ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލުމާބެހޭގޮތުން ދެ ގައުމުގެ ދެމެދުގައި ތުރުކީގައި ކުރިޔަށްގެންދިޔަ ވާހަކަތައް ނާކާމިޔާބުވެގެން އިއްޔެވަނީ ނިމިފައެވެ. މިއާއެކު ދެ ގައުމުގެ ދެމެދުގައި އަލުން ހަމަލާތައް ފެށިދާނެކަމުގެ ބިރުވަނީ ހީވެފައެވެ.
މިކަން ހާމަކުރައްވަމުން ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތަﷲ ތަރާރު ވިދާޅުވީ ވާހަކަތައް ނާކާމިޔާބުވީ ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދުގައިވާ މައިގަނޑު މައްސަލަ ހައްލުކުރަން އެއްބާރުލުން ދިނުމުގެ ބަދަލުގައި އަފްޣާނިސްތާނުން އެ މައްސަލައާ ދުރަށްގޮސް އެހެން ކަންތައްތަކަކަށް އިސްކަން ދޭން ފެށުމުން ކަމަށެވެ.
ތަރާރު ވިދާޅުވިގޮތުގައި ދެ ގައުމުގެ މެދުގައި ހަމަލާތައް ބަދަލުކޮށް ހަނގުރާމައިގެ ހާލަތަށް ދިޔަ މައިގަނޑު މައްސަލައަކީ އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ސަރުކާރުން ޕާކިސްތާނުގެ އެންމެ ބޮޑު ޓެރަރިސްޓް ޖަމާއަތްކަމަށްވާ ޕާކިސްތާން ތާލިބާން ޖަމާއަތް "ތަހްރީކޭ ތާލިބާން އޮފް ޕާކިސްތާން" (ޓީޓީޕީ)ގެ ހަނގުރާމަވެރިންނަށް އެހީތެރިވާ މައްސަލައެވެ. އަފްޣާނިސްތާނުން އެ ޖަމާއަތުގެ ހަނގުރާމަވެރިންނަށް އެހީތެރިކަމާއި ހިޔާވަހިކަން ދޭ މައްސަލައެވެ. އަފްޣާނިސްތާނުގައިވާ "ޓީޓީޕީ"ގެ މަރުކަޒުތަކުން ސަރަހައްދީ ރޮނގު ހުރަސްކޮށް ޕާކިސްތާނަށް ހަމަލާތައް ދެމުން ގެންދާ މައްސަލައެވެ.
ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ތަރާރު ވިދާޅުވިގޮތުގައި ޕާކިސްތާނުގެ ފައިޓާޖެޓްތަކުން އަފްޣާނިސްތާނަށް ހަމަލާދޭންޖެހޭ ސަބަބަކީ މިއެވެ. ހަމަލާދެނީ އަފްޣާނިސްތާނުގެ އެތެރޭގައިވާ "ޓީޓީޕީ"ގެ މަރުކަޒުތަކަށާއި "ޓީޓީޕީ"ގެ ޓެރަރިސްޓުންނަށެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތަﷲ ތަރާރު
އެ ޖަމާއަތުގެ މަރުކަޒުތަކާއި ހަނގުރާމަވެރިން އަފްޣާނިސްތާނުން ބޭރުކޮށް އެ ޖަމާއަތަށް އަފްޣާނިސްތާނުން އެހީތެރިނުވާނަމަ ޕާކިސްތާނުން ހަމަލާދޭކަށް ނުޖެހޭނެއެވެ. އެ ހިސާބުން ދާއީމީ ގޮތަކަށް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް މަގުފަހިވެގެންދާނެއެވެ.
ނަމަވެސް ތަރާރު ވިދާޅުވިގޮތުގައި އަފްޣާން ތާލިބާން ސަރުކާރުން މިކަން މިގޮތަށް ކުރަން ބޭނުމެއް ނުވެއެވެ. ވާހަކަތަކުގައި އަފްޣާން ތާލިބާން ސަރުކާރުން ބުނަނީ އެގައުމުގައި "ޓީޓީޕީ"ގެ މަރުކަޒުތަކާއި ހަނގުރާމަވެރިން ނެތްވާހަކައެވެ. އަދި "ޓީޓީޕީ"އަށް އަފްޣާނިސްތާނުން އެހީތެރިކަން ފޯރުކޮށްދީފައި ނުވާނެ ވާހަކައެވެ.
މިއީ މައްސަލަ ހައްލުކުރެވޭނެ ގޮތެއްނޫންކަމަށާއި މައްސަލަ ހައްލުކުރެވޭނީ ހަގީގަތަށް އެއްބަސްވެ ދެން އެކަން ނުކުރާނެކަމުގެ ގެރެންޓީ އަފްޣާން ތާލިބާން ސަރުކާރުން ދިނުމުންކަމަށް ތަރާރު ވިދާޅުވިއެވެ.
