ޖުމުލަ 39 މިލިއަން ރުފިޔާގެ އަގަކަށް ދާރުލްއަރުޤަމް ވަޤުފް އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުއާރުސީ)އާ ހަވާލުކުރަން އިސްލާމިކް މިނިސްޓްރީން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މާލޭގައި އިމާރާތްކުރަން ހަމަޖެހިފައިވާ ދާރުލްއަރުޤަމް އިމާރާތުގެ މަސައްކަތް އާރުއާރުސީއާ ހަވާލުކޮށް، އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަޚީމެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، 12 ބުރިއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމް ވަޤުފް އިމާރާތަކީ ޒަމާނީ ވަސީލަތްތަކާ އެކު ގާއިމުކުރެވޭ ޢިމާރާތެެއް ކަމަށެވެ. މި އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ.

ދާރުލް އަރްޤަމް އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި އާރްސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަޚީމް---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މީގެ އިތުރުން، އިމާރާތުގެ ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު އެއްވަނަ ބުރިން 12ވަނަ ބުރިއަށް ޒަމާނީ އޮފީސް ބައިތަކާއި، މީޓިން ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރިއެއް ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ. އަދި، އިމާރާތުގެ ރޫފްޓޮޕަކީ އޯޕަން ޓެރަސްއެއް ގޮތުގައި ގާއިމުކުރާ ބައެއް ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނުކުމެ، ހެދޭނެ އިންތިޒާމު ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޖުމުލަ 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ޖުމުލަ އަގަކީ 39 މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ދެ ހާސް ފަސް ސަތޭކަ ސާޅީސް ފަސް ރުފިޔާއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފަންޑު ކުރާ މަޝްރޫއުއެއްކަން އިސްލާމިކް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
އެގޮތުން، މި އިމާރާތުން އަހަރަކު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭއިރު އާމްދަނީގެ 20 އިންސަައްތަ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާއިރު އާމްދަނީގެ 80 އިންސައްތަ އިސްލާމިކް ވަޤުފް ފަންޑަށް ޖަމާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ.
މި މަޝްރޫއުއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ރާއްޖޭގައި ވަޤުފް ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިއްމު މަޝްރޫއުއެކެވެ. ދާރުލްއަރުޤަމްގެ އިތުރުން ހުޅުމާލޭގައި ވަޤުފް އިމާރާތަކާއި، މާލޭގައި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފް އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާކަންވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އަދި ގއ. ވިލިނގިލީގައި ވަޤުފް މަޝްރޫއު ފެށުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދާދިފަހުން ނިންމަވާފައެވެ. މި މަޝްރޫއުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢުތަކެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ސިފަކޮށްފައިވެއެވެ.