ދުނިޔޭގެ އެންމެހަލުވި ހައި-ސްޕީޑް ރޭލު ގަޑިއަކު 896 ކިލޯމީޓަރަށް ދުއްވައިފި

ޗައިނާގެ ކުރިން މި ރެކޯޑް އޮތީ ޖަޕާނުގައި ---

ދުނިޔޭގެ އެންމެ ހަލުވި ހައި-ސްޕީޑް ރޭލު ކަމަށްވާ، ޗައިނާގެ 'ސީއާރު450'، ވިޔަފާރީގެ ދަތުރުތަކަށް ނެރުމަށްޓަކައި ކުރިއަށްގެންދާ ޓެސްޓުދަތުރުތަކެއްގެ ތެރެއިން، ގަޑިއަކު 896 ކިލޯމީޓަރުގެ ރެކޯޑް ސްޕީޑަކަށް ދުއްވައިފިއެވެ.

މި ކާމިޔާބީއާއެކު، ރަސްމީ ޚިދުމަތް ފެށުމަށް މި ރޭލު ދަނީ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

މި އާދަޔާޚިލާފު ބާރުމިނާއެކު، 2015 ވަނަ އަހަރު ޖަޕާނުން ގާއިމްކޮށްފައިވާ ގަޑިއަކު 603 ކިލޯމީޓަރުގެ ރެކޯޑް ވަނީ މުގުރާލާފައެވެ.

މި ރޭލު ތަރައްޤީކޮށްފައިވަނީ ޗައިނާ އެކަޑަމީ އޮފް ރެއިލްވޭ ސައިންސަސް އިންނެވެ. ރެކޯޑް ސްޕީޑަކީ ޓެސްޓެއްގައި ހޯދި ސްޕީޑެއް ނަމަވެސް، ވިޔަފާރީގެ ދަތުރުތަކުގައި 'ސީއާރު450' ދުއްވުމަށް ހަމަޖެހިފައިވަނީ ގަޑިއަކު 400 ކިލޯމީޓަރުގެ ބާރުމިނުގައެވެ. މިއީ މިހާރުވެސް ޗައިނާގައި ދުއްވާ 'ސީއާރު400 ފުކްސިން' ރޭލުތަކަށްވުރެ ބާރު ސްޕީޑެކެވެ.

ރަސްމީ ޚިދުމަތް ފެށުމުގެ ކުރިން، މި ރޭލު ޖުމްލަ 600,000 ކިލޯމީޓަރުގެ ޓެސްޓް ދަތުރުތައް ކާމިޔާބުކަމާއެކު ފުރިހަމަކުރަންޖެހެއެވެ.

ރޭލުގެ ފަރުމާއަށް ބަލާއިރު، 'ފަލްކަން' (ބާޒު) ގެ ތުންފަތުގެ ބައްޓަމަށް ޑިޒައިންކޮށްފައިވާ މި ރޭލުގެ ކުރިމަތި ދިގުކޮށް ހިމަކުރުމުގެ ސަބަބުން، ވައިގެ ހުރަސް 22 އިންސައްތަ ކުޑަވެއެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ، މިހާ ބާރުމިނުގައި ދުވާއިރުވެސް، ރޭލުން ބޭނުންކުރާ ކަރަންޓުގެ މިންވަރު ކުރީގެ މޮޑެލްތަކާ އެއްވަރެއްގައި ހިފެހެއްޓިފައިވުމެވެ.

މީގެ އިތުރުން، 'ސީއާރު450' އަށް ގަޑިއަކު 350 ކިލޯމީޓަރުގެ ސްޕީޑަށް އެރުމަށް ނަގަނީ އެންމެ 4 މިނެޓާއި 40 ސިކުންތެވެ. ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކަރަންޓު ޝޯޓްވުމެއް ފަދަ ހާދިސާއެއްގައި 0.2 ސިކުންތުގެ ތެރޭގައި މެޝިނަރީއަށް ގެއްލުންވުމުގެ ކުރިން ކަރަންޓު ކަނޑާލާ ޚާއްސަ ނިޒާމެއްވެސް ވަނީ ހަރުކޮށްފައެވެ.

ޚިދުމަތް ފެށުމުން، މި ރޭލު މައިގަނޑު ގޮތެއްގައި ދަތުރުކުރާނީ ޝަންހާއީ އާއި ޗެންގްޑޫއާ ދެމެދުގައެވެ. މި އައު ރޭލުގެ ސަބަބުން ޗައިނާގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެކަމަށް ބެލެވެއެވެ.

ޗައިނާއަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ކުރިއަރާފައިވާ ހައި-ސްޕީޑް ރޭލު ނެޓްވޯކް އޮތް ޤައުމެވެ. ފާއިތުވި ދެ ދަހަރެއްހާ (20 އަހަރު) ދުވަހުގެ ތެރޭގައި، އެ ޤައުމުން ވަނީ މި ދާއިރާއިން އިންޤިލާބީ ކުރިއެރުންތަކެއް ހޯދާފައެވެ. ކުރިން ބޭރުގެ ޓެކްނޮލޮޖީއަށް ބަރޯސާވި ނަމަވެސް، މިހާރު ޗައިނާއިން ދަނީ 'ފުކްސިން' ސީރީޒް ފަދަ، އެ ޤައުމުގެ އަމިއްލަ އިންޖިނިއަރުން އުފައްދާ ރޭލުތައް ބޭނުންކުރަމުންނެވެ.

މި މަޝްރޫޢުތަކުގެ މައިގަނޑު މަޤްޞަދަކީ ޗައިނާގެ ބިޔަ ބައްރުގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރުކުރުމުގެ މުއްދަތު ކުރުކޮށް، އިޤްތިޞާދީ މައި މަރުކަޒުތައް ގުޅުވާލައި، ޤައުމީ ތަރައްޤީއަށް އިތުރު ބާރެއް ދިނުމެވެ. އެހެންކަމުން، 'ސީއާރު450' އަކީ ހަމައެކަނި ޓެކްނޮލޮޖީގެ ކުރިއެރުމެއް ނޫން ކަމަށާއި، އެއީ ޗައިނާގެ ދުރު ރާސްތާ ޤައުމީ ސްޓްރެޓެޖީގެ އެންމެ ފަހުގެ މޭވާ ކަމުގައި އެ ގައުމުން ދެކެއެވެ.

comment ކޮމެންޓް