އޭޝިއަން ޔޫތު ގޭމްސް: ތްރީ އޮން ތްރީ ފިރިހެން ޓީމުން ކުރިއެރުންތަކެއް

އޭޝިއަން ޔޫތު ގޭމްސް 2025 ގައި ރާއްޖޭގެ ފިރިހެން ބާސްކެޓްބޯޅަ ޓީމު ކުޅުނު މެޗެއްގެ ތެރެއިން-- ފޮޓޯ: އެމްއޯސީ

ބަޙްރެއިންގައި މިހާރު ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރާ ދިވެހި 3 އޮން 3 ބާސްކެޓްބޯޅަ ފިރިހެން ޓީމުން ކުޅެން ބޭނުންވި ސިސްޓަމުގެ ތެރެއިން ރަނގަޅު ނަތީޖާއެއް ހޯދާފައިވާ ކަމަށް ބާސްކެޓް ޓީމުގެ މެނޭޖަރު ޒަކަރިއްޔާ އަބްދުލް ލަތީފު ބުނެފިއެވެ.

ޓީމުގެ މެނޭޖަރު ޒަކަރިއްޔާ ބުނީ، ޒުވާން ޓީމުން މިމުބާރާތުގައި ވާދަކުރީ އޭޝިއާގެ އެންމެ ވަރުގަދަ ޓީމުތަކާ ކަމަށާއި ރާއްޖޭގެ ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

މުބާރާތުން ދިވެހި ކުޅުންތެރިންނަށް ލިބިގެންދިޔައީ އަގުނުކުރެވޭނެ ވަރުގެ ތަޖުރިބާއެއް ކަމަށާއި އޮގަނައިޒް 3 އޮން 3 ބާސްކެޓްބޯޅައިގެ މުހިންމުކަން ކުޅުންތެރިންނަށް ފާހަގަކުރެވިއްޖެ ކަމަށް ވެސް ޒަކަރިއްޔާ ބުންޏެވެ.

އޭޝިއަން ޔޫތު ގޭމްސް 2025 ގައި ރާއްޖޭގެ ފިރިހެން ބާސްކެޓްބޯޅަ ޓީމު ކުޅުނު މެޗެއްގެ ތެރެއިން-- ފޮޓޯ: އެމްއޯސީ

ދިވެހި 3 އޮން 3 ފިރިހެން ޓީމުން މިމުބާރާތުގައި ޖުމުލަ ފަސް މެޗެއް ވަނީ ކުޅެފައެވެ. މިގޮތުން ފުރަތަމަ މެޗުގައި ދިވެހި ޓީމު ވާދަކުރީ ގަތަރު ޓީމާއެވެ. މި މެޗު ގަތަރުން ކާމިޔާބުކުރީ 21 - 8 ނެވެ. މި މެޗުގައި ދިވެހި ޓީމުގެ އިޔަލް އާއި ލަޔާން ވަނީ ކޮންމެ ކުޅުންތެރިއެއް ތިން ޕޮއިންޓް އަޅައިދީފައެވެ.

ދެވަނަ މެޗުގައި ރާއްޖޭގެ ޒުވާން ޓީމު ނިކުތީ ތައިލޭންޑާއި ދެކޮޅަށެވެ. މި މެޗު 21 - 9 ކާމިޔާބުކުރީ ތައިލޭންޑެވެ. މެޗުގައި ދިވެހި ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ކެޕްޓަން ރަފައެލް އަލީމްއެވެ. ރަފައެލް ވަނީ މި މެޗުގައި ހަތަރު ޕޮއިންޓް ހޯދައިދީފައެވެ.

މިއީ މުބާރާތުގައި ދިވެހި ފިރިހެން ޓީމު ކުޅުނު ފަހު މެޗެވެ. މެޗުތަކަށް ފަހު ޓީމުގެ އިޔަލް ނަޝީދު ބުނީ މިއީ ޓީމަށް ލިބުނު ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށާއި މެޗުތަކުން އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔައީ ފިޓިނަސް އާއި ހަށިގަނޑުގައި ވަރުޖެއްސުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަން ކަމަށެވެ.

އޭޝިއަން ޔޫތު ގޭމްސް 2025 ގައި ރާއްޖޭގެ ފިރިހެން ބާސްކެޓްބޯޅަ ޓީމު ކުޅުނު މެޗެއްގެ ތެރެއިން-- ފޮޓޯ: އެމްއޯސީ

ޓީމުގެ މެނޭޖަރު ޒަކަރިއްޔާ ބުނީ ޓީމު މުބާރާތަށް އައީ ރަނގަޅު ޓްރެއިންނިތަކަކަށް ފަހު އޮގަނައިޒް ގޭމެއް ކުޅުމުގެ އަމާޒުގައި ކަމަށާއި އެކަން ވަރަށް ރަނގަޅަށް ހާސިލުކުރެވުނު ކަމަށެވެ.

ޒަކަރިއްޔާ އިތުރަށް ބުނީ މީގެކުރިން ރާއްޖޭގައި ކުޅެމުންދިޔައީ 3 އޮން 3 އޯގަނައިޒް ބާސްކެޓްބޯޅައެއް ނޫންކަމަށާއި މިމުބާރާތުން އޮގަނައިޒް 3 އޮން 3 ބާސްކެޓްބޯޅައިގެ މުހިންމުކަން އެނގިގެން ހިނގައްޖެ ކަމަށެވެ.

comment ކޮމެންޓް