ޝަރުއީ ދާއިރާ މިނިވަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާނެ ކަމަށް ވައުދުވެލެއްވި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 808 މިލިއަން ރުފިޔާ ދޭން ބަޖެޓުކޮށްފިއެވެ.
ޝަރުއީ ދާއިރާއަށް ހިލޭ އެހީ ދެއްވާނެކަން ރައީސް އިއުލާނުކުރެއްވީ ސެޕްޓެންބަރު 11 ގައެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 64 ބިލިއަން ރުފިޔާގެ ބަޖެޓުގައި އެ ކަމަށް ޖުމުލަ 807.9 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ. އެއީ، މިހާރު ޝަރުއީ ދާއިރާއަށް ކުރާ ޚަރަދަށްވުރެ 250 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވިއެވެ.
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ހުއްޓުވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ހިލޭ އެހީ އިއުލާނުކުރެއްވި ދުވަހު ރައީސް މުއިއްޒު ވިދާޅުވީ، ޖުޑިޝަރީ މިނިވަންކަމާ އެކު މަސައްކަތްކުރުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބުން ކަމަށެވެ. އެހެންވެ، އެކަމަށް މަގުފަހިކުރުމަށްޓަކައި މާލީގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން މި އަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން ޖުޑީޝަރީއަށް ލިބޭނެ ގޮތަށް ބޮޑު ބަދަލެއް ގެނައުމަށް ކެބިނެޓުގައި މަޝްވަރާކޮށް ނިންމިކަން އެ މަނިކުފާނު އިއުލާނުކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އެކަން ކުރެއްވުމަށްޓަކައި ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅާ، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގަރާންޓު ނުވަތަ ހިލޭ އެހީގެ ގޮތުގައި ދޫކުރަން ނިންމަވާފައިވާ ކަމަށެވެ. އެ ފައިސާ ޚަރަދު ކުރާނީ ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެ ނިންމެވުމަށް ސުޕްރީމް ކޯޓުން މަރުހަބާ ކިޔެވެެ. އަދި، ހިލޭ އެހީއާ އެކު އަދުލު އިންސާފުގެ ކަންކަން އަވަސްވާނެ ކަމަށް ވެސް އެ ކޯޓުން އެ ދުވަހު ބުންޏެވެ.
ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ އެހެން ބޭފުޅުންނެކޭ އެއްގޮތަށް ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވުމަކީ ރައީސް މުއިއްޒުގެ ވެސް ވައުދުފުޅެކެވެ. ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު ގައުމާ މުޚާތަބު ކުރައްވަމުން ރައީސް ވަނީ އެ ހިނދުން ފެށިގެން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް އައީ ކަމަށް ވިދާޅުވެފައެވެ.