ހަނދަށްދިޔަ ވާހަކަ ދޮގުކުރާތީ ނާސާގެ ކުރީގެ ވެރިޔަކު ރައްދުދީފިއެވެ.
އެމެރިކާއިން ހަނދަށް ދިޔަކަމަށް ބުނާވަހަކަ އަކީ ހަގީގަތެއް ނޫންކަމަށް މަޝްހޫރު ފަންނާނު ކިމް ކާޑޭޝިއަން ބުނުމާ ގުޅިގެން، އެމެރިކާގެ ޖައްވީ މައި އިދާރާ (ނާސާ)ގެ ކުރީގެ ވެރިޔާ ޝޯން ޑަފީ އެ ދައުވާތަކަށް ރައްދު ދެއްވައިފައިވާއިރު ޑަފީއަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ނާސާ ހިންގެވި ބޭފުޅާއެވެ.
މި ބަހުސް ފެށިފައިވަނީ ކާޑޭޝިއަންގެ ރިއަލިޓީ ޝޯ "ދަ ކާޑޭޝިއަންސް" ގެ އެޕިސޯޑެއްގެ ތެރެއިންނެވެ. އެ ޝޯގައި އޭނާ ވަނީ ހަނދަށް ދިޔަވާހައަކީ ދޮގެއްކަމަށް ބުނެ، އޭނާގެ ދައުވާ ސާބިތުކުރުމަށް ދަލީލުތަކެއް ދައްކާފައެވެ. އޭގެތެރޭގައި، ހަނދުގައި ވައި ނުހުންނައިރު އެމެރިކާގެ ދިދަ "ވައިގައި ވިހުރޭހެން" ފެންނަ ފެނުމާއި، އެސްޓްރޯނޯޓް ބަޒް އޯލްޑްރިން ދެއްވި އިންޓަވިއުއެއްގައި "އެކަމެއް ނުވާ" ކަމަށް ވިދާޅުވެފައިވާކަން އޭނާ ފާހަގަކުރިއެވެ.
ކާޑޭޝިއަންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝޯން ޑަފީ، އޭނާގެ އެކްސް އެކައުންޓްގައި ވިދާޅުވީ، ހަ ފަހަރު ހަނދަށް ދިޔަ ކަމަށެވެ.
އަދި ޓްރަމްޕްގެ ވެރިކަމުގައި ފެށި މަސައްކަތުން، އެމެރިކާއިން އަނެއްކާވެސް ޖައްވީ ރޭސް ކާމިޔާބުކޮށް ހަނދަށް ދާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ހަނދަށްދިޔަ ވާހަކަ ދޮގުކުރާ ފަރާތްތަކުން ދައްކާ ދިދައިގެ ވާހަކައަކީ، މީގެ ކުރިން ވެސް ރައްދު ދެވިފައިވާ ކަމެކެވެ. އެ ވާހަކަ ދިފާއުކޮށް ދޭ ރައްދުގައި ބުނަނީ ދިދަ އެގޮތަށް ފެންނަނީ، ވައި ޖެހިގެންނެއް ނޫންކަމަށެވެ. އެކަމަކު، ދިދަ ދަނޑީގައި ހަރުކުރުމަށްފަހު، ދިދަ ރީތިކޮށް ދެއްކުމަށް މަތީގައި ހުރަސްކޮށް ދަނޑިއެއް ލައްވާފައި ހުރުމުންނާއި، އެ ދަނޑިގަނޑުގައި ހަރުކުރި ކުރެވި ފުރިހަމައަށް ނުދެމި ހުރުމުން އުފެދިފައިވާ ރޫތަކެއްގެ ސަބަބުން ކަމަށެެވެ.
ޑަފީގެ ރައްދަށްފަހު ވެސް ކާޑޭޝިއަން ވަނީ އިތުރު ސުވާލެއް އުފައްދާފައެވެ. އޭނާ ވަނީ ބައެއް ކޮންސްޕިރަސީ ތިއަރީތަކުގައި ބުނާ ބޭރު ޖައްވުގެ އުޅަނދަކާ ގުޅުވައި، "އިންޓަސްޓެލާ އޮބްޖެކްޓް 3I އެޓްލަސް" އާ ބެހޭގޮތުން ސުވާލުކޮށްފައެވެ.
މި ބަހުސްއިން ދައްކުވައިދެނީ، އެމެރިކާގެ އާބާދީގެ %10 މީހުން އަދިވެސް ގަބޫލުކުރާ މިފަދަ ކޮންސްޕިރަސީތައް، މަޝްހޫރު ފަރާތްތަކުގެ މެދުގައި ވެސް ދައުރުވަމުންދާ ކަމެވެ.
އެމެރިކާއިން ހަނދަށް ދިޔަވާހަކައަކީ، 1969 ވަނަ އަހަރު އެޕޯލޯ 11 މިޝަންގެ ދަށުން، ފިނި ހަނގުރާމައިގެ ތެރޭގައި ސޯވިއެޓް ޔޫނިއަންއާ ދެކޮޅަށް ޖައްވީ ރޭހުން ހޯދި ތާރީޚީ ކާމިޔާބީއެއް ކަމަށް އެމެރިކާއިން ބުނާ ވާހަކައެކެވެ.
ނަމަވެސް، މި ތާރީޚީ ކާމިޔާބީއާ އެކު، މިއީ އެމެރިކާ ސަރުކާރުން ހޮލީވުޑް ސްޓޫޑިއޯއެއްގައި އުފެއްދި ހަގީގަތާ ޚިލާފު މަންޒަރެއް ކަމަށް ބުނާ ކޮންސްޕިރަސީ ތިއަރީތައް ވަނީ އުފަންވެފައެވެ.
މިފަދަ ތިއަރީތަކަށް ތާއީދުކުރާ މީހުން، ހަނދުގައި ވައި ނުހުންނައިރު ދިދަ ވިހުރުވޭ ކަމަށާއި، ހަނދުގެ އުޑުގައި ތަރިތައް ނުފެންނަ ކަމަށާއި، ހިޔަނިތައް ހުންނަ ގޮތް ފާހަގަކުރެއެވެ.
ސައިންސްވެރިންނާއި ނާސާއިން ވަނީ މި ހުރިހާ ކަމަކަށް ވެސް ސައިންޓިފިކް ތަފްޞީލުތައް ދީ، މި ދައުވާތައް ދޮގުކޮށްފައެވެ. ނަމަވެސް، ސައިންޓިފިކް ހެކިތައް ހުއްޓަސް، މިފަދަ ވާހަކަތައް، ޚާއްސަކޮށް ސޯޝަލް މީޑިއާގެ ސަބަބުން، އަދިވެސް އާންމުންގެ ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.