އަންނަ މަހު ރިލީޒްކުރާ ބޮލީވުޑްގެ ހެއްވާ މަޖާ ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2"އިން ލަވަކިޔުންތެރިޔާ ހަނީ ސިންގްގެ ލަވައެއް ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2"ގެ ލަވަ "ރާތު ބަރު" ރިލީޒް ކުރުމަށްފަހު ބެލުންތެރިންގެ ފަރާތުން އެ ލަވަޔަށް ބޮޑު ތަރުހީބެއް ލިބިފައި ވަނިކޮށް އަނެއްކާވެސް އެއަށްވުރެ ފޯރިގަދަ ލަވައެއް ހަނީއާ އެކު ގެނެސްދޭން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
މިފަހަރު ގެނެސްދޭ ލަވައިގެ ނަމަކީ "އަންކަލް ޑާންސް ސޯންގް"އެވެ. މި ލަވަޔަކީ ކައިވެނީގެ ތީމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ލަވައެކެވެ.
މީގެކުރިންވެސް ހަނީ ސިންގްގެ ލަވަތައް އަޖޭގެ ބައެއް ފިލްމުތަކުން ފެނިފައިވާއިރު އޭގެތެރޭގައި "ސިންގްހަމް ރިޓާންސް" އަދި ފިލްމު "ރެއިޑް 2"ގައި ހިމަނާފައިވާ "މަނީ މަނީ" ފާހަގަކޮށްލެވެއެވެ.

ހަނީ ސިންގް ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2"ގެ އެކްޓަރު އަޖޭ ދޭވްގަންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2"ގައި ގެނެސްދޭ ހަނީ ސިންގްގެ ލަވަޔަކީ ކައިވެނީގެ ހަފްލާތަކުގެ ފޯރިގަދަ ކުރުމަށް އެންމެ އެކަށޭނެ މިއުޒިކާ އެކު ގެނެސްދޭ ލަވައެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގެ މަޝްހޫރު ރެޕަ އަދި މިއުޒިކް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން އަންނަ ލަވަކިޔުންތެރިޔާ ހަނީ ސިންގް އަކީ ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަށް މިއުޒިކް އުފައްދައިދީ ލަވަ ރެކޯޑްކޮށްދީފައިވާ ފަންނާނެކެވެ.
އެގޮތުން 2012 ވަނަ އަހަރާ ހަމައަށް ހަނީ ސިންގް އަކީ އިންޑިއާގެ އެންމެ އަގުބޮޑު މިއުޒިކް އާޓިސްޓްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.
ހަނީގެ މިއުޒިކް ކެރިއަރަށް އައި ކުއްލި ލޮޅުމަކާ އެކު އޭނާ މިއުޒިކް ދާއިރާއިން އެއްކޮށް ގެއްލުމަށްފަހު މިއުޒިކީ ދުނިޔެއަށް އެނބުރި އައީ މިދިޔަ އަހަރުގެތެރޭގައެވެ.
އަޖޭ ދޭވްގަން އަދި ބަތަލާ ރަކުލް ޕްރީތްގެ އިތުރުން އާރް މާދަވަން މުހިއްމު ރޯލް ކުޅޭ ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2" ސިނަމާތަކަށް ގެންނާނީ އަންނަ މަހުގެ 14ގައެވެ.