އަމިއްލަ ކުންފުންޏަކަށް 9.9 މިލިއަން ރުފިޔާ ދައްކަން ފެނަކައިގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ފެނަކަ ކޯޕަރޭޝަން: އަމިއްލަ ކުންފުންޏަކަށް 9.9 މިލިއަން ރުފިޔާ ދައްކަން ފެނަކައިގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި---

އަމިއްލަ ކުންފުންޏެއް ކަމަށްވާ އައިއެސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް 9.9 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވާގޮތުން މި މައްސަލައަކީ އައިއެސް އެންޓަޕްރައިސަސްއާ ފެނަކަ އާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ މަތިން ފޯރުކޮށްދިން މުދަލަށް ފެނަކައިން ފައިސާ ނުދެއްކުމާ ގުޅިގެން އެކުންފުނިން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

އައިއެސް އެންޓަޕްރައިސަސް އިން ކުރި ދައުވާގައި ވަނީ ފެނަކައިން އެކުންފުނީގެ 27 އިންވޮއިސްއަކަށް ފައިސާ ދައްކާފައިނުވާ ކަމަށެވެ. އެ އިންވޮއިސްތަކަށް 60 ދުވަހުގައި ފައިސާ ދައްކާގޮތަށް ފެނަކައިން އެއްބަސްވި ކަމަށް ދައުވާގައި ބުނެފައިވެއެވެ. އެކަމަކު އެ މުއްދަތުގައި ފެނަކައިން މުދަލަށް ފައިސާ ނުދައްކާ ކަމަށް ބުނެފައިވެއެވެ.

ސިވިލް ކޯޓުން ބުނި ގޮތުގައި މި ދައުވާއަށް ފެނަކައިން ވަނީ އިންކާރުކޮށްފައެވެ. ދައުވާގައި ވަނީ ފެނަކައިން އެ ކުންފުނީގެ މައްޗަށް 10 މިލިއަން ރުފިޔާއިން ދަރާފައިވާ ކަމަށެވެ. ފެނަކައިގެ ފަރާތުން ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން އަށް މިލިއަން ރުފިޔާ ދިނުމަށް ފެނަކައިން އެއްބަސްވާކަމުގައި ބަޔާންކޮށްފައިވެއެވެ. އައިއެސް އެންޓަޕްރައިސަސް އިން މުދާ ފޯރުކުރީ އެއްބަސްވި ތާރީހަށްވުރެ ފަހުންކަމަށް ބުނެ، ފެނަކައިން ވަނީ ބާކީ ދެ މިލިއަން ރުފިޔާ ދިނުމަށް އިންކާރުކޮށްފައެވެ.

https://sun.mv/213039

ފެނަކައިގެ މައްޗަށް އެކި ފަރާތްތަކަށް ފައިސާ ދެއްކުމަށް މިހާރު ވެސް ހުކުމްތަކެއް ހުރުމުން އެ ކުންފުނިން ވަނީ އަށް މަސް ދުވަހުގެ ތެރޭގައި އައިއެސް އަށް ފައިސާ ދެއްކުމުގެ ފުރުސަތަށް އެދިފައެވެ. އެކަމަކު ކޯޓުން ވަނީ ފެނަކައިގެ ހާލަތު ބަޔާންކުރި ނަމަވެސް، ފެނަަކައިން ބުނެލާ ބުނެލުމެއްގެ މައްޗަށް ފައިސާ ދެއްކުމުގައި ލުއިދެވޭނެ ގޮތެއް އޮތް ކަމުގައި ނުދެކޭ ކަމަށް ބުނެފައެވެ.

އެއާއެކު، ފެނަކައިން މި މައްސަލައިގައި ކޯޓަށް ހެކި ހުށަހަޅާފައިނުވާ ކަމަށް ބުނެ ކޯޓުން ވަނީ ފެނަކައިން އެދުނު ގޮތަށް އެއްވެސް ފައިސާއެއް އުނިކޮށްދެވެން ނެތް ކަމަށް ނިންމާފައެވެ.

އަދި ކޯޓުން ވަނީ އެއް މަސް ދުވަހުގެ ތެރޭގައި (ބުރާސްފަތި ދުވަހުން ފެށިގެން) ފެނަކައިން އައިއެސް އަށް ފައިސާ ދައްކާ ހަލާސްކުރުމަށް ހުކުމްކޮށްފައެވެ.

ފެނަކައިގެ މައްޗަށް މިފަދައިން ކޯޓުން ހުކުމްކޮށްފައިވާއިރު މިދިޔަ ސަރުކާރުގައި ފެނަކައިން އެކި ކުންފުނިތަކަށް ދަރާފައިވާ އަދަދުތަކަށް ފައިސާ ދައްކާ ހަލާސްކުރުމުގެ މަސައްކަތް އަދިވެސް ނުނިމޭކަން ފެނަކައިން ފާހަގަކޮށްފައިވެއެވެ. ފައިސާ ނުދެއްކުމުގެ މައްސަލަތަކުގައި ކޮރަޕްޝަންގެ މައްސަލަތައް ބޮޑުވެފައިވާ ފެނަކައާ ދެކޮޅަށް މިހާރުވެސް ކުންފުނިތަކުން ކޯޓަށް މައްސަލަ ހުށަހަޅަމުންދެއެވެ.

https://sun.mv/213227

މިދިޔަ ހަފްތާގައި ވެށި ލިންކް އިންވެސްޓްމެންޓް ކިޔާ ކުންފުންޏެއްގެ ފަރާތުން ވެސް ފެނަކައާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވެއެވެ. އެއީ ޚިދުމަތުގެ އަގަށްވާ، 12 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން ފެނަކައިން މިހާތަނަށް 8.5 މިލިއަން ރުފިޔާ ނުދައްކާ ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލައިގައި ކޯޓުން ވަނީ އެކުންފުންޏަށް 6.8 މިލިއަން ރުފިޔާ ދައްކަން ފެނަކައިގެ މައްޗަށް ހުކުމްކޮށްފައެވެ.

comment ކޮމެންޓް