ސުކޫލުން ގެޔަށް އައިސް، އޭނާ ކުރާނެ މަސައްކަތެއް ނޯވެއެވެ. ކުޅޭނެ ކުޅިވަރެއް ނުވަތަ ކަމެއް ނޯވެއެވެ. ހުންނަން ޖެހެނީ ފޫހިވެފައެވެ. އެހެންވެ، ގިނަ ވަގުތު އޭނާ އުޅެނީ ބައްޕައާއެކު، ގަރާޖު މަސައްކަތުގައެވެ.
އެ މަސައްކަތުގެ ތެރެއިން އޭނާގެ ހިތް ދޫވީ، ކާރެއް ހެދުމަށެވެ. ބ. ގޮއިދުއަށް އުފަން އެ ކުއްޖާ އެ އުންމީދުގައި ކުލަ ޖެއްސީ، އަޒުމާއި ހިތްވަރުންނެވެ. އާއިލާގެ އެއްބާރުލުމާއި އެހީގައި އަމިއްލައަށެވެ. މި ކިޔައިދެނީ އުމުރުން 15 އަހަރުގައި މުޙައްމަދު ޝާދިން ޝާކިރުގެ ކާރެއް ހަދަން ކުރި މަސައްކަތުގެ ވާހަކައެވެ.
ކުއްލިއަކަށް އައި ޚިޔާލަކަށް ހެދީ ކާރެއް!
ތަފާތު ހުނަރުތައް ހުންނަ ކުދިން އުޅެއެވެ. އެކަމަށް ވަކި އުމުރެއް، ޖިންސެއް ނޯވެއެވެ. ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ވެސް ހުރެއެވެ. އެ ކަމުގައި ކުލަ ޖައްސަނީ އެ މީހަކު އަމިއްލައަށެވެ. އެހެނަސް، ކަމެއް ހާސިލުކުރަން ދަތިތަކާ ކުރިމަތިވެއެވެ. އެ ދަތިތައް ގިރާކޮށް، ހަނގުރާމަ ކުރަން ޖެހެނީ އަމިއްލައަށެވެ. ކާރުގެ މަސައްކަތް ފަށައިގެން ނިންމިއިރު ވެސް އެއިން އެއްވެސް ކަމަކަށް ޝާދިން ޖެހިލުމެއް ނުވެއެވެ.
ގްރޭޑު ދިހައެއްގައި ކިޔަވަމުން އަންނަ ޝާދިންގެ ހުސް ވަގުތުތައް ގިނައެވެ. އެހެންވެ، އެ އަގުހުރި ވަގުތުތައް ބޭކާރު ނުކޮށް، މީގެ ތިން މަސް ކުރިން އޭނާ ފެށީ ކާރެއްގެ މަސައްކަތެވެ. އެހެން ކުދިންނާ ޚިލާފަށް، އޭނާ އެކަން ކުރަން ފެށީ ވެސް ތަފާތު ގޮތަކަށެވެ. ހަމަ ކުއްލިއަކަށް ލިބުނު ޚިޔާލަށް ބިނާކޮށެވެ.

ޝާދިން: މި ކާރުގެ މަސައްކަތް ނިންމާލީ ތިން މަހުން ---
"ކުރިއަކާ ލައިގެން އަނެއްހެން އެއްވެސް އައިޑިއާއެއް ނެތް. ހަމަ ކުއްލިއަކަށް ހިތަށް އެރީ ފޫހިވީމަ [ކާރެއް] ހަދަން،" ކާރު ހަދަން ފެށުނު ގޮތް ޝާދިން ތަފްސީލު ކޮށްދިނެވެ.
އެ ޚިޔާލުގެ މައްޗަށް ބިނާކޮށް، އޭނާ ކާރުގެ ކުރެހުން ތައްޔާރު ކުރިއެވެ. އެއީ، އޭނާގެ ޚިޔާލީ ތަސްވީރެކެވެ. އެ ތަސްވީރު ކުލަ ކުރަން އޭނާ ކާރަށް އެއްޗެހި ހަމަކުރަން ފެށިއެވެ. އަތޮޅުތެރެއިން ނުލިބުމުން ބައެއް ތަކެތި ޖެހުނީ މާލެއިން ގަންނާށެވެ. ޚަރަދު ބޮޑުވި ނަމަވެސް، ޝާދިންއަށް ތަކެތި ގަނެދިނީ ލޯބިވާ މަންމައާއި ބައްޕައެވެ. އޭނާ ބުނި ގޮތުގައި، ގާތްގަނޑަކަށް 5،000 އާއި 7،000 ރުފިޔާއާ ދެމެދު އެކަމަށް ޚަރަދުވިއެވެ.
