މަޖިލީހުން ޖޭއެސްސީ މެންބަރުކަމަށް ހުސްނީ މުބާރަކްގެ ނަން ހުށަހަޅައިފި

ޖުޑިޝަރީ ކޮމިޓީގެ، ޕީއެންސީއަށް ނިސްބަތްވާ މުގައްރިރު ހުސްނީ މުބާރިކް: މަޖިލީހުން ވަނީ ޖޭއެސްސީގެ ރައީސް ކަމަށް އޭނާގެ ނަން ހުށަހަޅާފަ -- ފޮޓޯ/ މަޖިލިސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކުގެ ނަން ހުށަހަޅައިފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ހުސްނީގެ ނަން މި މަގާމަށް ހުށަހެޅީ އެ މަގާމު ފުރުއްވަމުން ގެންދެވި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް، އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިއަދުގެ ޖަލްސާގައި ޖޭއެސްސީގެ މެންބަރުކަމަށް، މަޖިލިސް މެންބަރެއްގެ ނަން ހުށަހެޅުމަށް ރިޔާސަތުން ހުށަހަޅާފައިވެއެވެ. މި މަގާމަށް މެންބަރެއްގެ ނަން ހުށަހެޅުމަށް ހުޅުވި 30 މިނެޓުގެ ފުރުސަތުގައި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ ހުސްނީގެ ނަން ހުށަހަޅުއްވާފައެވެ. އޭނާގެ އެ ހުށަހެޅުއްވުމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވަނީ ތާއީދު ކުރައްވާފައެވެ.

އެއަށްފަހު އެއްވެސް އިތުރު މެންބަރެއް ނަން ހުށަހަޅުއްވާފައި ނުވުމާ ގުޅިގެން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ މެންބަރުން ހުށަހެޅުއްވި ނަމަށް ވޯޓަށް އެހުން މިއަދު މަޖިލީހުގެ ވޯޓު ގަޑީގައި އޮންނާނެ ކަމަށް އިއުލާންކުރައްވާފައެވެ.

https://sun.mv/213145

މިދިޔަ އަހަރުގެ ޖޫން މަހު ޖޭއެސްސީގެ ރައީސްކަމަށް އިންތިޚާބު ކުރި ރިޒާ ހުކުރު ދުވަހުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޖިލީހަށް އަންގަވާފައިވެއެވެ. ރިޒާ އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.

ރިޒާ ޖޭއެސްސީން އިސްތިއުފާ ދެއްވިއިރު، ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒު ވަނީ މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވާފައެވެ. ނިޔާޒް އިސްތިއުފާދެއްވުމާ ގުޅިގެން އެ މަގާމަށް މިދިޔަ ބުރާސްފަތި ދުވަހު ރައީސްގެ ފަރާތުން ކޮމިޝަންގައި އިންނަވާ މެންބަރު ޔަޒްމީދު މުޙައްމަދު ވަނީ އެ މަގާމަށް އިންތިޚާބުކޮށްފައެވެ.

https://sun.mv/212309

ޖޭއެސްސީގެ ރައީސްކަމުގައި އެއް އަހަރާއި ހަތަރު މަހެއްހާ ދުވަސް ހޭދަކުރެއްވި ރިޒާއަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައިވެއެވެ. ވަކިން ޚާއްސަކޮށް، ރިޒާ އިސްވެ ހުންނަވައިގެން މި އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަން ފެށުމާއެކު އެ ތަނުން އެއް ފަނޑިޔާރަކު އަމިއްލައަށް އިސްތިއުފާ ދެއްވިއެވެ. އަނެއް ދެ ފަނޑިޔާރުން ވަކިކުރީ މަޖިލީހުންނެވެ.

އެއީ އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާއި ހުސްނުއްސުއޫދެވެ.

މަޖިލީހުން މިއަދު ޖޭއެސްސީގެ ރައީސްކަމަށް ހުށަހެޅި ހުސްނީ މުބާރިކަކީ ޖުޑިޝަރީ ކޮމިޓީގެ، ޕީއެންސީއަށް ނިސްބަތްވާ މުގައްރިރެވެ. އަދި އޭނާއަކީ ވެސް ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް