ރާއްޖެއާއި ބޭރުގައި ފައިސާގެ މުއާމަލާތްކުރެވޭނެ އީ-ވޮލެޓު "ސްވައިޕް" ބީއެމްއެލްއިން ތައާރަފުކޮށްފި

ސްވައިޕް އީ ވޮލެޓު: މި އަހަރުގެ ޑިސެންބަރު މަހު ސްވައިޕް ބީޓާ ޓެސްޓިންއަށް ހުޅުވާލާނެ ކަމަށާ މިއަހަރު ނިމުމުގެ ކުރިން ބީއެމްއެލް އިން ސްވައިޕްގެ ހިދުމަތް ފަށާނެ ކަމަށް ބީއެމްއެލް އިން ވަނީ އިއުލާންކުރައްވާފަ---

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާއެކު، އަވަހަށް އަދި ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓް "ސްވައިފް" ތައާރަފުކޮށްފިއެވެ.

ބާސެލޯ ނަސަންދުރަ ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފުތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

ބީއެމްއެލްއިން ބުނީ ސްވައިޕް އަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ 100 ޕަސެންޓް ދިވެހި އުފެއްދުމެއް ކަމަށެވެ. މި ޑިޖިޓަލް ވޮލެޓަކީ، ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭނެ އުފެއްދުމެއްގެ ގޮތުގައި ބީއެމްއެލްއިން ވަނީ ސިފަކޮށްފައެވެ.

މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް އެ ބެންކުން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މި އަހަރުގެ ޑިސެންބަރު މަހު ސްވައިޕް ބީޓާ ޓެސްޓިންއަށް ހުޅުވާލާނެ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން ސްވައިޕްގެ ހިދުމަތް ފަށާނެ ކަމަށެވެ.

ބީއެމްއެލްގެ އެމްޑީ މުޙައްމަދު ޝަރީފް---ފޮޓޯ: ރައީސް އޮފީސް

"ސްވައިޕަކީ އަޅުގަނޑުމެން ޑިޖިޓަލްކޮށް ކުރާ ފައިސާގެ މުއާމަލާތަށާއި މާލީ ދާއިރާގައި ރާއްޖެއަށް ލިބުނު މުހިންމު ކުރިއެރުމެއް. މިއީ ރާއްޖެއާއި ބޭރަށް ފަސޭހަ، ރައްކާތެރި އަދި އަވަސް މާލީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ދިވެހީން ފަރުމާކޮށް ތައްޔާރުކޮށްފައިވާ ވޮލެޓެއް،" އޭނާ ވިދާޅިއެވެ.

ބީއެމްއެލްއިން ބުނީ ސްވައިޕް ޑިޖިޓަލް ވޮލެޓް އެޕް ބޭނުންކޮށްގެން، ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ކިއުއާރު ކޯޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށެވެ.

ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން، އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށް ބަލައިލުމުގެ ފުރުސަތު ސްވައިޕްއިން ފަހިކޮށްދޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދީފައިވެއެވެ.

ބީއެމްއެލްއިން ބުނީ ދުނިޔޭގެ ކޮންމެ ބޭންކަކުން ނެރެފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށެވެ. އަދި ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވައި އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނެގޭނެ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ވިޔަފާރިތަކަށް ވަގުތުން އެކައުންޓަށް ފައިސާ ޖަމާވާ ގޮތަށް ސްވައިޕް ފަރުމާކޮށްފައިވުމުން ވިޔަފާރިވެރިންނަށް ކޭޝް ފްލޯ ބެލެހެއްޓުމަށް ފަސޭހަވާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އެންމެ ޒަމާނީ ސަލާމަތީ ގިނަ ފިޔަވަޅުތަކާއެކު ތަރައްގީކޮށްފައިވާ އަދި ދިވެހިރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގަވާއިދުތަކާއި ފައިސާ ދެއްކުމުގެ ޝަރުތުތަކާއި އުސޫލުތަކަށް ފުރިހަމައަށް ފެތޭ ސްވައިޕަކީ، ބޭރުގެ އެހެނިހެން ވޮލެޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ ދިވެހި ޑިޖިޓަލް ވޮލެޓެކެވެ.

https://sun.mv/190432

ފްރީލާންސަރުންނާއި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އެކި ގައުމުތަކުގެ ކްލައިންޓުން ނުވަތަ ކަސްޓަމަރުންގެ ފަރާތުން ފައިސާ ލިބިގަތުމަށްވެސް ސްވައިޕް އެހީތެރިވެދޭނެއެވެ. އެއާއެކީ ރާއްޖޭގެ ހުނަރުވެރިންނަށް ލިބެންޖެހޭ ފައިސާ ވަގުތުން އެއްވެސް އިތުރު ޗާޖަކާ ނުލާ ލިބޭނެ ގޮތް މަގުފަހިވާނެ ކަމަށް ބޭންކުން ބުންޏެވެ. އަދި ސްވައިޕަކީ ފަތުރުވެރިންނަށްވެސް ރާއްޖޭގައި ފައިސާ ދެއްކުމަށް ފަސޭހަ ވޮލެޓަކަށް ވާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ދިވެހީންނަށް ފައިސާގެ މުއާމަލާތްކުރުން ފަސޭހަކޮށްދިނުމަކީ ރައީސް މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ.

comment ކޮމެންޓް