އެމެރިކާގެ ސްޓޭޓް އޮފީހަކަށް އިންތިޚާބުވި ފުރަތަމަ މުސްލިމް އަންހެނަކަށް ޣަޒާލާ ހާޝްމީ ވެއްޖެއެވެ.
އުމުރުފުޅުން 61 އަހަރުގެ ޣަޒާލާ ވާޖިނިއާގެ ލެފްޓިނެންޓް ގަވަރުނަރުގެ ރޭސް ކާމިޔާބު ކުރެއްވީ ރިޕަބްލިކަން ޕާޓީގެ ޖޯން ރީޑް ބަލިކޮށްގެންނެވެ.
އިންތިޚާބު ކާމިޔާބުކުރެއްވިއިރު، އެކަމަނާ މިހާރު ހުންނެވީ ރިޗްމަންޑްގެ ދެކުނުގައި އޮންނަ ޑިސްޓްރިކްޓެއް ތަމްސީލު ކުރައްވާ ސްޓޭޓް ސެނެޓަރެއްގެ މަގާމުގައެވެ. އޭގެ ކުރިން ވާޖިނިއާގައި ކޮލެޖް ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. ރިޕަބްލިކަން ޕާޓީގެ ފަރާތުން ސްޓޭޓް ސެނެޓްގެ ގޮނޑިއެއް ކާމިޔާބުކުރައްވައިގެން 2019 ވަނަ އަހަރު ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން، ޖޫން މަހު ބޭއްވި ލެފްޓިނެންޓް ގަވަރުނަރު ކަމުގެ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވައި ކާމިޔާބު ހޯއްދެވިއެވެ.
އެއާއެކު ވާޖިނިއާ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހަށް އިންތިޚާބުވި ފުރަތަމަ މުސްލިމް އެމެރިކާ އަންހެން ބޭފުޅާގެ މަގާމުވެސް އެކަމަނާއަށް ލިބިވަޑައިގަތެވެ.
ވާޖިނިއާގެ ލެފްޓިނެންޓް ގަވަރުނަރުގެ ރަސްމީ ވާޖިބުތައް މަދު ނަމަވެސް، ގަވަރުނަރު އަވަހާރަވެއްޖެނަމަ، ނުވަތަ އިސްތިއުފާ ދެއްވައިފިނަމަ ގަވަރުނަރުގެ މަގާމަށް ފުރަތަމަ އައްޔަނު ކުރާނީ ލެފްޓިނެންޓް ގަވަރުނަރެވެ.
ޣަޒާލާގެ ކެމްޕޭނުގައި ޚަރަދުތައް ކުޑަކުރުމާއި، ވާޖިނިއާގެ އިގްތިސާދު ކުރިއެރުވުމާއި، މަތީ ފެންވަރުގެ ކުޑަކުދިންގެ ފަރުވާއާއި ތައުލީމު ލިބޭނެ ގޮތް ކަށަވަރުކުރާނެ ކަމަށް ވައުދުވެވަޑައިގަތެވެ.
އިންޑިއާގެ ހައިދަރްއާބާދަށް 1964 އަހަރު އުފަން ޣަޒާލާގެ މަންމަ އަކީ ތަންވީރު ހާޝްމީއެވެ. ބައްޕައަކީ އިންޓަނޭޝަނަލް ރިލޭޝަންސް އިން ޕީއެޗްޑީ ހާސިލްކުރައްވައިގެން ހުންނެވި ޒިޔާ ހާޝްމީއެވެ. ޣަޒާލާގެ ކުޑައިރުގެ ދުވަސްތައް ހޭދަކުރެއްވީ މަލަކެޓުގައި ހުންނަ މަންމަ ފަރާތުގެ ކާފަ އާއި މާމަގެ ގޭގައެވެ. އޭނާގެ ރަސްމީ ޕްރޮފައިލްގައިވާ ގޮތުން އުމުރުން ހަތަރު އަހަރުގައި މަންމަ އާއި ދޮށީ ކޮއްކޮއާ އެކު އޭރު ޖޯޖިއާގައި ދިރިއުޅުނު ބައްޕަ ކައިރިއަށް ހިޖްރަކުރިއެވެ.
ހައި ސްކޫލް ކްލާހުގެ ވެލެޑިކްޓޯރިއަންގެ ގޮތުގައި ޑިގްރީ ހާސިލްކޮށް، އެތައް ސްކޮލަޝިޕްތަކާއި ފެލޯޝިޕްތަކެއް ހޯދުމަށް ފަހު ޣަޒާލާ ވަނީ ޖޯޖިއާ ސަދަން ޔުނިވާސިޓީން, ބެޗްލާސް އޮފް އާޓްސް (ބީއޭ) ފުރިހަމަކުރައްވައި، އެޓްލާންޓާގެ އެމޯރީ ޔުނިވާސިޓީން އެމެރިކާގެ އަދަބިއްޔާތުން ޕީއެޗްޑީ ހާސިލްކުރައްވާފައެވެ.
އޭގެ ފަހުން ފިރިމީހާ އަޒްހަރުއާއެކު ރިޗްމަންޑް ސަރަހައްދަށް ބަދަލުވެވަޑައިގެންނެވީ 1991 ވަނަ އަހަރުއެވެ. ޕްރޮފެސަރެއްގެ ގޮތުގައި ގާތްގަނޑަކަށް 30 އަހަރު ހޭދަކުރެއްވިއިރު، ފުރަތަމަ ޔުނިވާސިޓީ އޮފް ރިޗްމަންޑްގައި ފަހުން ރެއިނޯލްޑްސް ކޮމިއުނިޓީ ކޮލެޖުގައި ޚިދުމަތްކުރެއްވިއެވެ. ރެއިނޯލްޑްސްގައި ހުންނަވައިގެން ސެންޓާ ފޯ އެކްސެލެންސް އިން ޓީޗިން އެންޑް ލާނިން (ސީއީޓީއެލް) ގެ ފައުންޑިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރެއްވިއެވެ. އޭނާއަށް ދެ އަންހެން ކުދިން ލިބިވަޑައިގެންފައިވާއިރު، ދެ ކުދިންނަކީ ވެސް ޗެސްޓާފީލްޑް ކައުންޓީ ޕަބްލިކް ސްކޫލްތަކާއި ޔުނިވާސިޓީ އޮފް ވާޖިނިއާ އިން ޑިގްރީ ހާސިލްކޮށްފައިވާ ދެ ކުދިންނެވެ.