މުސާރަތައް ބޮޑުކުރުމާ ގުޅުންހުރި ކަންބޮޑުވުމެއް އޮތް ނަމަ، ޕޭކޮމިޝަނުން ހައްލު ކޮށްދޭނެ: ރައީސް

ރައީސް މުއިއްޒު ފުވައްމުލަކުގައި: ވިދާޅުވީ، މުސާރަ ބޮޑުކުރުމުގައި ކަންބޮޑުވުމެއް އޮތް ނަމަ، ޕޭކޮމިޝަނުން ހައްލު ކޮށްދޭނެ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

މުސާރަތައް ބޮޑުކުރުމާ ގުޅުވައި ޕޭ ކޮމިޝަނުން ހުރިހާ އޮފީސްތަކާ ވާހަކަދައްކައި، ކަންބޮޑުވުމެއް އޮތް ނަމަ އެކަމެއް ހައްލު ކޮށްދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ޕޭ ހާމަނައިޒޭޝަން ނުވަތަ މުސާރަ އެއްހަމަކުރުމުގެ މަސައްކަތުގެ ދަށުން، މިހާތަނަށް ބޮޑުކޮށްފައިނުވާ ސިވިލް ސާވަންޓުންގެ މުސާރަތައް މި މަހުން ފެށިގެން ވަނީ ބޮޑުކޮށްފައެވެ.

ރައީސް ފުވައްމުލައް ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭވަނީ، އެ ބަދަލާ ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން، މުސާރަ ބޮޑުކުރުމާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ނުވަތަ އޮޅުން ނުފިލާ ކަންތައްތަކެއް އެބަހުރި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ޕޭ ކޮމިޝަނުން ހުރިހާ އޮފީސްތަކާ ވާހަކަދައްކައި، އައި ބަދަލުތައް ކިޔައިދޭނެ ކަމަށެވެ.

ސިވިލް ސާވަންޓުން: ރައީސް ވިދާޅުވީ، މުސާރަ ބޮޑުކުރުމުގައި ކަންބޮޑުވުމެއް އޮތް ނަމަ، ޕޭކޮމިޝަނުން ހައްލު ކޮށްދޭނެ ކަމަށް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެހެންވީމަ އެއާ އެއްގޮތަށް ހުރިހާ އޮފީސްތަކާ ކޮމިޝަނުން ދާނެ ވާހަކަދައްކަމުން. އަދި އޭގައި ބުނެފައިވާ ގޮތަށް އެޑްރެސް ކުރާނެ ކަންކަމަށް. ކަންބޮޑުމެއް އޮތިއްޔާ ހައްލުތައް ގެނެސްދޭނެރައީސް ޑރ. މުޙައްމަދު މުއިއްޒު

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޝަރުއީ ދާއިރާއާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ހިމެނޭހެން 20،000 މުވައްޒަފުންގެ މުސާރަ މި މަހު ވަނީ ބޮޑު ކޮށްފައެވެ. މި އަހަރު މުސާރަ ބޮޑުނުވާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރާނެ ކަން ވެސް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

އޭގެއިތުރުން، މުސާރަތައް ބޮޑުކުރުމުން މުވައްޒަފުންގެ އާމްދަނީ އިތުރުވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވާނެކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، ފަހަށް ރައްކާކުރުމަށް ރުފިޔާ ލިބޭނެ ގޮތް ހަމަޖެއްސުމަކީ އެ ބަދަލު ގެނައުމުގެ އެއް މަގުސަދު ކަމަށެވެ.

ސިވިލް ސާވަންޓުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެ ބަދަލާ އެއްކޮށް ހުރިހާ މުވައްޒަފުންގެ އަސާސީ މުސާރައަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި އެންމެ ކުޑަކޮށް އަސާސީ މުސާރަ ލިބޭ މުވައްޒަފަށް 7،000 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވަނީ، ޕޭ ހާމަނައިޒް ކުރުމުގެ ތެރެއިން އިތުރު ގަޑީގެ ފައިސާއަށް އައި ބަދަލާ ގުޅުވައި ވެސް ވާހަކަދައްކަވާފައެވެ.

