ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ރޭ ވިދާޅުވެއްޖެއެވެ.
ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި, ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގައި އެ ޕާޓީގެ ރައީސްކަމުގެ މަގާމާ ރަސްމީކޮށް ހަވާލުވެލެއްވި ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކުރާ ޝަރީއަތްތަކުން ސަލާމަތްވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ސަރުކާރުގެ ތެރެއިންނާއި މަޖިލީހުގެ ތެރެއިން ކަން ހިނގާގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެ ބޭފުޅުން ދައްކަވާ ވާހަކައަކީ ޔާމީންގެ ނަން ވޯޓް ކަރުދާހުގައި ނޯންނާނެ ވާހަކަ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ. ނަމަވެސް ކަން ވާނީ އެހެން ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ ނަން އިރާދަކުރެއްވިއްޔާ ވޯޓް ކަރުދާހުގައި އޮންނާނެ." އެމަނިކުފާން އެހެން ވިދާޅުވުމާއެކު ޖަލްސާގައި ތިބި އާއްމުން ކޮޅަށް ތެދުވެ ވަނީ "ސާބަސް" ގޮވަން ފަށައިފައެވެ.

ޕީއެންއެފްގެ އަމީންއާންމު މަލީހު، ނައިބު ރައީސް ޒެއިން، ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން، ޕާޓީގެ ނައިބު އަދި ކުރީގެ ނައިބު ރައީސް ޖަމީލް (ކ-ވ): އިތުރު ބޭފުޅަކު މަގާމުތަކަށް ވާދަނުކުރައްވާތީ ހަތަރު ބޭފުޅުންވެސް ވަނީ އޮޓޯއިން ހޮވިފަ --- ފޮޓޯ: ޕީއެންއެފް
ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ނަން ވިދާޅުނުވެ, ޔާމީން ވިދާޅުވީ އެ މަނިކުފާން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ވަކި ބޭފުޅެއްގެ ފޮޓޯފުޅު ދައްކަވައިގެން ނޫން ކަމަށެވެ. އަދި "އެ ބޭފުޅަކު" މަސައްކަތް ކުރެއްވީ ޔާމީން ވެރިކަމަށް ގެންނަން ނޫންކަން އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
އޭގެ ބަދަލުގައި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފްގެ ރިޔާސީ ކެމްޕެއިން ޕޯސްޓަރުގައި އެ ދެ ބޭފުޅުންގެ ފޮޓޯއަށް ވުރެން ބޮޑީ ޔާމީންގެ ފޮޓޯ ކަމަށް އެ މަނިކުފާން ވިދާޅުވިއެވެ. އަދި އެއީ ފޮޓޯ ދައްކައިގެން ވެރިކަމަށް އައުން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
ރޭ ވަނީ ޕީއެންއެފްގެ ރައީސްކަމަށް ޔާމީން، އަދި އެ ޕާޓީގެ ނައިބުންނަށް ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ދަރިކަލުން ޒެއިން އަބްދުالله ޔާމީން ހޮވައިފައެވެ.
މީގެ އިތުރުން އެ ޕާޓީގެ އަމީންއާންމު ކަމަށް މިހާރުވެސް އެ ޕާޓީގެ ވަގުތީ އަމީންއާންމު އަދި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އިންތިޚާބުވެވަޑައިގެންނެވިއިރު، އެ ޕާޓީގެ ޚަޒާންދާރުކަމަށް އިންތިޚާބުވެވަޑައިގަތީ ޔާމީން ސަރުކާރުގެ ޗީފް އޮފް ސްޓާފް އަދި މިހާރުވެސް ވަގުތީ ޚަޒާންދާރުގެ މަގާމުގައި ހުންނެވި އަހްމަދު މުސްތަފާއެވެ.
 
											
										 
					 
                 
                                                            