ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކޮށް އެ ބޭނުންކުރާ ކަމުގެ ތުހުމަތުގައި އަނެއްކާ ވެސް ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކުރީ 19އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި ހަމަ އެ ގައުމަށް ނިސްބަތްވާ 27 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ ޕާކިސްތާނު ފިރިހެނެއް ކަމަށެވެ.
މި ތިން މީހުން ހައްޔަރުކުރީ ރޭ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންތަކަކަށް، ފްލެޓު 100 ކައިރީގައި އެ މީހުން ފޮށިގަނޑުތަކެއް ގެންގުޅޭތީ ތުހުމަތުކުރެވިގެން އެ ތަކެތި ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 މިލިލީޓަރުގެ 232 ފުޅި ފެނުމުން ކަމަށެވެ.
އަދި އެ ތަނުން އެކަކު ދިރިއުޅޭ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 މިލިލީޓަރުގެ 49 ފުޅި ފެނުނު ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ފާހަގަކުރެވޭ ގޮތުގައި ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގައި މި މަހުގެ 16ވަނަ ދުވަހާއި 19ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ނޭޕާލްގެ ތިން އަންހެނަކު ހިމެނޭހެން ހަތް ބިދޭސިއަކު މާލޭން ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން ހަތަރު މީހަކު ޑީޕޯޓުކުރިއިރު، ޑީޕޯޓުކުރީ ނޭޕާލަށް ނިސްބަތްވާ މީހުންނެވެ.
ފުލުހުން އަންނަނީ މި މައްސަލަތައް ތަހްގީގުކުރަމުންނެވެ.
 
											
										 
					 
                 
                                                            