މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރެވިފައިވާ މީހަކު، ފުލުހުން އަމަލުކުރި އިޖުރާއަތުތައް ގޯސް ކަމަށް ބުނެ، މިހާރު ސަސްޕެންޑްކޮށްފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝީދު ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފުކޮށްފިއެވެ.
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ކުރިން ތުހުމަތު ކުރެވިފައިވަނިކޮށް ދޫކޮށްލާފައިވަނީ ސ. ހިތަދޫ ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދެވެ. ރެކޯޑްތަކުން ދައްކާ ގޮތުން، އަލީ އަންވަރު މުހައްމަދަކީ، 2019 ވަނަ އަހަރު، އިރާން ބޯޓެއްގައި ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކޮށް ދައުލަތުން ދައުވާ ކުރި މީހެކެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް، އޭނާ ދޫކޮށްލުމުން އޭނާ ފުރައިގެން ދިޔައީ އަވައްޓެރި ލަންކާއަށެވެ. އެކަމަކު، ލަންކާއަށް އޭނާ އެތެރެވިޔަ ނުދީ ފޮނުވާލުމުން އޭނާ އަލުން ވަނީ ހައްޔަރުކޮށްފައެވެ.
އަލީ އަންވަރު މުހައްމަދު، ދޫކޮށްލީ، އޭނާގެ ބަންދަށް ފަސް ދުވަސް ޖެހުމަށް ފަހު، އެ މުއްދަތު ހަމަވެގެން، އަލުން ކޯޓަށް ހާޒިރުކުރުމުން އެއްވެސް ޝަރުތެއް ނެތި، ގާޒީ ފާއިޒްއެވެ.
ފާއިޒް މިހާރު ސަސްޕެންޑްކޮށްފައި ހުރިއިރު، ފާއިޒްއާ ދެކޮޅަށް ޖޭއެސްސީއަށް ހުށަހެޅި ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި އަލީ އަންވަރު މުހައްމަދު ދޫކޮށްލުންވެސް ހިމެނޭ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެކަމަކު ޖޭއެސްސީން އެކަމާގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އަލީ އަންވަރު މުހައްމަދު ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފައިވަނީ މި ހަފުތާގައި ކަމަށް ހައިކޯޓުގެ ރަޖިސްޓްރީން ދައްކައެވެ. އޭނާ ދޫކޮށްލި ސަބަބެއް ކަމަށް ގާޒީ ފާއިޒު އޭރު ފާހަގަ ކުރައްވާފައިވަނީ މައިގަނޑު ގޮތެއްގައި ފުލުހުން އަމަލުކުރި ގޮތެވެ.
އެއީ، އަލީ އަންވަރު މުހައްމަދު ހައްޔަރު ކުރުމުގެ އަމުރަކާއި އޭނާގެ ތަންތަން ބަލައި ފާސްކުރުމުގެ އަމުރެއް އޮވެމެ، އިޖުރާއަތުތަކާ ހިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށް ވިދާޅުވެއެވެ. ގާޒީ ވިދާޅުވެފައިވާ ގޮތުގައި ފުލުހުން އަލީ އަންވަރު މުހައްމަދުގެ ތަންތަން ބަލައި ފާސްކުރުމުގެ އަމުރުގެ ދަށުން ތަންތަން ބަލައި ފާސްކުރީ އޭނާ ހައްޔަރު ކުރުމަށް ފަހުއެވެ.
އޭނާ ހައްޔަރު ކުރުމަށް ފަހު އޭނާ ބަލައި ފާސްކުރިއިރު ތުހުމަތު ކުރެވޭ މައްސަލައާ ގުޅުންހުރި އެއްވެސް ހެއްކެއް ފެނިފައިނުވާކަމަށް އޭނާ ބަންދުން ދޫކޮށްލި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ރިކޯޑްތަކުން ދައްކާ ގޮތުން، 2019 ވަނަ އަހަރު އޮކްޓޫބަރު މަހުގައި ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުން އަތުލައިގަތް އީރާނުގެ ބޯޓެއްކަމަށްވާ ''އަލްޝަބާން'' އިން 70 ކިލޯގެ ޑްރަގް ފެނުނު މައްސަލައިގައި ފަސް ދިވެހިންނާއި އީރާންގެ ހަ މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރުކުރި ކޭސްގެ ބޮޑެއްކަމުގައި ފުލުހުން ތުހުމަތު ކުރީ އަލީ އަންވަރު މުހައްމަދެވެ.
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބެލެވޭ އަލީ އަންވަރު މުހައްމަދު ކޯޓުން ދޫކޮށްލިއިރު، މި ފަހުން މަސްތުވާތަކެތީގެ ބޮޑު ކޭސްއެއްގައި ހިމެނޭ މީހެއްގެ މައްސަލަ ދައުލަތުން އެދިގެން އަނބުރާ ގެންގޮސްފައިވެއެވެ.
އެއީ 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެކެވެ. އޭގެ ފަހުން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގެ އިސްތިއުނާފު ފީ ނުދައްކައިގެންވެސް މައްސަލަ ކޯޓުން ބޭރުކޮށްލާފައިވެއެވެ. އެކަމަކު އެ މައްސަލަ ފަހުންވަނީ ބަލައިގަންނަން ނިންމާފައެވެ.