އެގޮތުން މި ގެނައި ބަދަލާއެކު މައިގަނޑު ކަންބޮޑުވުމަކަށް އޮތީ އިތުރު ގަޑީގެ ފައިސާގެ ޝަރުތުތައް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ބަދަލު ގެނައި ގޮތުގެ މިސާލެއް ވެސް ރައީސް ވަނީ ކިޔައިދެއްވައިފައެވެ. އެގޮތުން، ހޮސްޕިޓަލުތަކުގައި ހަފުތާގެ ހުރިހާ ދުވަހަކު މަސައްކަތް ކުރަން ޖެހޭއިރު، އިތުރު ގަޑީގެ ދިހަ އިންސައްތައިގެ ކެޕް ހަމަވާ މައްސަލައަށް މިހާރު ލުޔެއް ގެނެސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

https://sun.mv/213397

އެއީ ޖުމުލަކޮށް ހުރިހާ ދާއިރާއަކަށް އެޕްލައިވާނެ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެތެރެއިން މިހާރު އިސްތިސްނާވާނެ އިތުރު ގަޑީގައި މި ދިހަ ޕަސެންޓުގެ ކެޕް އެޕްލައިނުވެ، އިތުރު ގަޑި ލިބޭނެ ދުވަސްތަކެއް ކަނޑައެޅިގެން މިދިޔައީ. އެއީ، ރަމަޟާން މަހުގެ ފަހު 10ގައި މި ބަންދުވާ ހުރިހާ ދުވަހެއް. އަދި، ރައީސުލްޖުމްހޫރިއްޔާގެ ދެންނެވުމަކުން ބަންދު ކުރާ ހުރިހާ ދުވަހެއް. ދެން ވަޒީފާއާ ބެހޭ ގާނޫނުގައި އޮންނަ ހުރިހާ ބަންދު ދުވަސްތަކެއްގައި މި ދިހަ ޕަސެންޓު އެޕްލައި އެއްނުވޭރައީސް ޑރ. މުޙައްމަދު މުއިއްޒު

އެ ބަދަލާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން މީގެ ކުރިން ބުނީ، އިތުރު ވަގުތުގެ ފައިސާ މުސާރައިގެ 10 ޕަސެންޓަށް ވުރެ އިތުރަށް ނުދޭ ގޮތަށް ނިންމީ ސިވިލް ސާވަންޓުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ޓަކައި 'ވޯކް ލައިފް ބެލެންސް'އެއް ގެންގުޅުމަށް ބާރު އެޅުމަށް ކަމަށެވެ.

މީގެ އިތުރުން ވަޒީފާގެ ރަސްމީ ވަގުތު ފެންވަރު ރަނގަޅު ޚިދުމަތްދިނުމަށް ބާރު އެޅުމާއި ބައެއް މަސައްކަތްތަކުގެ ބާވަތުން މުވައްޒަފުންނަށް ލުއިފަސޭހަ ގަޑިތައް ހަމަޖައްސައިދީ ބޭކާރުވާނެ ވަގުތު ސަލާމަތްކުރުމަކީ ވެސް އެ ބަދަލު ގެނައި ސަބަބެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

https://sun.mv/213397

މި އަހަރު ރިޔާސީ ބަޔާން އިއްވަވަމުން ވެސް ރައީސް ވަނީ ހުރިހާ މުވައްޒަފުންގެ މުސާރައަށް މި އަހަރު ހެޔޮ ބަދަލު އަންނާނެކަން އިއުލާނުކުރައްވާފައެވެ. މި އަހަރުގެ ބަޖެޓުގައި ވެސް އެ ކަމަށް 500 މިލިއަން ރުފިޔާ ހިމެނިއެވެ.

ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރުމުގެ މަސައްކަތް ފެށީ، ކަރަމާތްތެރި ދިރިއުޅުމެއް އުޅެން ބޭނުންވާ ވަރުގެ ރަނގަޅު އުޖޫރައެއް ދިނުމުގެ މަގުސަދުގައެވެ.

comment ކޮމެންޓް