ވެރިކަަމަށް ދެ އަހަރު ނުވަނީސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، އެއް އަހަރާއި 11 މަސްދުވަހުގެ ތެރޭގައި ދަތުރުފުޅުކުރައްވާފައިވާ ކަމަށެވެ. ރައީސް މުއިއްޒު މި ކާމިޔާބު ހާސިލުކުރައްވާފައިވަނީ، ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި، މާލެ އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި ކ. ތުލުސްދުއަށް މިއަދު މެންދުރު ވަޑައިގަތުމާ އެކުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ފާހަގަކުރި ގޮތުގައި ތުލުސްދޫއަށް މިއަދު ކުރެއްވި ޒިޔާރަތާ އެކު ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށްރަށާއި ސިޓީތަކަށް އެ މަނިކުފާނުގެ ވެރިކަމުގައި ވަޑައިގެންފައިވެއެވެ. މި މުއްދަތުގައި 63 ރަށަކަށް ދެވަނަ ފަހަރަށް ވެސް ޒިޔާރަތްކުރައްވާފައިވާކަން ރައީސް އޮފީހުން ފާހަގަކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ލޯންޗުކޮޅު ޅ. ނައިފަރާ ގާތްކުރުމުން އެރަށު މީހުން އެމަނިކުފާނަށް މަރުހަބާ ކިޔަން---ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުން ބުނީ، ދިވެހި ރިޔާސީ ތާރީހުގައި، ގައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެންމެ ފަހުން ރައީސަކު ޒިޔާރަތްކުރެއްވީ މީގެ 42 އަހަރު ކުރިން ކަމަށެވެ. އޭރު ރައީސްކަމުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މައްމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވީ ފަސް އަހަރު ދުވަހުގެ ތެރޭގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުތަކުގައި، ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި، ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާ، އެކި ކަންކަމުގައި ރައްޔިތުންގެ ފަރާތުން ހިއްސާކުރެއްވި ވާހަކަތައް އަޑުއެއްސެވިއެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅުތަކުގެ ތެރެއިން ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ތަޢުލީމާއި، ޞިއްޙަތާއި، ހަށިހެޔޮކަމާއި ގުޅުން ހުރި ބައެއް މަސައްކަތްތަކާއި، މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް ވެސް ވަނީ ފައްޓަވާފައެވެ.
ދަތުރުފުޅުތަކުގެ ތެރެއިން ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން، ރަށު ކައުންސިލް އިމާރާތްތަކާއި، ސްކޫލު މަދަރުސާތަކާއި، މިސްކިތްތަކާއި، ޞިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކާއި، އިސްލާމީ މަރުކަޒުތަކުގެ އިތުރުން ކުޅިވަރު ކުޅޭ ތަންތަނާއި، އިންޖީނުގެ ފަދަ، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވާ ތަންތަން ހުރި ހާލަތު ބައްލަވައިލެއްވުމަށް އެ މަނިކުފާނު އެތަންތަނަށް ޒިޔާރަތްކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް މުއިއްޒު ވަނީ ރަށްރަށަށް ވަޑައިގެން ރައްޔިތުން ބޭނުންވާ އަމާޒަށް ކަންކަން ފަހިކޮށްދެއްވުމަކީ އެ މަނިކުފާނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވާ ކަމެއް ކަމަށެވެ.