ސިނަމާލެ ބުރިޖު މަތިން ދުއްވާފައި ދިޔަ ސައިކަލެއްގައި، ފަހަތުން ދިޔަ ކާރެއް ޖެހުމާ ގުޅިގެން ސައިކަލުގައި ތިބި ދެ މީހުންނަށް މިރޭ އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މިރޭ 22:17ހާއިރު، ބުރިޖުން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި އެކްސިޑެންޓެއްވި ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި، ސައިކަލުގައި ތިބި ދިވެހި ދެ އަންހެނުންނަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންނަށް ސީރިއަސް އަނިިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ މުއައްސަސާއިން ވަނީ، އެ މައްސަލައާ ގުޅިގެން ކާރު ދުއްވަން އިން މީހާގެ ލައިސަންސް ހިފަހައްޓައިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ސިނަމާލެ ބުރިޖު މަތީގައި މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގައި، ބައެއް މީހުންނަށް ސީރިއަސް އަނިޔާތައް ލިބި، މަރުވެފައިވެއެވެ.
ފުލުހުންނަށް ވައްކަމުގެ މައްސަލަތަކަށް ފަހު އެންމެ ގިނައިން ރިޕޯޓުކުރަނީ އެކްސިޑެންޓުތަކެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އެ މުއައްސަސާއަށް 2،434 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ.