ސިޓީން ވަކިވި ހުޅުދޫމީދުއަށް ދެއްވި ޔަގީންކަން: އައްޑުއަށް ހަމަހަމަ ގޮތުގައި ތަރައްގީ ގެނެސްދޭނަން

ރައީސް ހުޅުދޫމީދޫގައި: އައްޑުއަށް ހަމަހަމަ ގޮތުގައި ތަރައްގީ ގެނެސްދެއްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އައްޑޫ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތުގައި ތަރައްގީ ހާސިލްވަންދެން މި ސަރުކާރުން މަސައްކަތްކޮށްދޭނެ ކަމުގެ ޔަގީންކަން، އެ ސިޓީގެ ހުޅުދުއާއި މީދޫގެ ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހުޅުދޫމީދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަނީ، ވަކި ކައުންސިލްތައް ހެދުމަށް ދެ ރަށުން މިދިޔަ މަހުގެ 25ގައި ދިން ވޯޓަށް އިޝާރާތްކުރައްވައިފައެވެ. އެގޮތުން އިދާރީގޮތުން ވަކިކުރުމަކީ ދެ ރަށުގެ ތަރައްގީގެ ފެށުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރުގެ ކައުންސިލް އިންތިޚާބަށް ދަހު ދެ ރަށުގައި ކައުންސިލް އުފެދޭއިރު، އިހުތިސާސް އޮންނާނީ ކިހިނެއްތޯ ބައެއް މީހުން ސުވާލު އުފައްދާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން އަމަލުކުރާނީ، ދެ ރަށުގެ މީހުން މިއަދާ ހިސާބަށް އަމަލުކުރަމުން އައި ގޮތަށް ކަމަށެވެ.

"ސަރުކާރުން އާ ކަމެއް އީޖާދެއް ނުކުރާނެ. މިއަދާ ހަމައަށް އައި އިރުގައި ވެސް، މި ވޯޓު ނެގުމުގައި ވެސް ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންތައް މިކުރީ. މިއަދާ ހަމައަށް އައިއިރު، ކުރީ ޒަމާނުއްސުރެއް ހުޅުދޫ އަދި މީދޫ ހިނގަމުން އައި ގޮތް. އެއީ ހަމަ އެކަން އަޅުގަނޑުމެން ވެސް ކުރިއަށްދާނެ ގޮތަކީ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މީގެ ކުރިން ބައެއް ސަރަހައްދުތަކުގައި އެކިއެކި މަސްލަހަތު އިސްކޮށް، އެކި ބޭނުންތަކުގައި ބައެެއް ރަށްރަށާ މެދު ތަފާތުކޮށް އަމަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ރައީސް ގަބޫލުކުރައްވާ ގޮތެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ހުޅުދޫމީދޫގައި: އައްޑުއަށް ހަމަހަމަ ގޮތުގައި ތަރައްގީ ގެނެސްދެއްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން، މި ވެރިކަމުގައި ތަފާތުކުރުންތައް ނައްތާލައި، ހަމަހަމަކަން ގެންނަން މަސައްކަތްތައް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާއާއި، ވަޒީފާއާއި އުމްރާނީ ތަރައްގީގެ ގޮތުން ވެސް އައްޑޫ ހަމަހަމަކޮށް ތަރައްގީކުރަން މަސައްކަތް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ޑިމޮކްރަސީގައި ވެސް އޮންނަ ހަމައަކީ، ނިކަމެތި ކުރެވިފައިވާ ފަރާތްތަކަށް، ބާކީ ކުރެވިފައިވާ ފަރާތްތަކަށް، އިސްކަމެއް ދިނުން، އެއީ ތަފާތު ކުރުމެއް ނޫން. ޒަމާންތަކެއް ވަންދެން ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ބާރުގަދަ ފަރާތްތަކުން އަޑުގަދަ ފަރާތްތަކުން ހުރިހާ ބާރަކާއި ހުރިހާ މޮޅެއް ހޯދައިގެން ތިބުމުގެ ތެރެއިން ނިކަމެތިވެގެން، މާޖިނަލައިޒް ވާ ފަރާތްތައް ދަނީ މާޖިނަލައިޒް ވަމުން،" ރައީސް ވިދާޅުވިއެވެ.

"އެ ފަރާތްތަކަށް، މަތީގައި ތިބި ފަރާތްތަކާ ހަމައަށް ގެންނަ ކަމަށްވާނަމަ ދޭން ޖެހޭނެ ޕޮޒިޓިވް ޑިސްކްރިމިނޭޝަނެއް، އިސްކަމެއް ދޭން ޖެހޭނެ."

އެ ސިޔާސަތުގެ ދަށުން ހުޅުދުއާއި މީދޫ ވެސް ހަމަހަމަކޮށް ދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ، ހުޅުދޫމީދޫ، ހިތަދޫއާ ގުޅުވާލުމަށް އަޅާ ބުރިޖުގެ މަސައްކަތް އަންނަ އަހަރު ފެށޭނެކަން ފާހަގަކުރައްވައިފައެވެ. އެގޮތުން، ހަ މަސް ދުވަހުގެ ތެރޭގައި ބުރިޖުގެ މަސައްކަތުގެ ހުރިހާ ކުރެހުންތަކާއި ހުރިހާ ފަންނީ މައުލޫމާތަކާ އެއްކޮށް ތިން ޑިޒައިން ހުށަހަޅަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އަމާޒަކީ އަންނަ އަހަރު ބުރިޖުގެ މަސައްކަތް ފެށުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހުޅުދޫމީދޫގެ ރައްޔިތުންގެ އެދުމަށް، ކައުންސިލްތައް އޮންނަންވީ ގޮތާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓު ނެގިއިރު، އެ ދެ ރަށުގެ ރައްޔިތުން އެންމެ ބޮޑު ކަންބޮޑުުވުމެއްގެ ގޮތުގައި ފާޅުކުރީ އެކަހެރިކޮށް އޮންނަ އެ ދެ ރަށަށް ވަސީލަތްތަކާއި ޚިދުމަތްތައް ނުލިބުމެވެ. އަދި ޚިދުމަތްތައް ހޯދަން ކަނޑެއް ހުރަސްކޮށް، ގުޅިފައިވާ ރަށްތަކަށް ދާން ޖެހުމެވެ.

comment ކޮމެންޓް