ޕާކިސްތާނުން ސަލްމާން ޚާންއަށް ޓެރަރިސްޓެއްގެ ލަޤަބު ދިނީތަ؟

އިންޑިއާގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ އަވަށްޓެރި ޤައުމު ޕާކިސްތާނުން ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާނަށް ޓެރަރިސްޓެއްގެ ލަޤަބު ދީފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފިއެވެ.

ޕާކިސްތާނުން ސަލްމާނަކީ ޓެރަރިސްޓެއް ކަމަށް ބުނެ އެ ޤައުމުގެ އެންޓި ޓެރަރިޒަމް އެކްޓް (އާޓާ)ގެ ލިސްޓުގެ ހަތަރު ވަނަ މަގާމު ސަލްމާނަށް ދިނީ ދާދިފަހުން ސައުދި އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ބޭއްވި ފޯރަމްގައި އެކްޓަރު ދެއްކި ވާހަކަތަކަކާ ގުޅިގެން ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.

އެގޮތުން، ފޯރަމްގައި އެކި ޤައުމުތަކުގެ ރައްޔިތުންނަށް ބޮލީވުޑް ފިލްމުތައް ބެލުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ދެކެވުނު ވާހަކައެއްގައި އެކި ޤައުމުތަކުގެ ނަންތައް ސަލްމާނަށް ކިޔުނު ގޮތުން ޕާކިސްތާނުގެ ސަދަންވެސްޓާން ރީޖަންގައި އޮންނަ ބަލޮޗިސްތާނު ވެސް ކިޔުނީ ވަކި ޤައުމެއްގެ ގޮތުގައެވެ.

އެހެންވެ އެއީ ޕާކިސްތާނާއި ބަލޮޗިސްތާނު ވަކި ކުރުމަށް ސަލްމާން ގަސްތުގައި ކިޔުނު ގޮތް ކަމަށް އެ ޤައުމުގެ ބައެއް މީހުން ވަނީ ބުނެފައެވެ.

ބޮލީވުޑްގެ ތިން ޚާނުން ދާދިފަހުން ސައުދީގައި ބޭއްވި ރިޔާދު ފޯރަމްގައި ބައިވެރިވުމަށް އެ ޤައުމުގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މިކަމާ ގުޅިގެން އެކްސްގައި ވަރަށް ވަރުގަދަ ބަހުސްތަކެއް ކުރިއަށްދިޔައިރު ބަލޮޗިސްތާނު ޕްރޮވިންސުން ސަލްމާން ޚާންގެ ނަން އެ ޤައުމުގެ ޓެރަރިސްޓުންގެ ލިސްޓަށް އިތުރުކޮށްފައިވާ ކަމަށް ބެލެވޭ ކަމުގައި އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ނަމަވެސް ޕާކިސްތާނުގެ އެއްވެސް އިދާރާއަކުން އެކަން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. މިއީ ތެދު ޚަބަރަކަށްވެއްޖެނަމަ އިންޑިއާއިން ބޭރު ޤައުމުތަކަށް ދަތުރުކުރުމުގައި ސަލްމާނަށް ވަރަށް ގިނަ ދަތިތަކަކާ ކުރިމަތިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭގެ އިތުރުން ގާނޫނީ ގޮތުން ގިނަ މައްސަލަތަކެއް އެކްޓަރަށް ކުރިމަތިވެ ސަލްމާންގެ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ޕާކިސްތާނުގެ އިތުރުން ބޭރު ޤައުމުތަކުގެ ސަލަމާތީ ރައްކާތެރިކަން ބަލަހައްޓާ އިދާރާތަކުން މޮނިޓާކުރާނެ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

އިންޑިއާ އާއި ޕާކިސްތާނަކީ އަވަށްޓެރި ދެ ޤައުމު ކަމަށްވިޔަސް އެކި މައްސަލަތަކުގައި ވަރަށް އަވަހަށް ގުޅުން ގޯސްވާ ދެ ޤައުމެވެ.

comment ކޮމެންޓް