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތަކުގައި ދެގައުމުގެ ސިފައިންގެ އެތައް ބަޔަކާއި އާންމުންގެ އެތަށް ބަޔަކު މަރުވެފައިވާއިރު ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑާލީ ގަތަރާއި ތުރުކީ އަދި ޗައިނާ މެދުވެރިއަކަށް ވެގެން ޕާކިސްތާނާއި އަފްޣާނިސްތާނުގެ މަސްއޫލުވެރިން ގަތަރުގެ ވެރިރަށް ދައުހާގައި ކުރި މަޝްވަރާތަކަކާ ގުޅިގެންނެވެ.
ހަމަލާތައް ހުއްޓާލުމަށްފަހު ގަތަރާއި ތުރުކީ އަދި ޗައިނާ މެދުވެރިއަކަށް ވެގެން މަސައްކަތްކުރީ އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ދާއިމީ ގޮތަކަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ވުޖޫދަށް ގެނައުމުގެ ވާހަކަތައް ތުރުކީގެ އިސްތަންބޫލްގައި ފެށުމަށެވެ.

އަފްޣާނިސްތާނާއި ޕާކިސްތާނުގެ ބޯޑަރު ސަރަހައްދު -- ފޮޓޯ/ އޭއެފްޕީ
މީގެ ދިހަ ވަރަކަށް ދުވަސްކުރިން ފެށި މިވާހަކަތައް އިއްޔެ މިވަނީ ކޮޅެއްގައި ނުޖެހި ނާކާމިޔާބުވެފައެވެ. މިއާއެކު ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އަނެއްކާވެސް ހަމަލާތައް ބަދަލުކުރަން ފެށިދާނެކަމުގެ ބިރު މިވަނީ ހީވެފައެވެ.
ޕާކިސްތާނާއި އަފްޣާނިސްތާނަކީ އަވަށްޓެރި އިސްލާމީ ދެ ގައުމެވެ. އެއްގައުމު އަނެއްގައުމަށް އެހީތެރިވަމުން ގެންދިޔަ ދެގައުމެވެ. އަފްޣާނިސްތާނުގެ ތިން ވަރަކަށް މިލިޔަން ރެފިއުޖީން ޕާކިސްތާނުގައި ދިރިއުޅޭއިރު އެމީހުންނަށް ހިޔާވަހިކަމާއި އިންސާނީ އެހީ މައިގަނޑު ގޮތެއްގައި ފޯރުކޮށްދެނީ ޕާކިސްތާނުންނެވެ.
ނަމަވެސް 2022 ވަނަ އަހަރު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބައި އަފްޣާނިސްތާނުގައި އޮތް އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރު ވެއްޓި ތާލިބާނުން އަލުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާއެކު އަފްޣާން ހަނގުރާމަ ހުއްޓި އަފްޣާނިސްތާނަށް ހަމަޖެހުން އައުމުން ޕާކިސްތާންވަނީ އެގައުމުގައި ދިރިއުޅޭ ޕާކިސްތާނުގެ ތިން މިލިޔަނަށްވުރެގިނަ ރެފިއުޖީން އަނބުރައި އަފްޣާނިސްތާނަށް ފޮނުވާލުމުގެ މަސައްކަތް ފަށާފައެވެ.
މިއީ ތާލިބާން ސަރުކާރު ހިތްހަމަ ނުޖެހުނު ކަމެކެވެ. މިއާއެކު ދެގައުމުގެ ގުޅުންތައް ގޯސްވާން ފެށިއެވެ. ނަމަވެސް ދެގައުމުގެ މެދުގައި ހަމަލާތައް ބަދަލުކޮށް ހަނގުރާމައިގެ ހާލަތަކަށް ވެއްޓިގެން ދިޔައީ އަފްޣާނިސްތާނުގެ ބަގްރާމް ވައިގެ ބޭސް އެމެރިކާއަށް އަލުން ބޭނުންވާކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދެއްކެވުމަށްފަހުގައެވެ.
ޓްރަމްޕް ވިދާޅުވިގޮތުގައި 2022 ވަނަ އަހަރު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލިއިރު ބަޣްރާމް ވައިގެ ބޭހުން އެމެރިކާ ސިފައިން ބޭލުމަކީ އެމެރިކާއަށް ހެދުނު ގޯހެކެވެ. ޗައިނާގެ އެތެރޭގެ ހަރަކާތް ބެލުމަށާއި ޗައިނާއަށް ޖާސޫސުކުރުމަށް އަފްޣާނިސްތާނުގައި ބަގްރާމް ވައިގެ ބޭސް އަކީ އެމެރިކާއަށް ސްޓްރެޓީޖިކް ގޮތުން ވަރަށް މުހިއްމު ތަނެއްކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޕާކިސްތާނާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ތާލިބާން ހަނގުރާމަވެރިންތަކެއް -- ފޮޓޯ/ ރޮއިޓާސް.
