ރަށުގެ ތަރައްގީއަށް މުހިންމު މަޝްރޫއުތައް ހިންގަން ފުވައްމުލައް ސިޓީ ކައުންސިލަށް، ކައިރި އަތޮޅަކުން ފަޅު ރަށެއް ލިބޭ ގޮތް ހައްދަވައިދިނުމަށް އެ ކައުންސިލުން ރައީސް ޑރ. މުއިއްޒުގެ އަރިހުގައި އެދިއްޖެއެވެ.
ފުވައްމުލައް ސިޓީއަށް ވަޑައިގެން ރައީސް މުއިއްޒު ވަނީ، އެ ސިޓީގެ ކައުންސިލާ ބައްދަލުކުރައްވާފައެވެ.
ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި އެ ކައުންސިލުން ވަނީ، އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫޢާއި ކުނިކޮށީގައި ހުރި ކުނިތައް އުކާލުމާއި އެ ތަނުގައި ހުރި ވެހިކަލްތައް ބައުވެ ހަލާކުވެފައި ހުރުމުން ވެހިކަލްގެ ދަތިކަމަށް ހައްލު ހޯދުމަށާއި ގެދޮރުގެ ދަތިކަމަށް ހައްލު ހޯދުމަށް އެދިފައި ކަމަށެވެ.
އެ މައްސަލަތައް ފާހަގަކޮށް، އެންމެ ރަށެއްގެ ގޮތުގައި އޮންނަ އެ ސިޓީއަށް ފަޅު ރަށެއް ހަމަޖައްސަވައިދެއްވުމަށް ކައުންސިލުން އެދުނު ކަމަށް އެ އޮފީހުން ބުންޏެވެ.

ރައީސް މުއިއްޒު ފުވައްމުލައް ސިޓީ ކައުންސިލާ ބައްދަލުކުރެއްވުން: ތަރައްގީގެ މުހިންމު މަޝްރޫއުތައް ހިންގަން ފުވައްމުލަކުން އެދެނީ ފަޅުރަށަކަށް --- ފޮޓޯ/ ރައީސް އޮފީސް
އެ އޮފީހުން ބުނީ، ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަން ކައުންސިލުން ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން، ފެނާއި ކަރަންޓަށް މިހާރު ދިމާވެފައިވާ މައްސަލަ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން އެންމެ އަވަހަށް ހައްލުކޮށްދެއްވުމަށް ކައުންސިލުން ވަނީ ރައީސަށް ދަންނަވާފައެވެ.
މީގެއިތުރުން، ރަށުން ފެން ކެނޑުމުގެ މައްސަލަ ފާހަގަކޮށް، ބޯން ބޭނުންކުރާ ފެނަކީ ރައްކާތެރި ފެންތޯ ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.
އެ ކައުންސިލުން އެދުނު ކަންކަމުގެ ތެރޭގައި:
- ރޯދަ މަހަށް ކަރަންޓު މައްސަލަ ހައްލުކޮށްދިނުން
- މިހާރު އަޅާ އިންޖީނުގެ އަވަހަށް ނިންމައިދީ، އެތަނަށް އިންޖީނުގެ ބަދަލުކޮށްދިނުން
- އޮފީސް ކޮމްޕްލެކްސް އިމާރާތުގެ މަސައްކަތް ނިންމަދިނުން
- އުސޫލެއްގެ ދަށުން ކައުންސިލަށް ޖީއެސްޓީއާއި ޓީޖީއެސްޓީގެ ވަކި އިންސައްތައެއް ލިބޭނެ ގޮތް ހަދައިދިނުން
- ސިޓީ ހޮޓަލުގެ މަސައްކަތް ކައުންސިލް އޮތޯރިޓީއާ ގުޅިގެން ކުރިއަށް ގެންދިޔުން
- އެރަށުގައި އަމަލީ މަސައްކަތް ފެށި ހުރިހާ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސް، ނިންމައިދިނުން
ރައީސް އޮފީހުން ބުނީ، ސަރުކާރުން ކުރިއަށް ގެންދާ ކޮންމެ ކަމެއްގައި ދޭން ޖެހޭ އެއްބާރުލުން ކައުންސިލުން ސަރުކާރަށް ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި، ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.