ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމުން ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް މިއަދު އިސްތިއުފާދެއްވުމާ ގުޅިގެން އެ މަގާމް ހުސްވުމުން، އެ މަގާމަށް މެންބަރަކު ހޮވުން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ޖޭއެސްސީގެ ރައީސްކަމަށް އިންތިޚާބު ކުރި ރިޒާ އިސްތިއުފާ ދެއްވީ މިއަދެވެ. ރިޒާ އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.
މާދަމާގެ ޖަލްސާއަށް ރިޒާގެ ބަދަލުގައި މަޖިލީހުން ޖޭއެސްސީ ތަމްސީލް ކުރައްވާނެ މެންބަރެއް ކަނޑައެޅުން އެޖެންޑާގައި އޮތްއިރު، މިހާތަނަށް ވެރިކަން ކުރާ ޕީއެންސީން އެކަމަށް ވަކި މެންބަރަކު ނޮމިނޭޓް ކުރިކަން އެނގިފައެއް ނުވެއެވެ.
ރިޒާ މިއަދު ޖޭއެސްސީން އިސްތިއުފާ ދެއްވިއިރު، ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒުވަނީ މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވާފައެވެ. ނިޔާޒް އިސްތިއުފާދެއްވުމާ ގުޅިގެން އެ މަގާމަށް މިދިޔަ ބުރާސްފަތި ދުވަހު ރައީސްގެ ފަރާތުން ކޮމިޝަންގައި އިންނަވާ މެންބަރު ޔަޒްމީދު މުހައްމަދު ވަނީ އިންތިޚާބުކޮށްފައެވެ.
ޖޭއެސްސީގެ ރައީސްކަމުގައި އެއް އަހަރާއި ހަތަރު މަހެއްހާ ދުވަސް ހޭދަކުރެއްވި ރިޒާއަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައިވެއެވެ. ވަކިން ޚާއްސަކޮށް، ރިޒާ އިސްވެ ހުންނަވައިގެން މި އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަން ފެށުމާއެކު އެ ތަނުން އެއް ފަނޑިޔާރަކު އަމިއްލައަށް އިސްތިއުފާ ދެއްވިއެވެ. އަނެއް ދެ ފަނޑިޔާރުން ވަކިކުރީ މަޖިލީހުންނެވެ.
އެއީ އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާއި ހުސްނުއްސުއޫދެވެ.
ރިޒާއަކީ މިދިޔަ ދައުރުގައި ކ. ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާހިމް ރިޒާގެ ކޮއްކޯފުޅެވެ. ކެންސަރުގެ އާލާސްކަންފުޅުގައި ހުސައިން ރިޒާގެ ބޭބެ އިބްރާހިމް ރިޒާ 2022 ގައި ވަނީ އަވަހާރަވެފައެވެ. އޭނާ ވެސް ވަނީ ޖޭއެސްސީގެ މެންބަރުކަން މީގެ ކުރިން ކުރައްވާފައެވެ.