އޭޝިއަން ޔޫތު ގޭމްސް 2025: ދީމާއާއި އަޒްކާގެ ތާރީހީ ކާމިޔާބީން ކުރިއަށްދިޔުމަށް ބޮޑު ހިތްވަރެއް

އޭޝިއަން ޔޫތު ގޭމްސް 2025 ގައި ރާއްޖޭގެ އަންހެން ޕެއާ-- ފޮޓޯ: އެމްއޯސީ

ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025ގެ އަންހެން ބީޗް ވޮލީ އިވެންޓްގެ ކުއާޓާ ފައިނަލްގައި ވާދަކުރުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށާއި، މި ކާމިޔާބީއާއެކު ކުރިއަށް ދިޔުމަށް ބޮޑު ހިތްވަރެއް ލިބެއްޖެ ކަމަށް ރާއްޖޭގެ އަންހެން ބީޗް ވޮލީ ޕެއާއިން ބުނެފިއެވެ.

ރާއްޖޭގެ އައިޝަތު ދީމާ ނަދީމާއި އަޒްކާ ބިންތު މުހައްމަދު ސިދުގީގެ ޕެއާއިން އިއްޔެ ކުއާޓާ ފައިނަލްގެ ޖާގަ ޔަގީންކޮށް މިއަދު ނުކުތީ ކަޒަކިސްތާންގެ ވަރުގަދަ ޕެއާއެއް ކަމަށްވާ ގަޔާނާ ގަލާޝްއާއި މެރޭ ކޮޒަހްމެތާ ދެކޮޅަށެވެ. އެޕެއާ ކައިރިން ވެސް ވަރުގަދަ ހިތްވަރެއް ކޮށް، ވާދަކޮށްފައިވެއެވެ. ހާއްސަކޮށް ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ލީޑުވެސް ދަމަހައްޓާފައިވެއެވެ.

ކަޒަކިސްތާނުން 2-0 އިން ކުރިހޯދި އިރު، ސެޓުތައް ވާދަވެރިކޮށް ދިޔައީ 21-10 އަދި 21-9 އިންނެވެ.

މެޗަށްފަހު ދީމާ ބުނީ އޭޝިއާ ފެންވަރުގެ މުބާރާތެއްގައި ތާރީހު ލިޔެލެވުމަކީ ލިބުނު ޝަރަފެއް ކަމަށާއި، މުބާރާތުގެ ތެރެއިން ހިތްވަރުދިން ހުރިހާ ދިވެހީންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިތަޖުރިބާއިން ކުރިއަށް ދިޔުމަށް ހިތްވަރު ލިބި، އިތުރު ހަރުފަތަކަށް ދާން އުންމީދު އާވެއްޖެ ކަމަށްވެސް އޭނާ ބުންޏެވެ.

ދީމާގެ ޕެއާގައި ހިމެނޭ އަޒްކާވެސް ބުނީ އޭޝިއާ ފެންވަރުގެ މުބަރާތެއްގައި ހޯދުނު ކާމިޔާބީއަށް އުފާކުރާ ކަމަށާއި، މިފަހަރުގެ ދަތުރުގައި އެހީތެރިވެދިން ހުރިހާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

އޭޝިއަން ޔޫތު ގޭމްސް 2025 ގައި ރާއްޖޭގެ އަންހެން ޕެއާ-- ފޮޓޯ: އެމްއޯސީ

މި ފަހަރުގެ މުބާރާތުގައި ދީމާއާއި އަޒްކާ ހޯދި ކާމިޔާބީއަކީ އޭޝިއާ ފެންވަރުގެ މުބާރާތެއްގައި ރާއްޖޭގެ ބީޗް ވޮލީ ބޯޅައިން ޒުވާން ޓީމަކުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. މީގެ ކުރިން ބީޗް ވޮލީގެ އެއްވެސް ޓީމަކުން އޭޝިއާ މުބާރާތެއްގެ ކުއާޓާގައި ވާދަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް