އާލިއާގެ ފިލްމު 'އަލްފާ' ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފި

ފިލްމު "އަލްފާ"ގެ ލީޑް ބަތަލާ އާލިއާ ބަޓް--ފޮޓޯ/ބޮލީވުޑްހަންގާމާ

ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއިން އަންނަ މަހު ސިނަމާތަކަށް ގެންނާނެކަން ކުރި އިއުލާނުކުރި ފިލްމު "އަލްފާ" ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ކުރިން ތާވަލުކޮށްފައި ވަނީ ކުރިއަށް އޮތް ޑިސެމްބަރު މަހުގެ 25 އަށެވެ. ނަމަވެސް ސްޕައި ޔުނިވާސްއާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން މި ފިލްމުން ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ އާ ތާރީޚަކީ އަންނަ އަހަރުގެ އޭޕްރިލް 17އެވެ.

ރިޕޯޓުތައް ބުނާގޮތުން މި ފިލްމު ބެލުންތެރިންނަށް ގެނެސްދިނުން ފަސްކުރެވުނީ ފިލްމުގެ ވީއެފްއެކްސް މަސައްކަތްތައް ނިންމުމަށް އިތުރު ވަގުތު ބޭނުންވާތީއެވެ.

އާލިއާ އާއި ޝަރުވަރީ ފިލްމު "އަލްފާ"ގެ ޝޫޓިންގްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ ފިލްމަކުން ފުރަތަމަ ފަހަރަށް ބަތަލާއިން ލީޑް ރޯލްގެ ގޮތުގައި ފެންނާނެ މި ފިލްމުން އާލިއާގެ އިތުރުން ދެން ފެންނާނީ ބަތަލާ ޝަރުވަރީ ވާގްއެވެ. އަދި އެކްޓަރު ބޮބީ ޑިއޯލްގެ އިތުރުން އަނިލް ކަޕޫރު ވެސް ފިލްމުގެ ވަރަށް މުހިއްމު ރޯލްތަކުން ފެންނާނެއެވެ.

ފިލްމު ޑައިރެކްޝަނަށް އަލަށް ނުކުންނަ ޝިވް ރަވައިލް ޑައިރެކްޓްކޮށް އަދިތިޔަ ޗޯޕްރާ ޕްރޮޑިއުސްކުރާ "އަލްފާ" ބެލުންތެރިންނަށް ގެނެސްދޭނީ ހިންދީ ތަމަޅަ އަދި ތެލުގޫ ބަހުންނެވެ.

އާލިއާ ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް ކުޅޭ "އަލްފާ" ރިލީޒްކުރުން ފަސްކުރެވިފައިވާއިރު ކުރިން ފިލްމު ގެނެސްދޭން ނިންމި ތާރީޚުގައި ޒުވާން އެކްޓަރު އަގަސްތިޔާ ނަންދާގެ ދެވަނަ ފިލްމު "އިއްކީސް" ވެސް ރިލީޒްކުރާނެކަން ވަނީ އިއުލާނުކޮށްފައެވެ.

ބަތަލާ އާލިއާ ފުރަތަމަ ފަހަރަށް ވައިއާރްއެފްއަށް ކުޅޭ "އަލްފާ" އަންނަ އަހަރު ރިލީޒްކުރަން ނިންމިއިރު އާލިއާ އާއި ރަންބީރު އަދި ވިކީ ކޯޝަލް މަސައްކަތް ކުރަމުން އަންނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ" ވެސް އަންނަ އަހަރު ސިނަމާތަކަށް ގެންނާނެކަން ވަނީ އިއުލާނުކޮށްފައެވެ.

comment ކޮމެންޓް