ކޮލަމް: ލޯބިނުވިޔަސް ލޯބިވެޔޭ ބުނާށެވެ!

އަނބިމީހާދެކެ ލޯބި ނުވިޔަސް ލޯބިވެޔޭ ބުނާށެވެ! އެއީ ދޮގު ހެދުމުގެ ބާބުން ބޭރުވެފައިވާ ބުނުމެކެވެ. އަދި ހަމައެހެންމެ ފިރިމީހާ ދެކެ ލޯބި ނުވިޔަސް ލޯބިވެޔޭ ބުނާށެވެ! އެއީ ވެސް ދޮގު ހެދުމެއް ނޫނެވެ.

މި ވާހަކަ ކިޔާފައި އެތައް އެއްޗެއް ހިތަށް އަރައިފިނޫން ހެއްޔެވެ؟ ވާނީ ވެސް އެހެންނެވެ. ދޮގު ހެދުމަކީ ހުއްދަކަމެއް ނޫންކަން އެންމެން ވެސް ދަނެއެވެ. އެހެނަސް ދަންނަވަންތޯއެވެ! ތިބާގެ އަނބިމީހާދެކެ ލޯބިނުވިޔަސް ލޯބިވެޔޭ ބުނުމަކީ އިސްލާމްދީނުގައި ހުއްދަކުރައްވައިފައި އޮތް ކަމެކެވެ. އެ ކަމުގައި ވަރަށް ގިނަ ފައިދާތައް އެބަހުއްޓެވެ. އެންމެ ބޮޑު އެއް ފައިދާއަކީ އުފާވެރި ޒަވާޖީ ޙަޔާތެއް އުޅެވުމެވެ. އަދި އޭގެ ފަހަތުން، ހިތްހަމަޖެހޭ ދިރިއުޅުމެއް ލިބުމާއި ދަރީންގެ އުފަލާއި ހިނިތުންވުން އެ ކަމުގައި ހިމެނިގެން އާދެއެވެ.

ދެމަފިރިންގެ މެދުގައި ދޮގު ހެދުން ހުއްދަކުރެއްވުމުގެ މަޤްޞަދަކީ އެ ދެ މީހުންގެ މެދުގައި ލޯތްބާއި ކުލުނު ވެރިކަން އުފައްދައިގެން ކާވެނީގެ ގުޅުމުގައި ހަމަޖެހުން ގެނައުމެވެ. ޢާއިލާ ރޫޅުނަނުދީ އެކުލަވައިފައި ބޭއްވުމެވެ. މިސާލަކަށް ފިރިމީހާ އޭނާގެ އަންހެނުންނާ ދިމާލަށް "ތިބާ ނޫނީ ތިމަންނާއަށް ހިތްގައިމު އެހެން އެކަކު ވެސް ނެތެވެ." "ތިމަންނާގެ ލޮލަށް ފެންނަ އެންމެ ރީތި އަންހެނަކީ ތިބާއެވެ." މިފަދަ އިބާރާތްތަކުން ހުޝާމަދު ކުރުމަކީ (ޙަޤީޤަތެއް ކަމުގައި ނުވިޔަސް) ދޮގު ހެދުމެއް ނޫނެވެ.

ﷲ ރުއްސުންލެއްވި އުންމު ކުލްޘޫމުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލު ﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވީތީ ތިމަންކަމަނާ އަޑުއެއްސެވީމެވެ. «لَيْسَ الْكَذَّابُ الَّذِي يُصْلِحُ بَيْنَ النَّاسِ وَيَقُولُ خَيْرًا وَيَنْمِي خَيْرًا» މާނައީ: "ހެޔޮ ގޮތެއްގައި ވާހަކައެއް (އެހެންމީހަކާ ހަމައަށް) އުފުލުމާއި ހެޔޮ ގޮތެއްގައި ބަހެއް ބުނުމާއި މީސްތަކުންގެ މެދުގައި ޞުލްޙަކުޅައުމީ ދޮގު ހެދުމެއް ނޫނެވެ." (وروى مسلم: (2065

