މާލޭގެ ގެއެއްގެ ސިޑި ގޮޅިއަށް މިއަދު މީހަކު ވެއްޓި، މަރުވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މާފަންނުގައި ހުންނަ ގެއެއްގެ ހަވަނަ ފަންގިފިލާގެ ވައިގޮޅިން އެ ގޭގެ ސިޑި ގޮޅިއަށް މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު 18:29 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މީހާ ފެނުމާއެކު ގެންދިޔައީ އައިޖީއެމްއެޗަށް ކަމަށާއި އޭރު ވެސް މަރުވެފައިވާ ކަމަށެވެ.
އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ ރޮތަން، 47އ، ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ، ހާދިސާއާ ގުޅުން ހުރި އިތުރު މައުލޫމާތު ލިބުނު ވަރަކުން ހިއްސާކުރާނެ ކަމަށް ބުނެފައެވެ.
މީގެ ކުރިން ވެސް، އިމާރާތްތަކުގެ މަތީ ފަންގިފިލާތަކުން ސިޑިގޮޅިއަށް މީހުން ވެއްޓި، އަނިޔާވެފައި އެބަހުއްޓެވެ.