ރައްދުގައި އަފްޣާން ތާލިބާން ސަރުކާރުން ބުނީ ބަގްރާމް ވައިގެ ބޭސްވެސް އަދި އަފްޣާން ބިމުން އެންމެ އިންޗިއެއްވެސް އެމެރިކާއަށް ނުދޭނެކަމަށާއި އެމެރިކާ އާ ދެކޮޅަށް އިތުރު 20 އަހަރު ހަނގުރާމަ ކުރަން ޖެހުނު ނަމަވެސް އެކަމަށް ތައްޔާރަށް އޮތްކަމުގައެވެ.
ޗައިނާ ވަނީ އަފްޣާނިސްތާނުގައި އިންވެސްޓް ކުރަން ފަށާފައެވެ. ރަޝިއާ ވަނީ އަފްޣާން ތާލިބާން ސަރުކާރަށް އިއުތިރާފްވެ ސަފީރުންގެ ފެންވަރުގައި އެ ސަރުކާރާ ގުޅުންތައް ގާއިމްކޮށްފައެވެ. އިންޑިއާވެސް ވަނީ ތާލިބާން ސަރުކާރާ ގާތްވެ ސަފީރުންގެ ފެންވަރުގައި ގުޅުންތައް ގާއިމް ކޮށްފައެވެ. އީރާނާއި ތާލިބާން ސަރުކާރުވަނީ ވާހަކަ ދައްކަން ފަށާފައެވެ. ނަމަވެސް ގޮތް ދޫނުކޮށް ބޮޑާކަން އިޚްތިޔާރު ކުރުމުގެ ސަބަބުން އެމެރިކާވަނީ އަފްޣާނިސްތާނުގައި އެކަހެރިވެ ބާކީވެފައެވެ.
ޕާކިސްތާނާއި އަފްޣާނިސްތާނުގެ ގުޅުންތައް ގޯސްވެފައިވާ މިދަނޑިވަޅުގައި އިންޑިއާވަނީ ތާލިބާން ސަރުކާރާ ވަރަށް ބޮޑަށް ގާތްވާން ފަށާފައެވެ. ދާދިފަހުން އިންޑިއާވަނީ ސަފީރުންގެ ފެންވަރުގައި ތާލިބާން ސަރުކާރާ ގުޅުންތައް އުފައްދާފައެވެ. އިންޑިއާގެ ޚާރިޖީ ވަޒީރުގެ ދައުވަތަކަށް ތާލިބާން ސަރުކާރުގެ ޚާރިޖީ ވަޒީރު އަމީރު ޚާން މުއްތަގީ ދާދިފަހުންވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފައެވެ.
އިންޑިއާ ވަނީ އަފްޣާނިސްތާނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އިތުރުން އަފްޣާނިސްތާނުގެ ސިއްހަތާބެހޭ ދާއިރާ ތަރައްގީ ކޮށްދިނުމަށް ބޭނުންވާ ބޮޑެތި އެހީތަކެއްވެސް ފޯރުކޮށްދޭން ފަށާފައެވެ.
އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ޖަމާއަތާއި ޕާކިސްތާނުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ޕާކިސްތާނުގެ އެންމެ ބޮޑު ޓެރަރިސްޓް ޖަމާއަތްކަމަށްވާ ތާލިބާން ޖަމާއަތް (ޓީޓީޕީ) އަކީ ދީނުގެ ނަމުގައި ހަރުކަށި ފިކުރެއް ގެންގުޅޭ ދެޖަމާއަތެވެ.
މިދެޖަމާއަތުން ދީނުގެ ނަމުގައި ގެންގުޅޭ ހަރުކަށި ފަލްސަފާ ނިސްބަތްވަނީ އިންޑިއާގެ ދިއޮބަންދު ސަހަރުގެ އިސްލާމީ ސްކޫލަށެވެ. ދިއޮބަންދު ފަލްސަފާ ނުވަތަ އެފިކުރު އުފަންވެފައިވަނީ 1866 ވަނަ އަހަރު ތެރޭގައެވެ. އިންޑިއަން ސަބްކޮންޓިނެންޓް އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި އޮތް ދުވަސްވަރުގައެވެ. އެފިކުރުގެ ބާނީންނަކީ އެދުވަސްވަރުގެ އިންޑިއާގެ ދީނީ ދެ އިލްމުވެރިން ކަމަށްވާ މައުލާނާ މުހައްމަދު ގާސިމް އައްދާނޫތުވީ އާއި މައުލާނާ ރަޝީދު އަހްމަދުއަލް ކަންޖޫހީ މިދެބޭފުޅުންނެވެ.
