މާލޭގައި ކުރިން ހިންގި އިންގްލިޝް ޕްރެފަރޭޓަރީ އެންޑް ސެކަންޑްރީ ސްކޫލް (އީޕީއެސް)ގެ އިސް މުދައްރިސް އަޙުމަދު މަނިކު މިއަދު އަވަހާރަވެއްޖެއެވެ.
އަހުމަދު މަނިކު (ހައްތި އަހުމަދުމަނިކު) އަވާހާރަވީ، އުމުރުފުޅުން 81 އަހަރުގައެވެ.
އެ މުދައްރިސްގެ ކަށުނަމާދު އޮތީ، މިއަދު މެންދުރު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގައެވެ.
އީޕީއެސްއަކީ، ރަށްރަށުން މާލެއަށް އަންނަ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް ޖޫން 21، 1968ގައި އުފެއްދި ސުކޫލެކެވެ. އެ ސުކޫލުގައި އަހުމަދު މަނިކު އެތައް އަހަރެއް ވަންދެން މުދައްރިސްކަން ކުރެއްވިއެވެ.
އެގޮތުން، އެ ސުކޫލުގައި އެތައް ދަރިވަރަކަށް އޭނާ ދިވެހި ކިޔަވައިދެއްވިއެވެ. އޭގެ އިތުރަށް، ދަރިވަރުން އަޚުލާގީ ގޮތުން ރަނގަޅު ބަޔަކަށް ހެދުމަށް މަސައްކަތް ވެސް ވަނީ ކޮށްދެއްވާފައެވެ.
އެ މުދައްރިސްގެ ދަރިވަރެއް ކަމަށްވާ މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) 'ސަން'އަށް ވިދާޅުވީ، ގެއްލުނީ ސުކޫލުގެ އިތުރު ހަރަކާތްތަކުގައި ވެސް އެންމެ ބޮޑަށް ހަރަކާތްތެރިވާ އެއް މުދައްރިސް ކަމަށެވެ. އަދަބީ ހަރަކާތްތަކާއި ދިވެހި އެކި މުބާރާތްތަކުގައި ވަރަށް ބޮޑަށް މުދައްރިސް އެހީތެރިވެދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
ހައްތި އަހުމަދު މަނިކަކީ، ދަރިވަރުންނާ ވަރަށް ގުޅޭ މަޑުމައިތިރި މުދައްރިސެކެވެ.
އީޕީއެސްގައި އަހުމަދު މަނިކާއެކު ޓީޗަރަކަށް މަސައްކަތް ވެސް ކުރެއްވި، ޒާހިރު ފާހަގަކުރެއްވި ގޮތުގައި، އަހުމަދު މަނިކަކީ ގަޑިއަށް ވަރަށް ފަރުވާތެރި ބޭފުޅެކެވެ.
"ހައްތި އަހުމަދު މަނިކުގެ ވަރަށް ޚާއްސަ ސިފައެއް އެއީ ގަޑިއެއް ކިޔައިފިއްޔާ އެ ގަޑި ޖެހޭނީ ހައްތި އަހުމަދު މަނިކު އެތަނުގައި ހުންނަވަނިކޮށް. ބުނާ ގަޑިއަކަށް ހުންނަވާނެ. ކުދިންނަށް ގަޑިއަށް ފަރުވާތެރިވާން ދަސްކޮށްދެއްވި ބޭފުޅެއް އެއީ," އޭނާ ވިދާޅުވިއެވެ.
ޒާހިރު ވިދާޅުވީ، ކޮންމެ ކަމެއް އީޕީއެސްގައި ހިނގި ނަމަވެސް، ހައްތި އަހުމަދު މަނިކު ހުންނަވާނެ ކަމަށެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި، ގެއްލިގެން ދިޔައީ ތައުލީމަށް ޚިދުމަތްކުރައްވައި، ރަނގަޅު ޒުވާނުން ބިނާކުރުމަށް މަސައްކަތްތަކެއް ކުރެއްވި އަގުހުރި މުދައްރިސެކެވެ.