ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި ގޮތުގެ ބައެއް ތަފުސީލު ފުލުހުން މިއަދު ހިއްސާކޮށްފިއެވެ.
ކަސްޓަމްސްއިން އެޕްރީލް މަހުގެ 26 ވަނަ ދުވަހު ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު މޯލްޑިވްސް ޕޯޓްސް، ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓައި، ވަގަށް ނަގައިފައިވާ މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ ގޮތުގައި، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގައިފައިވަނީ، އެ ދެ ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކޮށް ބެހެއްޓުމަށް ފަހު، އެމްޕީއެލް ޓާމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެރެގެން ގެންގޮސްގެން ކަމަށެވެ.
އެ ކޮންޓެއިނަރުތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާ ކަން ތަހުގީގަށް ފާހަގަވި ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސްފަވާކަމާއި އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ހަލާކު ކޮށްފައިވާއިރު، ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ހޯދައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެމްޕީއެލް ހުޅުމާލޭ ޓާމިނަލް: މި ޓާމިނަލުން 13 މިލިއަން ސިނގިރޭޓު ހުރި ދެ ކޮންޓެއިނަރު ވަނީ ވަގަށް ނަގައިފައި -- ފޮޓޯ/ އެމްޕީއެލް
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހައްޔަރު ކުރި މީހުންގެ ތެރެއިން ހަތް މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ވަނީ އަމުރު ކޮށްފައިވާކަން އެ މުއައްސަސާއިން ފާހަގަކުރިއެވެ. އެއީ:
- ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) - ފަންޑުކުރި ކަމަށް ތުހުމަތު ކުރެވޭ
- އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) - ފަންޑު ކުރި ކަމަށް ތުހުމަތު ކުރެވޭ
- ކަސްޓަމްސްގައި ކުރިން މަސައްކަތް ކުރި، މިހާރު މިފްކޯގެ ޖެނެރަލް މެނޭޖަރަކަށް ހުރި މުއާޒު އަލީ
- ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލް
- ކޮންޓެއިނަރު އުފުލި ކަމަށް ބެލެވޭ ދޯނީގެ ކެޕްޓަން އާދަމް ވަހީދު
- އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އަހްމަދު ފިރުޝާން
- ސިނގިރޭޓުތައް ކާމިޔާބުކަމާއެކު ވަގަށް ނަގަން އެހީތެރިވި ކަމަށް ތުހުމަތުވާ ޙަސަން ޢަބްދުއްރަޙްމާން
އަނެއް ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހޮނިހިރު ދުވަހު ކޯޓަށް ހުށަހެޅުމުން، އެ ދުވަހުން ފެށިގެން 16 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުންނަކީ ޙުސައިން ސާމިޙާއި އަޙްމަދު ޝަހީމް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި، ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި، ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން، ވައްކަން ކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާކަމަށް ތަހުގީގުން ހޯދުނު މީހުން ހިމެނޭ ކަމަށެވެ.
އެ މުއައްސަސާއިން ބުނީ، އެ މައްސަލައިގައި 19 މީހަކު ފުރުން މަނާކޮށް، ތަހުގީގުގެ ތެރެއިން ފަސް އުޅަނދެއް ބަލައިފާސްކޮށް، މާލެ، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އެ މުއައްސަސާއިން ވަނީ އެ ވައްކަމާ ގުޅޭ އެއްވެސް މައުލޫމާތެއް، ނުވަތަ ވަގަށް ނަގައިފައިވާ ސިނގިރޭޓާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ސިނގިރޭޓް އެތެރެކުރުމުގެ ހުއްދަ ނެތި ފުޅާ ދާއިރާއެއްގައި ސިނގިރޭޓްގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތެއް، އެއްވެސް ފަރާތަކަށް އެނގޭ ކަމަށްވާނަމަ، މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.