ގުޅުން ހަރުދަނާކުރަން ޕާކިސްތާނާ އެކު މަޝްވަރާކޮށްފި

ޕާކިސްތާނުގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއާމަން، ޖެނެރަލް ސާޙިރް ޝަމްޝާދް މިރްޒާއާ އެކު ރައީސް: ގުޅުން ހަރުދަނާކުރަން ވަނީ މަޝްވަރާކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖެއާއި ޕާކިސްތާނާ އެކު އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރަން އެ ގައުމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މަޝްވަރާކުރައްވައިފިއެވެ.

އެ މަޝްވަރާކުރެއްވީ، ޕާކިސްތާނުގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއާމަން، ޖެނެރަލް ސާޙިރް ޝަމްޝާދް މިރްޒާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ބުރާސްފަތި ދުވަހު ހެނދުނު ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގެ ތެރެއިންނެވެ.

ރައީސް އޮފީހުން ބުނީ، ރައީސް މުއިއްޒު ޖެނެރަލް މިރްޒާއަށް ހޫނު މަރުހަބާއެއް ވިދާޅުވި ކަމަށެވެ.

ޕާކިސްތާނާ އެކު މަޝްވަރާކުރަނީ: ދެ ގައުމުގެ ގުޅުން ހަރުދަނާކުރަން ވަނީ މަޝްވަރާކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި މަޝްވަރާތައް ބިނާކުރައްވާފައިވަނީ ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދެ ބޭފުޅުން ވެސް އެއް ގައުމުން އަނެއް ގައުމަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ހިއްސާކުރާ އަޒުމު ތަކުރާރުކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.

comment ކޮމެންޓް