އިޞްލާޙުގެ އެދުމައިގެން އިޚްލާޞްތެރިކަމާ އެކު އުޅޭ މީހުން، ލޯބިނުވިޔަސް ލޯބިވާ ވާހަކަ ބުނުމަކީ އެއްގޮތަކަށް ވެސް އެ މީހަކު ދޮގުވެރިއަކަށް ވާނެ ކަމެއް ނޫނެވެ. އޭގެބަދަލުގައި އެއީ އެތައް ގޮތަކުން ފައިދާހުރި، އަދި ބައެއް ޙާލަތްތަކުގައި ވަރަށް މުހިންމު ވެސް ކަމެކެވެ. ޞުލްޙަކުޅަ މީހާއަށް ސަވާބު ވެސް ލިބޭހުއްޓެވެ. ތިން ކަމެއްގައި މެނުވީ ދޮގު ހެދުމަކީ އިސްލާމްދީނުގައި މަނާކުރައްވައިފައި އޮތް ކަމެކެވެ. އާންމު އުޞޫލުން ދޮގު ހެދުމަކީ މީހާ ފާފަވެރިވާނޭ ކަމެކެވެ. މި ވަރުގެ ބޮޑު ކަމެއްގެ ތެރެއިން އިސްތިސްނާއެއް ގެންނަވައި އޭގެ އަނެއްކޮޅަށް ހުއްދަ ދެއްވުމުން އެނގެނީ، ހުއްދަ ލިބޭ ކަންކަމުގެ މުހިންމުކަން ނޫންތޯއެވެ؟ ދޮގު ހެދުމުގެ ހުއްދަ ލިބިގެންވާ ތިން ކަމަކީ، މީހަކު އޭނާގެ އަނބިމީހާ ރުއްސުމުގެ ގޮތުން ދޮގު ހެދުމާއި ހަނގުރާމައިގައި ދޮގު ހެދުމާއި ދެ މީހުން ދޭތެރޭ ޞުލްޙަކުރުމަށް ދޮގު ހެދުމެވެ.

ﷲ ރުއްސުންލެއްވި އަސްމާ ބިންތު ޔަޒީދުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލު ﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «لَا يَحِلُّ الْكَذِبُ إِلَّا فِي ثَلَاثٍ: يُحَدِّثُ الرَّجُلُ امْرَأَتَهُ لِيُرْضِيَهَا، وَالْكَذِبُ فِي الْحَرْبِ، وَالْكَذِبُ لِيُصْلِحَ بَيْنَ النَّاسِ» މާނައީ: "ތިން ކަމެއްގައި މެނުވީ ދޮގު ހެދުން ހުއްދަ ވެގެން ނުވެއެވެ. (އެއީ) ފިރިޔަކު އޭނާގެ އަނބިމީހާ ރުއްސުމުގެ ގޮތުން ދޮގު ހެދުމާއި ހަނގުރާމައިގެ ތެރޭ ދޮގުހެދުމާއި މީސްތަކުންގެ މެދުގައި ޞުލްޙަކުރުމަށް ދޮގު ހެދުމެވެ." ] (رواه الترمذي (1939) وأبو داود (4921) والحديث صححه الألباني في صحيح الترمذي. [

ފިރިމީހާދެކެ ލޯބި ނުވެވޭ ޙާލަތަށް އަންނަ ވަރަށް ގިނަ އަނބިން، ހިތާމަ ފޮރުވައިގެން ދިރިއުޅުމައިގެން ކުރިޔަށް ދާން މަސައްކަތް ކުރެއެވެ. ހަމައެފަދައިން ފިރިން ވެސް އެ ވޭން ތަޙައްމަލުކުރަމުން ދެއެވެ. މި ޙާލަތުގައި ވެސް ވެއްޓިފައި އެވާ އަޑިގަނޑުން އަރައިގަތުމަށް އޮތް އެންމެ މޮޅު އެއް ފަންޑިތައަކީ ލޯބިވެޔޭ ކިޔުމެވެ. އެ ގޮތަށް ބުނަން ވެސް އުނދަގޫ ވަންޏާ ކުރާންވީ ކަމަކީ ތިބާ ފޫހިވެފައި ހުރި މީހާ ކޮށްދީފައި ހުރި ހެޔޮ ރަނގަޅު ކަންކަން ހަނދާންކޮށް އެ ކަންކަމަށް ޝުކުރުވެރިވާންވީއެވެ. ޝުކުރުވެރިވުމަކީ، އެ ކަންތަކުގެ ރަނގަޅުކަން ހިތައް އެރުވުން އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި އެފަދަ ކަންކަމުގެ ވާހަކަ އޭނާއަށް ކިޔައިދީ އެކަމާ އުފާވާ ކަމުގައި އޭނާ ގާތު ބުނުމެވެ. އަދި އެ ކަންތަކަކީ ތިމާ ލޯބިވީ ކަންތައް ކަމުގައި ވެސް ބުނާށެވެ. މި ގޮތަށް ބުނެ އެ ވާހަކަތައް ތަކުރާރުކޮށް ގިނަގިނައިން ދައްކަން ފެށުމުން ތިބާގެ ހިތަށް އެ ކަންކަމުން ފަސޭހަވެ ލުއި ވާނެއެވެ. މި ހުރިހާ ކަމެއް ވެސް ކުރަންވާނީ މާތް ﷲއަށް ދުޢާދަންނަވައިގެން އިޞްލާޙުވުމުގެ ނިޔަތުގައެވެ.

ދެމަފިރިންގެ ދެމެދު ހެދޭ ދޮގަކީ އެކަކު އަނެކަކުގެ ޙައްޤުތައް ނުދިނުމާއި ޒިންމާ އަދާނުކުރުމަށް މަގުކޮށައިދޭ އެއްޗެއް ނޫނެވެ. ދޮގުހަދާ މަކަރު ހަދައިގެން އަނބިމީހާއަށް ކާނެބޯނެ އެއްޗެތި ނުދީ ގެންގުޅެގެން ނުވާނެއެވެ. ރީތި ފޭރާން ހޯދައިދިނުމާއި ދިރިއުޅުމަށް ފަސޭހަވާނޭ އާލަތްތައް ގަނެދިނުމަކީ އެ މީހަކަށް ކުޅަދާނަ ވީވަރަކުން ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ. އަނބިމީހާ ގޮވައިގެން ބޭރަށް ގޮސްލުމާއި ރެސްޓޯރެންޓުތަކުން ކާންދިނުމަކީ ވެސް ކުޅަދާނަކަށް ހުރިވަރަކުން ކުރުން ރަނގަޅު ކަންކަމެވެ.

ހިތާމައިން ރޫޅިފައި އޮތް ހިތެއްގެ ވެރި އަންހެނަކު އޭނާގެ ފިރިމީހާގެ ގާތުން ޚުލްޢުވާން އެދުން (އަންހެނުން ވަރިޔަށް އެދޭއެދުން) އެއީ ހުއްދަ ކަމެކެވެ. އެހެނަސް އެ ކަމުން ފިރިމީހާއަށާއި ދަރިންނަށް ލިބޭ ގެއްލުމާއި ހިތާމައަށް ރިޢާޔަތްކޮށް ފިރިމީހާގެ އެދުމުގެ މަތިން ކާވެނި ދަމެހެއްޓޭތޯ ބެލުމަކީ ވެސް މުހިންމު ކަމެކެވެ. އޭނާއަށް ލިބިފައި ހުރި ނަފުސާނީ ގެއްލުމުން އަރައިގަތުމަށް ފިރިމީހާގެ ރަނގަޅު ކަންކަން ހިތަށް އަރުވައި އޭނާގެ ގާތު ލޯބިވާ ވާހަކަ ބުނެ، އިޞްލާޙުގެ ނިޔަތުގައި ހިތްވަރާ އެކު ޢަޒުމުކުރުމަކީ ސަވާބު ބޮޑުވެގެންވާ ވަރަށް ހެޔޮ ޢަމަލެކެވެ. އެފަދަ އަނބީންނަށް ފަށްފަށުން ޝުކުރުއަދާކުރުމަކީ ފިރިން ކޮންމެހެން ވެސް ކުރަން ޖެހޭނޭ ކަމެކެވެ.

އަނތްބަކު ވަރިކުރަން އެދޭ ފިރިމީހާއަށް ވެސް އޮތީ އަދި އެއްފަހަރު، ނޫނީ އެއަށް ވުރެ ވެސް ގިނަފަހަރު ޢާއިލާގެ ހަމަޖެހުމަށް ޓަކައި ވަރިނުކޮށް ވާނެ ގޮތެއް އޮތްތޯ ބެލުމެވެ. އަނބި މީހާ ލޯބިވާ ނަމަ އޭނާއާ އެކު އުޅެވޭތޯ ބެލުމެވެ. ދަރީން ތިބިއްޔާ އެ ޙައްޤު އަދި މާ ބޮޑުވެގެން އާދެއެވެ. ދަރީންގެ ޙައްޤުގައި ވިޔަސް އަނބީންގެ ޙައްޤުގައި ވިޔަސް ތިބާ ޤުރުބާނީ ދޭ ނަމަ އެކަން މާތް ﷲގެ ޙަޟްރަތުގައި ހެޔޮ ވެގެންވާނެއެވެ. އެއިލާހަކީ، ޞުލްޙަކުޅައުމަކީ އެންމެ ހެޔޮ ގޮތް ކަމުގައި ވަޙީކުރެއްވި އިލާހެވެ.

ލޯބިވުމާއި ނުވުން އެއީ މުޅިން އެހެން ކަމަކަށް ވެދާނެއެވެ. ލޯބި ނުވިޔަސް ލޯބިވެޔޭ ބުނާށެވެ. ހާލަތައް ރިޢާޔަތް ކުރާށެވެ. އުފާކޮށްދޭށެވެ. ރޫޅައިނުލާށެވެ. މި ޒަމާނަކީ ޖަޒުބާތީ ގޮތުންނާއި ޢާޠިފީ ގޮތުން އިންސާނުން ބަލިކަށިވެ ރޫޅިފައި ތިބި ޒަމާނެކެވެ. ތިބާމެން އެއްބަޔަކު އަނެއްބަޔަކަށް ބާރުދީގެން އިސްލާމީ ޢާއިލާތައް ރޫޅުނަނުދީ ހިފަހައްޓާށެވެ.

comment ކޮމެންޓް