ބޮޑުކުރި މުސާރަތަކާ އެކު، އަންނަ އަހަރު ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

2026 ވަނަ އަހަރުގެ ބަޖެޓު ފޮތް: އަންނަ އަހަރުގެ ބަޖެޓުގެ 62 އިންސައްތައަކީ ހިންގުމުގެ ޚަރަދު -- ފޮޓޯ/ މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓުގެ 62 އިންސައްތައަކީ ރިކަރަންޓް ޚަރަދު ނުވަތަ ހިންގުމުގެ ޚަރަދު ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ވަނީ 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައެވެ.

އެއީ، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމުލަ 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ. ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.9 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 39.9 ބިލިއަން ރުފިޔާ ހިމަނާފައިވަނީ ހިންގުމުގެ ޚަރަދަށެވެ. އެއީ ޖުމުލަ ބަޖެޓުގެ 62 އިންސައްތައެވެ.

އެ ބަޖެޓުގައި ދަރަނި އަނބުރާ ދައްކަން 9.3 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

https://sun.mv/213322

ޒަމީރު ވިދާޅުވީ، ޖުމުލަ ބަޖެޓުގެ އަދަދު ރިކޯޑު މިންވަރެއް ކަމަށްވާ 64 ބިލިއަން ރުފިޔާއަށް އެރީ އެ ދަރަނި ދައްކަން ޖެހުމުގެ ސަބަބުން ކަމަށެވެ. އެކަމަކު، އެ ޚަރަދު ކަނޑާލުމުން ބަޖެޓަކީ ޖުމުލަ 55 ބިލިއަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަންނަ އަހަރުގެ ޚަރަދު އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއްކުރަނީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަންގެ ސިޔާސަތުގެ ދަށުން، ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ގެންނަން ރާވައިފައިވާ ބަދަލާއި ގުޅިގެން އިތުރުވާ މުސާރައާއި އުޖޫރައިގެ ޚަރަދު،" ބަޖެޓު ހުށަހަޅުއްވަމުން އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި 40 ބިލިއަންގެ ތެރެއިން 31.1 ބިލިއަން ރުފިޔާއަކީ ޓެކުހުގެ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ޖަހާފައިވާ އަދަދެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ވެސް 8.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ހިސާބު ޖަހާފައެވެ. އަދި، ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައިވެއެވެ.

https://sun.mv/213335

އެހެންވެ، މިއީ މި އަހަރަށް އަންދާޒާކުރި އާމްދަނީއާއި ހިލޭ އެހީއަށްވުރެ 6.6 އިންސައްތަ އިތުރު އަދަދެއް ކަމަށް ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަންނަ އަހަރު 31.7 އިންސައްތައިން ކެޕިޓަލް ޚަރަދު ނުވަތަ މަޝްރޫއުތަކަށް ކުރާ ޚަރަދު އިތުރުވެ، އެ ކަމަށް 9.3 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބަޖެޓުގައިވެއެވެ.

"ސަބަބަކީ، ހިނގަމުންދާ އަހަރުގެ ޕީއެސްއައިޕީ ސިޔާސަތު އަންނަ އަހަރުވެސް ހަމަ އެފަދައިން ކުރިއަށް ގެންދިޔުމާއެކު، އުމްރަނީ ތަރައްގީގެ އިތުރު މަޝްރޫއުތަކެއް އަންނަ އަހަރު ތަންފީޒުކުރުމަށް ރާވާފައިވާތީ،" އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރު ފައިނޭންސިންގެ ގޮތުގައި 26.3 ބިލިއަން ރުފިޔާ ހޯދަންޖެހޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، އޭގެ ތެރެއިން 16.8 ބިލިއަން ރުފިޔާ ހޯދަން ރާވާފައިވަނީ ބޭރުގެ ފަރާތްތަކުންނެވެ.

comment ކޮމެންޓް