ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރުން: 4 މީހުން 5 ދުވަހަށް ބަންދަށް

ފުލުހުން އޮޕަރޭޝަނެއްގައި: ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރުކުރި 4 މީހުން ވަނީ 5 ދުވަހަށް ބަންދުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް މިއަދު ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ.

މި ހާދިސާ ހިނގީ އިއްޔެ ފަތިހު 4:45 އެހާކަންހާއިރު އެއާޕޯޓުގައެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު, ހިންގި މި ވައްކަމާ ގުޅިގެން ގިނަ ބަޔަކަށް ހައިރާންކަން ލިބުނުއިރު, ފުލުހުން އިއްޔެ ވަނީ މި މައްސަލައިގައި ހަތަރު މީހަކު ހައްޔަރު ކުރިކަން ހާމަ ކޮށްފައެވެ. ޓެކްސީއެއްގައި އެ މީހުން އެއާޕޯޓަށް ގޮސް ޑޮލަރު ހުރި ސޫޓްކޭސްތައް ފޭރިގަނެގެން ފިލާފައިވަނީ ލޯންޗެއްގައެވެ. އެ ލޯންޗު ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު 'ސަން'އަށް ބުނީ، ހަތަރު މީހުންގެ ބަންދަށް ވެސް ކޯޓުން މިއަދު ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.

ހަތަރު މީހުން ހައްޔަރުކޮށް، އެ މީހުން ފިލަން ބޭނުންކުރި ލޯންޗު ވެސް ހޯދާފައިވާކަން އިއުލާނުކުރީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ. އެކަމަކު، އެ މީހުންނާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި، ގެއްލުނު ޑޮލަރުތައް ހޯދުނުކަން ނުވަތަ ނޫންކަން ވެސް ބުނެފައެއް ނުވެއެވެ.

https://sun.mv/213231

ގެއްލުނީ ސީދާ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ވެސް ފުލުހުން ނުބުނެއެވެ.

އެކަމަކު، އިތުބާރު ހުރި މަސްދަރަކުން 'ސަން'އަށް ބުނި ގޮތުގައި އެ މީހުން ވަގަށް ނެގި ކަމަށް ބުނާ ސޫޓް ކޭހުގައި ލައްކައެއްހާ ޑޮލަރު ހުންނާނެއެވެ. އެއީ، ފުރާ މީހުންނަށް ފައިސާ މާރުކުރާ ކައުންޓަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގެންދިޔަ ފައިސާކަން ވަނީ އެނގިފައެވެ. އަދި، ޑޮލަރުގެ އިތުރުން ވެސް ޔޫރޯއާއި އެ ނޫން ވެސް ފައިސާ ހުންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

އެ މީހުން އެ ސޫޓް ކޭސް ފޭރިގަތީ ދުރާލާ ރާވައިގެން ކަމަށް ބެލެވެއެވެ.

ފައިސާތައް ގެންދިޔަ ވަގުތު މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ވަނީ އެ ފައިސާތައް ގެންދިޔަ ބޭންކްގެ މުވައްޒަފުންނަށް ބިރުދައްކާފައެވެ. އަދި، ފައިސާ ހުރި ސޫޓް ކޭސް ޖަހައިގަތުމަށް ފަހު، ދުވެފައި ގޮސް އެއާޕޯޓުގައި އޮތް ލޯންޗަކަށް އަރައިގެން ފިލާފައެވެ.

ފުލުހުން އިއްޔެ ކަށަވަރުކޮށްދިން ގޮތުގައި ބޭންކުން ފައިސާ ހުރި ސޫޓް ކޭސް ގެންގޮސްފައިވަނީ ފުލުހުންގެ ސެކިއުރިޓީއާ އެކުގައެއް ވެސް ނޫނެވެ.

https://sun.mv/213226

މި ފޭރުމާ ގުޅިގެން އިއްޔެ ފުލުހުން ހަތަރު މިހުން ހައްޔަރުކުރީ ކ. ހުރައިންނެވެ. އެ ރަށުން މިއަދު "ސަން" އަށް މައުލޫމާތު ދިން އިތުބާރު ހުރި މަސްދަރަކުން ބުނި ގޮތުގައި ފޭރުނު މީހުން ފިލަން ލޯންޗުގައި އައީ އެ ރަށަށް ކަމަށް ބެލެވެއެވެ. އެ ރަށުގެ ބަނދަރުގައި އަޅާފައި އޮއްވައި ފުލުހުން އެ ލޯންޗު ހިފަހައްޓާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ނަން ހާމަކުރަން ބޭނުން ނުވާ އެ ރަށުގައި ދިރިއުޅޭ މީހަކު "ސަން"އަށް މައުލޫމާތުދިން ގޮތުގައި އެ ރަށު ގެސްޓުހައުސްއެއްގެ ވެރިއަކު ވަނީ އެ ތަނަށް އިއްޔެ އައި ބަޔަކު ގިނަ އަދަދެއްގެ ޑޮލަރުތަކެއް ގެންގުޅޭ މަންޒަރު އެތަނުގެ ސީސީޓީވީއަށް އަރާފައިވާ ކަމަށް ބުނެފައެވެ.

އެ ރަށުން މައުލޫމާތު ދިން މީހުން ބުނިގޮތުގައި ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރުމަށް އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.

މި މައްސަލައާ ގުޅިގެން އަދި ޖަވާބު ނުލިބޭ އެތައް ސުވާލެއް އެބަހުއްޓެވެ. އެ ކަމާ ގުޅިގެން "ސަން" އިން މިއަދު ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އިއްޔެ އެއާޕޯޓްގައި ހިންގި ވައްކަމުގެ މައްސަލައިގެ އިތުރު އެއްވެސް އަދާހަމައެއް އަދި މި ވަގުތަށް ދެވެން ނެތް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް