މާލޭ މީހުންނަށް ވެސް އެެހެން ރަށްރަށުން ބިން ލިބޭގޮތް ހެދުން ބޭނުންތެރި: ނަޝީދު

ކުރީގެ ރައީސް ނަޝީދު، އެމަނިކުފާނު ވިދާޅުވަނީ މާލޭ މީހުންނަށް، އެހެން ރަށްރަށުން ލިބޭގޮތް ހެދުން ބޭނުންތެރިކަމަށް

މާލޭގެ މީހުންނަށްވެސް ރާއްޖޭގެ އެހެން ރަށްރަށުން ބިން ލިބޭނެގޮތް ވުން ބޭނުންތެރިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ފޭސް ބުކްގައި ކުރެއްވި ޕޯސްޓެއްގައި މާލެ ބިމުގެ ބަހުސް ހިނގާކަން ފާހަގަ ކުރައްވަމުން ވިދާޅުވީ ޒަމާނުންސުރެ މާލެ އަކީ ވަކި ބައެއްގެ ރަށެއްނޫންކަން އެމަނިކުފާނު ލިޔުއްވި "ކިލާ މާލެ" ފޮތުގައިވެސް ބުނެފައިވާނެކަމަށެވެ.

މާލެ އަކީ ވަކިބައެއްގެ ތަނެއްނޫންކަން ތާރީޚުން ފެންނަން އޮތްކަން މިސާލު ޖައްސަވަމުން އެމަނިކުފާނު ވިދާޅުވީ 1750 ގައި މާލޭގެ ބޯހިމެނުމެއް ބޭއްވި ނަމަ ފެންނާނީ މާލޭގައި ގިނައިން ދިރިއުޅެނީ ސަރަހައްދީ ކަރަތަކުގެ މީހުންނާއި، ރާއްޖޭގެ އެކި ރަށްރަށުގެ މީހުންކަމަށެވެ. އޭރު މާލޭގައި ކޮންމެ ރަށަކަށް ހެން ގެއެއް ހުންނަކަން ފާހަގަކުރައްވާ ވިދާޅުވީ މިހާރު ކެލާގެއިން ފެށިގެން މާވެޔޮ އަތިރިޔާއި ހަމަޔަށް އެއީ ކެލާ އެދުރު ކަލޭގެފާނުގެ ގޯތި ކަމަށެވެ. އަދި އައްޑޫ ސިއްކަގެ އެއީ މިހާރު ސިއްކަ ގެއިން ފެށިގެން މާލޭ އުތުރު އަތިރިއަށްކަމަށެވެ.

މާލޭގެ ބިން، ދުކުރުމަށް އެންމެ ރަނގަޅުކަމަށް އަޅުގަނޑަށް އަދިވެސް ފެންނަނީ، "ވެށި ފަހި މާލެ" ޕްރޮގްރާމްގެ ދަށުން. އަދި މާލެ މީހުންނަށްވެސް އެހެން ރަށްރަށުން ބިން ލިބޭގޮތް ވުން ބޭނުންތެރި

އެމަނިކުފާނުގެ ޕޯސްޓްގައި އިތުރަށް ވިދާޅުވީ 1750 ގައި މާލޭގައި ގިނަވާނީ ބަބުރުން، މަލަބާރުން، ތުރުކީން އަދި މިހެންގޮސް ބާވަތުގެ ސަރަހައްދީ ރަށްރަށުގެ މީހުންކަމަށެވެ.

މާލޭގެ ބިމުގެ ޑިމާންޑު ބޮޑުވެ، މާލެއިން ގެވަޅު ދިނުމާއި، މާލޭގައި ބިނާ ކުރާ ހައުސިން ޔުނިޓްތަކަށް ކުރިމަތި ލުމުގައި މުޅި ރާއްޖެގެ ރައްޔިތުން ޝާމިލް ކުރުމުން، މާލޭގެ ރައްވެހިންނަށް ގެދޮރު ލިބުމުގައި ހުރަސްތައް ކުރިމަތިވެ، އެމީހުންގެ ހައްޤުތަކާއި މެދު އަންނަނީ އެކިގޮތް ގޮތަށް ބަހުސް ތައް ކުރެވެމުންނެވެ.

އެއްބަޔަކު ދެކޭގޮތުގައި، މާލެ އަކީ ރާއްޖޭގެ ވެރިރަށްކަމަށްވުމުން މާލެ ބިމުން އެންމެންނަށް ހައްޤު އޮންނާނެއެވެ. އަނެއް ބަޔަކު ދެކޭގޮތުގައި މާލޭގެ ބިމުން އިސްކަން ދޭންވާނީ، މާލޭގެ މީހުންނަށެވެ. އެހެން ނޫންނަމަ ރާއްޖޭގެ އެހެންރަށްރަށުން ވެސް މާލޭގެ މީހުންނަށް ގެދޮރު ލިބެންޖެހޭނެއެވެ.

comment ކޮމެންޓް