އެހެންކަމުން ދީނުގެ ނަމުގައި ތާލިބާނުން ގެންގުޅޭ ހަރުކަށި ފިކުރުގެ އަސްލު ފާޅުވީ އިނގިރޭސީންގެ ޒަމާނުގައި އިންޑިއާގެ ދިއޮބަންދުންނެވެ. ދިއޮބަންދު ގައި ހުންނަ އިސްލާމީ ޖާމިއާ އަކީ މިހާރުވެސް މިފިކުރުގެ އިލްމީ މަރުކަޒެވެ.
އިންޑިއާއި ޕާކިސްތާނަކީ އެއްގައުމުގެ ޓެރަރިސްޓް ޖަމާއަތްތަކަށް އަނެއް ގައުމުން އެހީވާކަމަށް ތުހުމަތުކުރާ ދެގައުމެވެ. އިންޑިއާއާ ދެކޮޅަށް ހަނގުރާމަކުރާ ކަޝްމީރުގެ ޖަމާއަތްތަކަށް ޕާކިސްތާނުން އެހީވާކަމަށް އިންޑިއާ ތުހުމަތު ކުރާއިރު ޕާކިސްތާނާ ދެކޮޅަށް ހަނގުރާމަކުރާ ޕާކިސްތާން ތާލިބާން ޖަމާއަތް ޓީޓީޕީއަށް އެހީވާކަމަށް ޕާކިސްތާން ތުހުމަތު ކުރަނީ އިންޑިއާގެ މައްޗަށެވެ.
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު މިހާރު އުފެދިގެން އުޅޭ ހަނގުރާމައިގެ ހާލަތަކީ އެހެން ގައުމުތަކެއް މަސްލަހަތު ނުވަތަ ޖިއޮޕޮލިޓިކްސް މިކަމުގައި ބޮޑު ދައުރެއް އަދާކުރާ ކަމެއްގެ ގޮތުގައި މުހައްލިލުން ސިފަކުރައްވައެވެ. އެއީ މިމައްސަލަ ފެންމަތިވެފައިވަނީ އަފްޣާނިސްތާނުގެ ބަގްރާމް ވައިގެ ބޭސް އެމެރިކާއަށް އަލުން ބޭނުންވާކަމަށް ވިދާޅުވެ އެމެރިކާގެ ޓްރަމްޕް ވާހަކަ ދެއްކެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ކަމަށް ވުމުންނެވެ.
ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ މުހައްމަދު އާސިފް ދާދިފަހުން ވިދާޅުވިގޮތުގައި އަފްޣާނިސްތާނުން ޕާކިސްތާން ތާލިބާން ޖަމާއަތް ޓީޓީޕީއަށް ހިޔާވަހިކަން ދޭ މައްސަލައަކީ ޕާކިސްތާނުގެ ގައުމީ ސަލާމަތަށް ވަރަށް ނުރައްކާތެރި މައްސަލައެކެވެ. އެއީ ހަނގުރާމަކޮށްގެންވެސް ޕާކިސްތާނުން ހުއްޓުވަން ބޭނުންވާ ކަމެކެވެ.
"ޓީޓީޕީ" އަށް ހިޔާވަހިކަން ދޭކަމަށް ޕާކިސްތާނުން ކުރާ ތުހުމަތު ތަކަށް އަފްޣާން ސަރުކާރުން އިންކާރު ކުރެއެވެ. ތާލިބާނުންގެ ދެޖަމާއަތަކީ މައިގަނޑު ގޮތެއްގައި އަފްޣާން ޕޮޝްތޫ ދަރިކޮޅަށް ނިސްބަތްވާ ދެޖަމާއަތެވެ. ޕާކިސްތާނުގައިވެސް ޕޮޝްތޫ ދަރިކޮޅުގެ މީހުންގެ ކޮމިއުނިޓީއެއް އުޅެއެވެ. ނަމަވެސް "ޓީޓީޕީ"ގައި ޕޮޝްތޫ ދަރިކޮޅަށް ނިސްބަތްނުވާ ހަނގުރާމަވެރިންވެސް އުޅެއެވެ.
ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ޖާސޫސީ އިދާރާތަކަކީ އެ ގައުމުތަކުގެ ގައުމީ މަސްލަހަތުތަކަަށާއި ޖިއޮޕޮލިޓިކަލް ބޭނުންތަކަށް ޓެރަރިސްޓު ޖަމާއަތްތަކުގެ ބޭނުންހިފާ އިދާރާތަކެކެވެ. މިގޮތުން އެމެރިކާގެ ޖާސޫސީ އިދާރާއިން ސިއްރިއްޔާތުގައި އައިއެސް ޖަމާއަތުގެ ބޭނުން ހިފާފައިވާ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.
 
											
										 
					 
                 
                                                            