މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފެއްދި އާ މީޑިއާ ކޮމިޝަންގެ ނައިބު ރައީސްކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒަމްއަތު އަހްމަދު ވަހީދު މިއަދު އިންތިޚާބުކޮށްފިއެވެ.
ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން، އާ ކޮމިޝަންގެ ރައީސް ހޮވަނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި، ނައިބު ރައީސް ހޮވަނީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެ ކޮމިޝަނުން މިއަދު ބޭއްވި އަލަތު ބައްދަލުވުމުގައި އޮތީ ކޮމިޝަންގެ ނައިބު ރައީސް ހޮވުމެވެ.
ޒަމްއަތު، އާ މީޑިއާ ކޮމިޝަންގެ ނައިބު ރައީސް ކަމަށް ހޮވުނުކަން ކަށަވަރުކޮށްދީ އެ ކޮމިޝަންގެ ފަރާތުން 'ސަން'އަށް ބުނީ، ކޮމިޝަންގެ ނައިބު ރައީސްކަމަށް ޒަމްއަތު އިންތިޚާބުވެވަޑައިގަތީ ކުރީގެ މީޑިއާ ކޮމިޝަންގެ ރައީސް ހުސައިން ޘަގީފް އިހުސާނާ ވާދަކުރައްވައި ކަމަށެވެ.
އެގޮތުން، ޒަމްއަތަށް ހަތަރު ވޯޓު ލިބިވަޑައިގެންނެވިއިރު ޘަގީފަށް ލިބިވަޑައިގަތީ ތިން ވޯޓެވެ.
ފާހަގަކުރެވޭ ގޮތުގައި އާ ކޮމިޝަނަށް ޒަމްއަތު އިންތިޚާބުވެވަޑައިގަތީ ބްރޯޑްކާސްޓަރުންގެ ތެރެއިންނެވެ. އަދި، ޘަގީފް އިންތިޚާބުވެވަޑައިގަތީ ނޫސްމަޖައްލާތަކުގެ ތެރެއިންނެވެ.
ޒަމްއަތު ވަނީ މީގެ ކުރިން ދައުލަތުގެ މީޑިއާ ޕީއެސްއެމާއި ވީޓީވީ، އަދި އޭގެ ފަހުން ވާދޫ އޮންލައިންއާއި އިސްލާމިކް މިނިސްޓްރީގައި ވެސް މަސައްކަތްކުރައްވައިފައެވެ.
ކޮމިޝަންގެ ނައިބު ރައީސްކަމަށް ޒަމްއަތު މިއަދު އައްޔަންކުރިއިރު، ކޮމިޝަންގެ ރައީސްކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު އަދި މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ އިއްޔެ ފާސްކޮށްފައެވެ.
ފަރުޝަތު ކޮމިޝަންގެ ރައީސް ކަމަށް އައްޔަންކުރަން ފެންނަ ކަމަށް ނެގި ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ތެރެއިން އޭނާއާ ދެކޮޅަށް ވޯޓުދެއްވީ އިއްޔެގެ ޖަލްސާގައި އެ ވަގުތު ތިއްބެވި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ތެރެއިން ނުވަ މެންބަރުން އެކަންޏެވެ.
އާ މީޑިއާ ކޮމިޝަންގެ މެންބަރުން:
- މުހައްމަދު ފަރުޝަތު - ރައީސް
- ޒަމްއަތު އަހްމަދު ވަހީދު - ނައިބު ރައީސް
- ސިމާހާ ނަސީމް
- ހުސައިން ޘަގީފް އިހުސާން
- ސަފާ ޝަފީގް
- އަބްދުލްއަޒީޒް އިބްރާހީމް
- އާމިނަތު ސަރާހަތު އިއްޒަތު