އިއްޔެ ހުއްޓައިލީ، މިއަދު ފެއްޓީ! މިއީ ކުޅިވަރެއްހެއްޔެވެ؟ ސަމާސާއެއްހެއްޔެވެ؟ ނޫނިއްޔާ މިއީ ބާރުހުރިކަން ދައްކައިލާ، ނިކަމެތި ބަޔަކަށް ޖެއްސުންކުރުން ހެއްޔެވެ؟ 24 ކުދިން ހިމެނޭހެން 100 މީހުން މަރައިލާފައި، ހަނގުރާމަ ފެށީކަން އިޒްރާއީލުން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.
އިޒްރޭލުގެ ނުބައި ޒަޔަނިސްޓު ޔަހޫދީންގެ ފަރާތުން ފަލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ލިބެމުން ދާ ގެއްލުންތަކަށް ބަދަލެއް ނާދެއެވެ. ހުއްޓައިލި ކަމަށް ބުނެ ދުނިޔޭގެ ލޯތަކުގައި އެޅުވީ އަނދުނެކެވެ. އެތައް ބަޔަކު އަނިޔާވެރިކަމާ އެކު ޤަތުލުކޮށް މަރާފައި ޞުލްޙަވާން އެދޭ ކަމަށް ބުނެ އިއްޔެ ހުއްޓައިލި ހަނގުރާމަ އަނެއްކާ މިއަދު އެފެށީއެވެ. ޔަހޫދީންނަކީ ދުވަހަކު ވެސް ދެތުވެރިވާނޭ ބައެއް ނޫނެވެ. އެ މީހުންގެ އަޞްލު ފެށިގެންއައި ދުވަހުއްސުރެ މިއަދާ ހަމައަށް ވެސް އެ މީހުންގެ ކިބައިގައި ދެމިއޮތީ އޮޅުވައިލުމާއި މަކަރުވެރިކަމެވެ.
ފަލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންގެ ގޯތިގެދޮރުން އެ މީހުން ނެރެ ފައްސާލައި، ނުގޮސްތިބި ބައެއްގެ ބޮލަށް ބޮންއަޅައި ޅަދަރިން ކުރިމަތީ މައިންބަފައިން މަރާ، ޖިންސީ ގޯނާ ވެސް ކުރީއެވެ. މުދާ ފޭރި ހުރިހާ އެއްޗެއް ލޫޓުވީއެވެ. ތަންތަން ތަޅާ ސުންނާފަތިކޮށްފައި ހަނގުރާމަ ހުއްޓައިލިކަމަށް ބުނެ ބޭރުގައި ތިބިއްޔާ ތިބިހައި ޕަލަސްޠީނު ބަޔަކު އަނބުރާ އެ މީހުންގެ އަމިއްލަ ރަށަށް ގެނެއްސައި އަނެއްކާ ވެސް އިހު ހެދިގޮތަށް އަނިޔާވެރި ނޭއްގާނީ ހަނގުރާމަ ފެށީއެވެ. ޤަތުލުއާންމު ހިންގަނީއެވެ. ބާރުގަދަ ބޮންތައް އަޅަނީއެވެ.
މިއަދު ފަލަސްޠީނުގެ ހާލަތަށް ރިޢާޔަތްކުރާން ތިބި ބަޔަކީ އަނެއްކާ ވެސް އަޅުގަނޑުމެން މުސްލިމުންނެވެ. ކުރިން ވެސް އެ މީހުން އަޅުގަނޑުމެންނަށް ގޮވިއެވެ. ރުޔެވެ. އާދޭސްކުރިއެވެ. އެހެނަސް އަޅުގަނޑުމެންނަށް ވެސް ކުރެވުނު މާބޮޑު ކަމެއްނެތެވެ. މިއަދު މިއީ އަނެއްކާ ވެސް އެ މީހުންނަށް ޓަކައި ކޮށްދެވެން އޮތީ ކޮންކަމެއްތޯ ބަލާފައި އެ ކަމެއް، ކޮއްދެވެން އޮތް އެންމެ ރަނގަޅަކަށް ކޮށްދެވޭތޯ އުޅެންވީ ދުވަހެވެ.
މުސްލިމުން ލައްވައިފައި ވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައެވެ. އެހެންކަމުން މުސްލިމުން އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމަކީ ﷲގެ ޙަޟްރަތުގައި ދަރުމަހުރި ހެޔޮ ޢަމަލެކެވެ. އިމާމު ބުޚާރީއާއި އިމާމު މުސްލިމް ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައި ވެއެވެ. "އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ، އޭނާގެ އަޚާއަށް އަނިޔާވެރިއެއްނުވާނެއެވެ. އަދި ގެއްލުމުގެ ތެރެއަށް ދޫކޮށެއް ވެސް ނުމެލާނެމެއެވެ. މުސްލިމަކު އޭނާގެ އަޚާގެ ބޭނުންތައް ފުއްދައިދިނުމުގައި ދެމިހުރެއްޖެ ނަމަ، އެ މީހެއްގެ ބޭނުންތައް ފުއްދަވައިދެއްވުމުގައި ﷲ، ދެމިވޮޑިގެންވާނެތެވެ. އަދި މުސްލިމެއްގެ ކިބައިން އުނދަގުލެއް ދުރުކޮށްދީފި މީހަކަށް ޤިޔާމަތްދުވަހުގެ އުނދަގޫތަކުގެ ތެރެއިން އުނދަގުލެއް އޭނާގެ ކިބައިން ދުރުކޮށްދެއްވާނެތެވެ." މި ޙަދީޘުގައި އެވާ މަތިވެރިކަން ލިބިގަތުމަށް ޓަކައި އުންމީދުކުރަންވާނެއެވެ. ފަލަސްޠީނު ރައްޔިތުންނަށް ކަމެއް ކޮށްދެވެން އޮތްތޯ ބަލައި، އެ މީހުންގެ ހިތާމައިގައި ބައިވެރިވެވޭތޯ ވެސް ބަލާށެވެ.
