އަހަރު ނިމެން ދެ މަސް ދުވަހަށް ވެފައިވާއިރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި މި އަހަރު ދައުލަތަށް ލިބޭނެ އާމްދަނީގެ ގޮތުގައި ބަޖެޓު ހެދިއިރު އަންދާޒާކުރި އަދަދުގެ 50 އިންސައްތަ ވެސް ނުލިބޭކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގިއްޖެއެވެ.
ސަރުކާރުން ހިސާބު ޖެހީ މި އަހަރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.
އެކަމަކު، މި މަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ހިނގި ޚަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނީ 2.4 ބިލިއަން ރުފިޔާއެވެ. އެއީ، އަންދާޒާކުރި އަދަދުގެ 47 އިންސައްތައެވެ. އެހެންވެ، އަހަރު ނިމެން ދެ މަހަށްވީއިރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ އަންދާޒާގެ 50 އިންސައްތައަށް ވެސް ނާރައެވެ.
އެއީ ވަރަށް ބޮޑު ދަށްވުމެކެވެ. މިދިޔަ އަހަރުގެ ނަންބަރުތަކާ އަޅާބަލާނަމަ، އެއީ 238 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރު ފެށުނީއްސުރެ އިމްޕޯޓު ޑިއުޓީން ލިބޭ އާމްދަނީ ހުރީ ވަރަށް ދަށްކޮށެވެ. އެއީ ކީއްވެތޯ މީގެ ކުރިން ނޫސްވެރިން ސުވާލުކުރުމުން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު އެ ކަމަށް ސީދާ ޖަވާބެއް ނުދެއްވައެވެ. އޭރު ވިދާޅުވީ، ނަންބަރުތައް ބަލާލަން ޖެހޭނެ ކަމަށެވެ.
އެހެންވިޔަސް އެއީ ޗައިނާއާ އެކު ހެދި މިނިވަން ވިޔަފާރީގެ ސަބަބުން ދިމާވާ ކަމެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.
އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބައެއް މެންބަރުން ވަނީ އިމްޕޯޓު ޑިއުޓީ އެހާ ބޮޑަށް ދަށްވީ ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާ އެކު ކަމަށް ވިދާޅުވެފައެވެ.
ސިނގިރޭޓު ފޮއްޓެއްގެ އަގު 240 ރުފިޔާއާ ހަމައަށް އުފުލުމާ އެކު ސިނގިރޭޓުގެ ކަޅު ބާޒާރެއް ވަނީ އުފެދިފައެވެ. އަދި، ވަގަށް ސިނގިރޭޓު އެތެރެކުރާ މިންވަރު އިތުރުވެއްޖެއެވެ. އެހެންވެ، ބާޒާރުގައި ވަގު ސިނގިރޭޓު އަންނަނީ ފުޅާ ދާއިރާއެއްގައި ވިއްކަމުންނެވެ. އެ ފަދަ ބައެއް ޝިޕްމަންޓުތައް އަތުލައިގެން ނަމަވެސް ބާޒާރުގައި އަބަދު ވެސް 'ވަގު' ސިނގިރޭޓު ވިއްކައެވެ.
އިމްޕޯޓު ޑިއުޓީ ދަށްވެފައިވާއިރު މަޝްރޫއުތައް ނުހިނގާކަމުގެ ކަންބޮޑުވުން ވެސް ބޮޑެވެ.
ފިނޭންސްގެ ހިސާބުތަކުން އެނގޭ ގޮތުގައި އަހަރުގެ މިހާތަނަށް މަޝްރޫއުތަކަށް ޚަރަދުކުރީ ހަތަރު ބިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރަށްވުރެ ވެސް 5.6 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. އަދި، ބަޖެޓުކުރި އަދަދުގެ 32 އިންސައްތައެވެ. އެހެންވެ، މަޝްރޫއުތައް ހިނގާ މިންވަރު މަދެވެ.