ޅ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން މާލެ އަތޮޅުގެ ތިން ރަށަކަށް ވަޑައިގަންނަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
އެ މަނިކުފާނު ގެންދަވަނީ ސިލްސިލާ ދަތުރުފުޅުތަކެއް ކުރައްވަމުންނެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރައީސްގެ މި ދަތުރުފުޅުގައި، އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ރައީސްގެ ދަތުރުފުޅުގައި، ޅ އަތޮޅުން ހިންނަވަރު، ނައިފަރު، ކުރެންދޫ، އަދި އޮޅުވެލިފުއްޓަށް ވަޑައިގަންނަވާނެއެވެ. މާލެ އަތޮޅުން އެ މަނިކުފާނު ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ކާށިދޫ، ދިއްފުށި، އަދި ތުލުސްދޫއަށެވެ.
ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ވެސް ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި މުއައްސަސާތަކާއި ކުންފުނިތަކުގެ ވެރިން ހިމެނޭހެން ބޮޑު ވަފުދެއް ވަޑައިގަންނަވާނެއެވެ.