ގޫގުލް އޭއައިއިން ޓިކެޓާއި އެޕޮއިންޓްމަންޓް ބުކް ކުރެވޭނެގޮތް ހަދައިފިއެވެ.
ގޫގުލްއިން އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޯޑަށް އައު، މުހިންމު ގާބިލިއްޔަތުތަކެއް އިތުރުކޮށްފައިވާއިރު، މި އައު ފީޗާތަކުގެ އެހީގައި، ސީދާ ގޫގުލް ސާޗް މެދުވެރިކޮށް އިވެންޓްތަކުގެ ޓިކެޓް ގަތުމާއި، ބިއުޓީ އަދި ވެލްނަސް އެޕޮއިންޓްމަންޓްތައް ހެއްދުމުގެ މަސައްކަތް ފަސޭހަކަމާއެކު ކުރެވޭނެއެވެ.
މި އައު ޚިދުމަތުގެ ދަށުން، ޔޫޒަރުންނަށް ވަކި ކަމަކަށް އަމާޒުކޮށް އޭއައި މޯޑަށް އަމުރު ކުރެވިދާނެއެވެ. މިސާލަކަށް، "ޝަބޫޒީގެ ކޮންސަރޓަށް އަގުހެޔޮ ދެ ޓިކެޓް ހޯދައިދީ" ފަދަ އެދުމެއް އެދުމުން، އޭއައި އިން އެތައް ވެބްސައިޓެއް ބަލައި، އެވަގުތު ލިބެންހުރި އެންމެ އެކަށީގެންވާ ޓިކެޓްތަކުގެ ލިސްޓެއް ދައްކާލާނެއެވެ. އަދި ޓިކެޓް ގަތުމަށްޓަކައި ސީދާ އެ ވެބްސައިޓެއްގެ ބުކިން ޕޭޖަށް ގެންގޮސްދޭނެއެވެ.
މިއީ ގޫގުލް އިން މިފަދަ ޚިދުމަތެއް ތަޢާރަފްކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އޮގަސްޓް މަހު ގޫގުލް ވަނީ ރެސްޓޯރެންޓްތަކުން ރިޒަވޭޝަން ހެއްދުމުގެ ގާބިލިއްޔަތު ވެސް އޭއައި މޯޑަށް އިތުރުކޮށްފައެވެ. އެ ފީޗާ ބޭނުންކޮށްގެން، މީހުންގެ އަދަދާއި، ތާރީޚާއި، ގަޑި އަދި ކެއުމުގެ ބާވަތް ފަދަ ތަފްސީލުތައް ދީގެން ފަސޭހައިން ރިޒަވޭޝަން ހޯދޭނެއެވެ.
ގޫގުލް އިން ބުނާ ގޮތުގައި މި އައު ޚިދުމަތްތައް މިވަގުތު ލިބެން ހުންނާނީ އެމެރިކާގައި ތިބި "ސަޗް ލެބްސް" ގެ ޔޫޒަރުންނަށެވެ. އަދި ގޫގުލް އޭއައި ޕްރޯ އަދި އަލްޓްރާއަށް ސަބްސްކްރައިބްކޮށްފައިވާ ފަރާތްތަކަށް މި ޚިދުމަތް އިތުރު ފުރުސަތުތަކާއެކު ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މިދިޔަ މާޗް މަހު ތަޢާރަފްކުރި ގޫގުލް އޭއައި މޯޑް މިހާރު ދުނިޔޭގެ 180 އަށް ވުރެ ގިނަ ގައުމުގައި ބޭނުންކުރަމުން އަންނައިރު، ގޫގުލްއިން ދަނީ މި ޚިދުމަތް އިތުރަށް ތަރައްޤީކޮށް، އައު ފީޗާތައް ތަޢާރަފްކުރަމުންނެވެ.
މި އައު "އޭޖެންޓިކް" ޚިދުމަތްތައް މިވަގުތު އެމެރިކާގެ ޔޫޒަރުންނަށް ޚާއްސަކޮށްފައި ވިޔަސް، ގޫގުލްގެ އޭއައި މޯޑަކީ ދިވެހިންނަށްވެސް ބޭނުންކުރެވޭ ޚިދުމަތެކެވެ. އެހެންކަމުން، މުސްތަޤްބަލުގައި މި ފީޗާތައް ބައިނަލްއަޤްވާމީ ފެންވަރުގައި ދޫކޮށްލުމުން، ދިވެހި ޔޫޒަރުންނަށްވެސް ޓިކެޓާއި އެޕޮއިންޓްމަންޓް ބުކްކުރުމުގެ ފަސޭހަ ލިބިގެންދާނެއެވެ. ނަމަވެސް، މި ސަރަޙައްދުގެ ޤައުމުތަކަށް މި ޚިދުމަތްތައް ރަސްމީކޮށް ދޫކޮށްލާނެ ވަކި ތާރީޚެއް ގޫގުލްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.