ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ގެ އަންހެން 200 މީޓަރު ދުވުމުގެ ހީޓްތަކުގައި ވާދަކޮށް، ރާއްޖޭގެ މައިހާ ހަމްދާން ފުރަތަމަ ބައިނަލްއަގުވާމީ ތަޖުރިބާ ހޯދިއިރު، ލުހްޔާ އަހުމަދު ޕާސަނަލް ބެސްޓް ޓައިމިންއެއްގައި ރޭސް ނިންމައިފިއެވެ.
މައިހާ ވާދަކުރީ 200 މީޓަރުގެ ދެވަނަ ހީޓްގައެވެ. މިއީ މައިހާއަށް ފުރަތަމަ ބައިނަލްއަގުވާމީ ތަޖުރިބާއެވެ. އޭނާ ވަނީ 28.44 ސިކުންތުން ރޭސް ފުރިހަމަކޮށްފައެވެ.
ރޭހަށް ފަހު މައިހާ ބުނީ، ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރެވުމަކީ ހިތްހަމަ ޖެހުމެއް ކަމަށާއި، ރަނގަޅު ކުރަން ވަރަށް ބައިވެރި ކަންތައްތަކެއް ދަސްވެއްޖެ ކަމަށެވެ. އަދި ޒުވާން އުމުރުގައި ގައުމު ތަމުސީލުކުރަން ލިބުނު ފުރުސަތަށް އުފާކުރާ ކަމަށް އޭނާ ބުންޏެވެ.

ބަހްރެއިންގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގެ 200 މީޓަރު ދުވުމުގައި ލުހްޔާ ވާދަކުރި އިވެންޓުގެ ތެރެއިން-- ފޮޓޯ: އެމްއޯސީ
ލުހްޔާއަށް މި ރޭހަކީ ކާމިޔާބު ރޭހެކެވެ. އޭނާ ތިންވަނަ ހީޓްގައި ވާދަކޮށް، 26.86 ސިކުންތުން ރޭސް ނިންމާފައިވާއިރު، އެއީ ޕާސަނަލް ބެސްޓް ޓައިމިންއެކެވެ. އެ ޓައިމިންގައި ލުހްޔާ ރޭސް ނިންމާލީ ތިންވަނައިގައެވެ. އޭނާ ވަނީ ފައިނަލް ހީޓްގެ ކޮލިފިކޭޝަނާ ގާތް ކޮށްފައެވެ.
ރޭހަށް ފަހު ލުހްޔާ ބުނީ، ބައިނަލްއަގުވާމީ ދެވަނަ ތަޖުރިބާގައި ޕާސަނަލް ބެސްޓް ޓައިމިންއެއްގައި ނިންމާލެވުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހުނު ކަމަށާއި، ކުރިއަށް އޮތް ރިލޭގައި ރާއްޖޭގެ ޓީމަށް ތަފާތު ދެއްކޭނެކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.
ރާއްޖޭގެ އެތުލެޓިކްސް ޓީމަށް މެޑްލޭ ރިލޭގެ ހީޓްތައް އޮންނާނީ މިއަދެވެ.