އިންސްޓަގްރާމް ރީލްސްގެ 'ވޮޗް ހިސްޓްރީ' ތަޢާރަފުކޮށްފި

އިންސްޓަގްރާމް ވޮޗްހިސްޓްރީ ފީޗާއަކީ ގިނަބަޔަކު އިންތިޒާރު ކުރި ފީޗާއެއް ---

އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކުން އެތައް ދުވަހެއް ވަންދެން އިންތިޒާރުކުރަމުން އައި 'ވޮޗް ހިސްޓްރީ'ގެ ފީޗާ، އެންމެފަހުން ރީލްސްއަށް ތަޢާރަފުކޮށްފިއެވެ.

މި އާ ފީޗާގެ ސަބަބުން، ބޭނުންކުރާ ފަރާތްތަކަށް އެމީހުން ކުރިން ބަލާފައިވާ ރީލްސްތަކުގެ ތާރީޚު ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.

https://sun.mv/188501

މީގެ ކުރިން، ބަލާފައިވާ ރީލެއް އަލުން ހޯދަން ބޭނުންވެއްޖެނަމަ، އެ ރީލެއް ސޭވްކުރުން ނުވަތަ އެހެން މީހަކަށް ފޮނުވުން ނޫން ގޮތެއް ނޯވެއެވެ. ނަމަވެސް މި އާ ފީޗާއާއެކު އެކަމަށް ވަނީ ހައްލެއް ލިބިފައެވެ. ބަލާފައިވާ ރީލްސްތައް އެންމެ ފަހުން ބެލި ތަރުތީބުން ނުވަތަ އެންމެ ކުރިން ބެލި ތަރުތީބުން ބެލުމުގެ އިޚްތިޔާރު ވެސް ލިބިގެންދެއެވެ.

އިންސްޓަގްރާމްގެ އިސްވެރިޔާ، އާދަމް މޮސެރީ ވަނީ، "އިންސްޓަގްރާމުން ބަލާފައިވާ ރީލެއް އަލުން ހޯދަން މަސައްކަތްކޮށްފައި އެކަން ނުވެފައިވޭތޯ؟" މިހެން ސުވާލުކުރައްވައި، މި ފީޗާގެ ސަބަބުން ނުހޯދި ހުރި ތަކެތި ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވަކި ތާރީޚެއްގެ ނުވަތަ ރީލް ޕޯސްޓްކުރި އެކައުންޓަކަށް ބަލައިގެން ވެސް ތާރީޚު ފިލްޓާކޮށްލެވޭނެއެވެ.

މި ޚިދުމަތް ބޭނުންކުރުމަށްޓަކައި، އިންސްޓަގްރާމް އެކައުންޓްގެ ސެޓިންގްސްގައިވާ 'ޔުއާ އެކްޓިވިޓީ' ބަޔަށް ގޮސް، 'ވޮޗް ހިސްޓްރީ' އަށް ފިތާލަން ޖެހެއެވެ. މިވަގުތަށް މި ފީޗާއިން ދައްކަނީ އެންމެ ފަހުގެ 30 ދުވަހުގެ ތާރީޚު ކަމަށާއި، ބޭނުން ނުވާ ރީލްސްތައް ވަކިވަކިންނާއި އެއްފަހަރާ ވެސް ފޮހެލުމުގެ ފުރުސަތު އޮންނާނެއެވެ.

އިންސްޓަގްރާމަށް މި ފީޗާ މިހާރު ތަޢާރަފުކުރި ނަމަވެސް، މިއީ އެޕްލިކޭޝަންގެ ވާދަވެރިން ކަމަށްވާ ޔޫޓިއުބް އާއި ޓިކްޓޮކްގައި އެތައް އަހަރެއް ކުރިން ފެށިގެން ލިބެން ހުރި ޚިދުމަތެކެވެ.

މީގެ އިތުރުން، މެޓާގެ މި ޕްލެޓްފޯމުން ވަނީ އާންމު ރީލްސްތައް އެހެން ފަރާތްތަކަށް ރީޕޯސްޓް ކުރުމުގެ ފުރުސަތު ދިނުމުގެ އިތުރުން، ރީލްސް ފީޑްގެ އެންމެ މަތީގައި އެކުވެރިން ލައިކްކޮށްފައިވާ ރީލްތަކާއި، ހަދާފައިވާ، ނުވަތަ ރީޕޯސްޓްކޮށްފައިވާ އާންމު ކޮންޓެންޓް ދައްކާ ޓެބެއް ވެސް ތަޢާރަފުކޮށްފައެވެ.

މި އަހަރުގެ ކުރީކޮޅު ރީލްސްގެ ދިގުމިން 90 ސިކުންތުން 3 މިނިޓަށް އިތުރުކޮށްފައިވާއިރު، ކޮންޓެންޓް އުފައްދާ ފަރާތްތަކަށް މެޓާގެ އޭއައި ބޭނުންކޮށްގެން ހިންދީ، ޕޯޗުގީޒް، އިނގިރޭސި، އަދި ސްޕެނިޝް ބަހުން ރީލްސް ޑަބް ކުރުމުގެ ޚިދުމަތް ވެސް ވަނީ ފަށާފައެވެ.

މި ފީޗާގެ އެހީގައި ވީޑިއޯތައް އޮޓޮމެޓިކުން ތަރުޖަމާވެ، އަނގައިގެ ހަރަކާތާ އެއްގޮތަށް ލިޕް-ސިންކް ކުރެވެއެވެ.

comment ކޮމެންޓް