ގިނަ އަދަދެއްގެ ޑުރަގު ހުރި ލަގެޖަކާ ހަވާލުވީ ރައްޓެއްސަކު 15،000 ރުފިޔާ ދޭނެ ކަމަށް ބުނުމުން

މަސްތުގެ އައްޑާއެއް: ގިނަ އަދަދެއްގެ ޑުރަގު ހުރި ލަގެޖަކާ ހަވާލުވީ ރައްޓެއްސަކު 15،000 ރުފިޔާ ދޭނެ ކަމަށް ބުނުމުން ކަމަށް ކްރިމިނަލް ކޯޓުގައި މީހަކު ވަނީ ބުނެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ޒުވާނަކު، ގިނަ އަދަދެއްގެ ޑުރަގު ހުރި ލަގެޖަކާ ހަވާލުވީ ރައްޓެއްސަކު 15،000 ރުފިޔާ ދޭނެ ކަމަށް ބުނުމުން ކަމަށް އޭނާ ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހަށް އިއްޔެ ހާޒިރުކުރި 26 އަހަރުގެ މީހަކަށްވަނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުކޮށްފައެވެ.

އެ ބަންދު މަޖިލީހުގައި އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވިދާޅުވީ އެ މީހާ ހަވާލުވި ލަގެޖު ފޮށީގައި ފޮރުވައިފައިވާ ބަޔެއް ނުވަތަ 'ފޯލްސް ބޮޓަމް'އެއް ހުރި ކަމަށާއި އެ ބައިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އެ މީހާ އެއީ ރާއްޖޭން ބޭރުން އައި މީހެއް ކަމެއް ނުވަތަ ބޭރު ގައުމަކުން ފޮނުވި ފޮއްޓަކާ ހަވާލުވި މީހެއް ކަމެއް ކޯޓު އަމުރުގައި ބުނެފައިނުވެއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރުމުން، އެ ލަގެޖަކީ ރައްޓެއްސަކު 15،000 ރުފިޔާ ދޭނެ ކަމަށް ބުނުމުން ހަވާލުވި ފޮއްޓެއް ކަމަށް އެ މީހާ ބުނި ކަމަށެވެ. ނަމަވެސް އެ ލަގެޖާ ދެން ހަވާލުވާނެ މީހަކު ބަލަން 'ކޮންޓްރޯލް ޑެލިވަރީ'އެއް ކުރަން އޭނާގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށް އައިއޯ ވިދާޅުވިއެވެ.

މީގެ އިތުރުން، އޭނާގެ ފޯނުގެ ޕާސްވޯޑް ވެސް ކިޔައިދީފައި ވަނީ ނުބައިކޮށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މަސްތުވާތަކެތި ނައްތާލުން: ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ މީހާގެ ދިފާއީ ވަކީލު ބުނި ގޮތުގައި، ކޮންޓްރޯލް ޑެލިވަރީއަށް އެއްބާރުލުން ނުދިނީ ފުލުހުން އަމަލުކުރި ގޮތުންނެވެ. ނަމަވެސް އެ ވާހަކައިގެ ތަފުސީލު ދިން ކަމެއް ބަންދު އަމުރުގައި ނެތެވެ.

އެ އަމުރުގައި ވަނީ އެ މީހާއަކީ ހައްޔަރާއި ބަންދުގެ ރެކޯޑު އޮތް މީހެއްކަން ފާހަގަކޮށްފައެވެ. އަދި ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރު ހެކިލިބިފައިވާކަން ފާހަގަކޮށް، އޭނާގެ ބަންދަށް ވަނީ 30 ދުވަސް ޖަހައިފައެވެ.

ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށްވާއިރު، ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރު މަސްތުވާތަކެއްޗާ ގުޅުންހުރި 1،642 މައްސަލަ ހުށަހަޅައިފައިވެއެވެ.

އެ މައްސަލަ ހައްލުކުރުމުގެ ގޮތުން، މި ސަރުކާރުން އަންނަނީ މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް