ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗަކީ އެތަކެއް ގޮތަކުން ހާއްސަ މެޗެކެވެ.
މި ރަމްޒީ މެޗުގެ އެއްކޮޅުން ކުޅުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނޭ ޓީމެކެވެ. މި ޓީމުގައި ހިމެނެނީ ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފާއި، ސަރުކާރާ ގުޅުންހުރި ފަރާތްތަކެވެ.
ފީފާގެ ރައީސް އިންފަންޓީނޯގެ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ހާއްސަ މޫނަކީ މަޓެރާޒީއެވެ. އޭނާއަކީ އިޓަލީއަށް ވޯލްޑްކަޕް ހޯދައިދިން ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. މީގެއިތުރުން ދިވެހި ފުޓުބޯޅައިގެ ލެޖެންޑު ކުޅުންތެރިންވެސް މި މެޗުން ފެނިގެންދިޔައެވެ.
މި މެޗާއެކު ހާއްސަ ފެސްޓިވަލެއް ވެސް ގަލޮޅު ދަނޑުގައި ކުރިއަށްދިޔައެވެ. މި ފެސްޓިވަލުގައި ރާއްޖޭގެ ފުޓުބޯޅަ އެކަޑަމީތަކުގެ ކުދިން ހިމެނެއެވެ.

އިންފަންްޓީނޯ އާއި ރައީސް ޑރ. މުއިއްޒު ކުޅުއްވި ރަމްޒީ މެޗުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
މީގެއިތުރުން އެފްއޭއެމްގެ ރައީސާއި އެ އިދާރާގެ އިސްވެރިންގެ އިތުރުން ފުޓުބޯޅަ އާއިލާގެ ގިނަ އަދަދެއްގެ ބޭފުޅުން ވަނީ މި ފެސްޓިވަލުގައި ބައިވެރިވެވަޑައިގެންފައެވެ.
މެޗު 6-4 ގެ ނަތީޖާއަކުން ކާމިޔާބުކުރެއްވީ އިންފަންޓީނޯގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު ފީފާގެ ޓީމެވެ.
ރަމްޒީގޮތުން ކުޅުނު މި މެޗުގެ ބޭނުމަކީ ދިވެހި ފުޓުބޯޅައަށް ފީފާ އާއި ދިވެހި ސަރުކާރުގެ ތާއިދު އޮތްކަން ހާމަކޮށްދިނުމެވެ. އަދި ގުޅިގެން ދިވެހި ފުޓުބޯޅަ އޮތް ފުން ވަޅުގަނޑުން ސަލާމަތްކޮށް އައު މިސްރާބަކަށް ދިވެހި ފުޓުބޯޅަ ގެންގޮސްދިނުންވެސް މި ހަރަކާތްތަކުގެ ތެރޭގައި ހިމެނެއެވެ.
އެންމެފަހުން ފީފާގެ ރައީސްއެއް ރާއްޖެ ވަޑައިގެންނެވީ މީގެ 19 އަހަރުކުރިންނެވެ. އޭރު އައީ ސެޕް ބްލެޓާއެވެ.