ދަތިތައް ދިމާވިޔަސް، ކުރިއަށް ދިޔައީ އުންމީދާއި ހިތްވަރުގައި!
އެ ހިސާބުން އޭނާގެ ހުވަފެނީ ކާރު ތައްޔާރު ކުރަން ފެށިއެވެ. ކުރެހުމެއް ހަދައިގެން ފެށިޔަސް، ކާރު ހަދަމުން ދިޔައިރު ބަދަލުތައް ގެންނަމުން ދިޔަ ކަމަށް ޝާދިން ބުންޏެވެ. ކާރުގެ އަމަލީ މަސައްކަތް ކުރަމުން ދިޔައިރު، މުޅި އެތި ބަދަލުކޮށްލަން ޖެހުނީ އިންޖީނު މަސައްކަތް ނުކުރުމުންނެވެ.
އެކަމަކު ވެސް ޝާދިން މާޔޫސް ނުވެއެވެ. ބައްޕަ ދިން ސައިކަލެއްގެ އިންޖީނެއް ކާރަށް މޮޑިފައި ކުރިއެވެ. ޝާދިން ބުނީ، ކާރުގެ ވެލްޑިން ކުރުމުގެ މަސައްކަތް ކޮށްދިނީ ބައްޕަ ކަމަށެވެ.
"ފުރަތަމަ ވެލްޑިން ކުރިއިރު، ފޫދިޔައީ އެހެންވެ ބައްޕަ ބުނީ ދެން އެކަން ކުރާނެ ކަމެއް ނެތޭ. އެކަން ބައްޕަ ކޮށްދޭނަމޭ،" ޝާދިން ކިޔައިދިނެވެ.

ކާރު ހެދި ދުވަސްވަރު: އެ ކާރުގެ ވެލްޑިން ކޮށްދިނީ ޝާދިންގެ ބައްޕަ --- ފޮޓޯ/ މިނިސްޓްރީ އޮފް ޖުހާ
އާންމުކޮށް ނުފެންނަ ޒާތުގެ ގޮތަށް ޑިޒައިން ކުރި އެ ކާރުގައި ބޭނުންކުރާނެ ފުރޮޅު ޝާދިން ހޯދީ ރަށު ތެރެއިންނެވެ. ކާރުގެ ބޭރުގައި ޖެހީ ފޯމް ބޯޑެވެ.
ޝާދިން ކިޔައިދިން ގޮތުގައި، މި މަސައްކަތުގައި އޭނާއަށް އެންމެ އެހީވީ މަންމައާއި ބައްޕަގެ އިތުރަށް އެކުވެރިއެކެވެ.
އެ ހުރިހާ މަސައްކަތެއް ނިމި، ޝާދިންގެ ޚިޔާލީ ކުރެހުމުގައި ކުލެޖެހުނީ މީގެ ހަފުތާއެއް ކުރިންނެވެ. އޭނާ ވަނީ، އަވަށުގައި، ގެ ކައިރީގައި ދުއްވާފައެވެ. ހުއްދައަކަށް ނޭދި ދުއްވި ނަމަވެސް، ކާރު ފެނުމާ އެކު، އެންމެން ވެސް ތިބީ އުފާވެފައެވެ. ޝާދިންގެ މަސައްކަތް ފެނި، ފަޚުރުވެރިވެފައެވެ. އެންމެން ވެސް އެދެމުން ދިޔައީ ޝާދިންގެ ކުރިއެރުމަށެވެ.
އެފަދަ އުންމީދެއްގައި އަމިއްލައަށް ކުލަޖެއްސުމުން، ކުރިއަށްދާނެ ދާއިރާއާ މެދު ޝައުގުވެރިވިއެވެ. ލިބުނީ ވެސް ހީކުރި ފަދަ ޖަވާބެކެވެ. ސުކޫލު ނިންމުމަށް ފަހުގައި، ޝާދިން ބޭނުންވަނީ މިހާރު ވެސް އުޅޭހެން ބައްޕައާއެކު ގަރާޖުގައި މަސައްކަތް ކުރާށެވެ.
ޝާދިން އެ ދައްކައިދިނީ ހިތްވަރާއި އަޒުމުން ކޮންމެ ކަމެއް ވެސް ހާސިލުކުރެވޭނެ ކަމެވެ. ކަމަކަށް ކުރާ އުންމީދެއްގައި ކުލަ ޖެއްސޭނެ ކަމެވެ. ބޭނުންވަނީ ކެރުމާއި ސާބިތުކަމެވެ. ގަރާޖުން ލިބޭ ތަޖުރިބާއިން ޝާދިން މި ތައްޔާރުކޮށްލީ، އަމިއްލަ ކާރެކެވެ.