އިމާމު މުސްލިމް ގެންނަވައިފައި އޮތް އެހެން ޙަދީޘެއްގެ މާނައިގައި ވެއެވެ. "މުއުމިނެއްގެ ކިބައިން ދުނިޔޭގެ އުނދަގޫތަކުގެ ތެރެއިން އުނދަގުލެއް ދުރުކޮށްދީފި މީހެއްގެ ކިބައިން، ޤިޔާމަތްދުވަހުގެ އުނދަގޫތަކުގެ ތެރެއިން އުނދަގުލެއް، ﷲ ދުރުކޮށްދެއްވާނެތެވެ. އަދި އުނދަގުލުގައިވާ މީހަކަށް ލުއިކޮށްދީފި މީހާއަށް، ދުނިޔެއާއި އާޚިރަތުގައި ﷲ ލުއިކޮށްދެއްވާނެތެވެ. އަދި މުސްލިމެއްގެ (ޢައިބު) ސިއްރުކޮށްދީފި މީހެއްގެ ޢައިބުތައް، ދުނިޔެއާއި އާޚިރަތުގައި ﷲ ސިއްރުކޮށްދެއްވާނެތެވެ. އަދި އަޅަކު އޭނާގެ އަޚާއަށް އެހީތެރިވުމުގައި ދެމިހުރިހައި ހިނދަކު، އެ އަޅަކަށް އެހީތެރިވެވޮޑިގެންނެވުމުގައި ﷲ ވޮޑިގެންވެތެވެ."
މި ޙަދީޘްތަކުން ދެއްވާ އިރުޝާދަކީ އިސްލާމީ އެއްބައިވަންތަކަމުގެ އިރުޝާދެވެ. ބަޔާންވެ އެނގެނީ މުއުމިނުންނަކީ އެއްބަނޑުއެއްބަފާބައެއް ކަމެވެ. އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމުގައި ދެމިތިބޭނެ ކަމެވެ. ގެއްލުމެއް ލިބުމަށް އެއް ބަޔަކު އަނެއް ބަޔަކު ދޫކޮށެއްނުލާނެއެވެ.
ޕަލަސްޠީނު މީހުންނަށް ހިތްވަރުދިނުމުގެ ގޮތުން ތިމާއަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާށެވެ! ހެޔޮ ދުޢާކޮށްދޭށެވެ! ދެވެން އޮތް ވަރަކުން ފައިސާގެ އެހީ ވެސް ދޭށެވެ. ވެވެންއޮތް ގޮތަކަށް ފަންނީ އެހީ ވެސް ވާށެވެ. ފަލަސްޠީނާ ގުޅުންހުރި ޚަބަރުތައް ފަތުރާށެވެ. ޕަލަސްޠީނާ ބެހޭ ކިތަންމެ ކުޑަ މަޢުލޫމާތެއް ވިޔަސް އަމާނާތްތެރިކަމާ އެކު އެހެން މީހަކާ ހަމައަށް ގެންގޮސްދޭށެވެ. އެއީ އެ މީހުންނަށް އެހީތެރިވުމަށް މި ވަގުތު ކޮށްދެވޭނެ ވަރަށް ބޮޑު ކަމެކެވެ. އޭރުން އަޅުގަނޑުމެންނަށް އެހީތެރިވެވޮޑިގަތުމުގައި މާތް ﷲ ވޮޑިގެންވާނެތެވެ. މާތް ﷲގެ މަދަދާއި އެހީތެރިވެވޮޑިގަތުން ލިބިއްޖެ މީހަކަށް އެހެން ފަރާތެއްގެ އެހީތެރިކަމެއް މަދަދެއް ބޭނުމެއް ނުވާނެއެވެ. އަދި ދުނިޔޭގެ އުނދަގުލެއް މީހެއްގެ ކިބައިން ދުރުކޮށްދީފި މީހަކަށް، ދަރިޔަކުން މުދަލަކުން މަންފާނުކުރާ ޤިޔާމަތްދުވަހު އެ މީހެއްގެ އުނދަގޫތައް ދުރުކޮށްދެއްވާނެތެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިއަދު ދުނިޔެއަށް ބަލާއިރު، މުސްލިމުންގެ އަޅާލުމާއި އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ބަޔަކީ ފަލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. އެ ބިމުގައިވާ ތުއްތުތުއްތު ކުދިންނެވެ. މާތް ﷲއަށް ޓަކައި އެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ވީވަރަކުން އަޅައިލައި އެހީތެރިވާށެވެ. އޭގެ ސަބަބުން ދެ ދުނިޔޭގެ ބާއްޖަވެރިކަން ތިބާއަށް ލިބޭ ހުއްޓެވެ.