ޗައިނާއާ އެކު ހެދި އެމްއޯޔޫތަކުގެ މައުލޫމާތު ހާމަކުރާނީ އެއްބަސްވުމަކަށް ދެވުމުން: ޚަލީލް

ޗައިނާގެ ރައީސް ޝީއާއި ރައިސް މުއިއްޒު: ޗައިނާއާ އެކު މި އަހަރު 11 ފަހުމުނާމާއެއްގައި ސޮއިކުރި -- ފޮޓޯ/ ރައީސް އޮފީސް

މި އަހަރުގެ ސެޕްޓެންބަރު މަހު ޗައިނާއާ އެކު ސޮއިކުރި 11 ފަހުމުނާމާ (އެމްއޯޔޫ)އާ ގުޅޭ މައުލޫމާތު ހާމަކުރާނީ އެއްބަސްވުމަކަށް ދެވުމުން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާބެހޭ 11 ފަހުމުނާމާއެއްގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް މި އަހަރު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ސެޕްޓެންބަރު ދެވަނަ ދުވަހެވެ. އެކަމަކު، އެ ފަހުމުނާމާތަކާ ގުޅޭ މާ ބޮޑު ތަފުސީލެއް އޭރު ނުދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ވަނީ އެ ފަހުމުނާމާތަކުގެ ކޮޕީއެއް ހޯދަން އެދިވަޑައިގެންފައެވެ.

އެކަމަކު، ފަހުމުނާމާތަކުގެ ކޮޕީއެއް ފޮނުވުމުގެ ބަދަލުގައި ފޮރިން މިނިސްޓަރު ޚަލީލް މިއަދު ލިޔުމުން ފޮނުއްވި ޖަވާބުގައި ވިދާޅުވީ، ފަހުމުނާމާތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އިތުރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި، އެއްބަސްވުމަކަށް ވާސިލުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ޖަވާބުގައިވެއެވެ.

https://sun.mv/210780

"މި މަސައްކަތްތައް ނިމުނުހާ އަވަހަކަށް މި ކަމާ ބެހޭ މައުލޫމާތު ކަމާ ގުޅޭ ފަރާތްތަކާ ހިއްސާކުރާނެ ވާހަކަ ދެންނެވީމެވެ،" ޚަލީލްގެ ޖަވާބުގައިވެއެވެ.

އެހެންވެ، އޭނާ ވަނީ މެންބަރު ޝާކިރު އެދިލެއްވި ގޮތަށް ފަހުމުނާމާތައް ހާމަކުރަން ދެކޮޅު ހައްދަވާފައެވެ.

ރައީސް އޮފީހުން މީގެ ކުރިން ބުނި ގޮތުގައި އެ ފަހުމުނާމާތަކުގެ ތެރޭގައި ދެ ގައުމުގައި އިގުތިސާދީ ތަރައްގީ، އުމުރާނީ ތަރައްގީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާގުޅޭ އެއްބަސްވުންތައް ހިމެނެއެވެ.

ސެޕްޓެންބަރު މަހު ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގަތީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނޮވެންބަރު 17، 2023 ގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށް ފަހު، ރައީސް މުއިއްޒު އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅެއް ކުރެއްވީ ޗައިނާއަށެވެ. އެއީ ދިވެހި ރައީސުން ފުރަތަމަ އިންޑިއާއަށް ވަޑައިގަންނަވަން ގެންގުޅުއްވި ސަގާފަތާ ދެކޮޅަށް ކުރެއްވި ކަމެކެވެ. އަދި، ދަތުރުފުޅަށް ފަހު ރައީސްގެ ބަހުގެ ހަމަލާތަކެއް ވެސް ނުސީދާ ގޮތެއްގައި އިންޑިއާއަށް އަމާޒުކުރެއްވިއެވެ.

comment ކޮމެންޓް