ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި ބަހައްޓާފައި ހުންނަ ގޮނޑިއާއި މޭޒު، އަދި ބިޔަކޮށް ހެދޭ ޒާތުގެ ގަސްތައް ނެގުމުގެ މަސައްކަތް ހުޅުމާލޭގެ މުނިސިޕަލް ކަންކަން ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ފަށައިފިއެވެ.
އެ ކުންފުނިން ބުނީ، މި މަސައްކަތުގެ މަގްސަދަކީ، ހުޅުމާލޭގެ މަގުތަކުގެ ދުވާރުތަކުގައި ބަހައްޓާފައި ހުންނަ ގޮނޑިތަކާއި މޭޒުތަކުގެ ސަބަބުން ދުވާރުން ހިނގާ މީހުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުން ކަމަށެވެ.
މީގެ އިތުރުން، ހެޖުތަކުގެ ތެރޭގައި އިންދާފައިވާ ބިޔަގަސްތަކުގެ ސަބަބުން ހުޅުމާލޭގެ މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެންބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވާތީ އެކަމަށް ހައްލު ގެނައުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެ ކުންފުނިން ބުނީ މި މަސައްކަތް ކުރަނީ 12 ޒޯނަކަށް ބަހާލައިގެން ކަމަށެވެ.

ހުޅުމާލޭގެ ދުވާރުމަތީ ބަހައްޓާފައި ހުންނަ ގޮނޑި، މޭޒު ނަގަނީ -- ފޮޓޯ: އެޗްޑީސީ
އެޗްޑީސީން ބުނީ މި މަސައްކަތުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އާއި ހުޅުމާލެ ޕޮލިސް ބައިވެރިވާ ކަމަށެވެ.
އަދި އެޗްޑީސީން ކުރިއަށްގެންދާ "ހިތްފަސޭހަ ހުޅުމާލެ" ކެމްޕެއިންގެ ދަށުން މި މަސައްކަތުގެ އިތރަށް ވެސް އެހެން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެކަމަށް ބުންޏެވެ.