު ބޮޑީ ރާއްޖޭގައިކަން ހާމަވިއިރު، ކާބޯތަކެތި ހިމެނޭހެން ގިނަ ބާވަތްތަކެއްގެ އަގުތައް ވަރަށް ބޮޑަށް ވަނީ އުފުލިފައެވެ. ރާއްޖެއަށް މުދާ އެތެރެ ކުރަން ބޭނުން ކުރާ ޑޮލަރުގެ އަގު ބްލެކް މާކެޓުގައި 20 ރުފިޔާއިން މައްޗަށް އަރާފައި ހުންނަތާ ވެސް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ތަކެތީގެ އަގުތައް ބޮޑުވަނީ ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވުމުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

https://sun.mv/199478

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން 2019 ވަނަ އަހަރު ހެދި ސާވޭއަކުން ދައްކާ ގޮތުގައި މާލޭ ސަރަހައްދުގެ ގޭބިސީއަކުން އެވްރެޖުކޮށް މަހެއްގެ މައްޗަށް 37،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެއެވެ. އަދި، ގޭބިސީގައި އުޅޭ ކޮންމެ މީހަކު އެވްރެޖްގޮތެއްގައި 7،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރަން ޖެހެއެވެ.

އެ ޚަރަދުގެ ބޮޑު އިންސައްތައެއް ހިއްސާވަނީ ޒަރޫރީ ބޭނުންތަކެވެ. އެއީ، ދިރިއުޅެން ކުރަން ޖެހިފައި އޮތް ޚަރަދެކެވެ. ދިރިހުންނަން ހިނގާ ޚަރަދެވެ.

ސާވޭއިން ދައްކާ ގޮތުގައި މާލޭގައި ދިރިއުޅޭ އާއިލާތަކުން، މުސާރައިގެ 35 އިންސައްތަ ޚަރަދުކުރަނީ ކުއްޔަށެވެ. ނިކަމެތި އާއިލާތަކުން 68 އިންސައްތައެއްހައި ފައިސާ ކުއްޔަށް ހޭދަކުރާއިރު ތަނަވަސް އާއިލާތަކުން ވެސް މުސާރައިގެ 28 އިންސައްތަ ކުއްޔަށް ދައްކައެވެ.

މާލޭގައި އުޅޭ އާއިލާތަކުން މަހެއްގެ މައްޗަށް އެވްރެޖްކޮށް 37،000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާއިރު، ގޭބީސީއަކަށް އެވްރެޖްކޮށް ލިބޭ އާމްދަނީއަކީ 35,596 ރުފިޔާއެވެ.

comment ކޮމެންޓް