ދިވެހީންގެ ތެރޭގައި ވެސް ގިނަ ބަޔަކު ބޭނުންކުރާ އާވި އަރުވާ، އިންހޭލާއެއް ކަމަށްވާ ހޮންގް ތައި ބްރޭންޑުގެ ހާބަލް އިންހޭލާގެ ބެޗެއް ތަޣައްޔަރުވެފައިވާތީ އެ ކަމަށް ސަމާލުވުމަށް އެ ގައުމުގެ ތައިލޭންޑުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އަންގައިފިއެވެ.
އެ އެޖެންސީން މިދިޔަ ހޯމަ ދުވަހު ނެރުނު އިއުލާނެއްގައި ބުނީ ހޮން ތައި ބްރޭންޑުގެ ހާބަލް އިންހޭލާ ފޯމިއުލާގެ ބެޗެއް ތަޣައްޔަރުވެ، ރައްކާތެރިކަމުގެ މިންގަނޑުތަކުން ފެއިލްވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން ތައިލޭންޑުގެ ޑިޕާޓްމަންޓް އޮފް މެޑިކަލް ސައިންސަސްއިން ކުރި ލެބޯޓްރީ ޓެސްޓްތަކުން ދައްކާ ގޮތުގައި މި އުފެއްދުމުގައި ވަނީ، ޓޯޓަލް އެރޮބިކް މައިކްރޯބިއަލް ކައުންޓް، ޓޯޓަލް ކޮމްބައިންޑް ޔީސްޓްސް އެންޑް މޯލްޑް ކައުންޓް، އަދި ކްލޮސްޓްރިޑިއަމް އެސްޕީޕީ ފަދަ މިންގަނޑުތަކުން ފެއިލްވެފައެވެ.
މި ޓެސްޓްތައް ހެދީ ހޮންގް ތައި ކޮމާޝަލް ހާބަލް ޕްރޮޑަކްޓްސް އުފައްދާ ސައިޓުން ނަގާފައިވާ ސާމްޕަލްތަކުންނެވެ.
އެފްޑީއޭއިން ބުނީ ޖީ 309/62 ނަންބަރުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ މި އުފެއްދުމަކީ އެ ގައުމުގެ ޕަބްލިކް ހެލްތު މިނިސްޓްރީން 2021 ވަނަ އަހަރު ކަނޑައަޅާފައިވާ، ރަޖިސްޓްރީކޮށްފައިވާ ގަސްގަހާގެހިން އުފައްދާ އުފެއްދުންތަކުގެ ސާފުކަމާއި ކޮލިޓީގެ މިންގަނޑަށް ވެސް ފެތޭ އުފެއްދުމެއް ނޫން ކަމަށެވެ.
އެ ގައުމުން ބުނި ގޮތުގައި ތަޣައްޔަރުވެފައިވާ ބެޗަކީ 000332 ނަންބަރު ބެޗެވެ. މި ބެޗު އުފެއްދި ތާރީޚަކީ މިދިޔަ އަހަރުގެ ޑިސެމްބަރު ނުވަވަނަ ދުވަހެވެ. އަދި މުއްދަތު ހަމަވާ ތާރީހަކީ 2027ވަނަ އަހަރުގެ ޑިސެމްބަރު އަށްވަނަ ދުވަހެވެ.
އެއާއެކު މާކެޓުގައި މިހާރު ދައުރުވަމުން އަންނަ މި އުފެއްދުން ނުގަންނަން ވަނީ އިންޒާރު ދީފައެވެ.